އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ބަލިވެއްޖެ އެވެ.
އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީ ރޭ ބަލިވީ 0-3 އިންނެވެ.
ލީގުގައި ޗެލްސީ މިވަގުތު އޮތީ 48 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެޓީމު ވަނީ އެންމެ ފަހުން ލީގުގައި ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.
ހުރިހާ މުބާރާތެއްގައި ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލެއް ވެސް ޖެހިފައެއްނުވެ އެވެ. މިއީ މީގެ 1912 ވަނަ އަހަރުގެ ފަހުން މިފަދަ ދަށް ރެކޯޑެއް އެޓީމުން ތަޖުރިބާކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ފަހަކަށް އައިސް އިދިކޮޅު ޓީމުގެ ގޯލަށް އޮންޓާގެޓްކޮށް ޗެލްސީއަށް ހަމަލާއެއް ފޮނުވާނުލެވުނު ފުރަތަމަ މެޗެވެ. އިދިކޮޅު ގޯލުގެ ކީޕަރާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވި މީގެކުރިން ޗެލްސީގެ މެޗެއް ނިމިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހެވެ.
ޗެލްސީން ފެނުނު ދަށް ކުޅުމާއެކު ރޭ ޗެލްސީގެ ސަޕޯޓަރުން ވަނީ އެޓީމުގެ ކޯޗު ލިއަން ރޮސޭނިއާގެ އިސްތިއުފާއަށް ގޮވައިފަ އެވެ.
މެޗުން ބަލިވެ ދަށް ދުވަސްވަރެއް ތަޖުރިބާކުރަމުންދާ ޗެލްސީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު މިހާރު ވަނީ ހަނިވެފަ އެވެ.
ރޭގެ މެޗުގައި ބްރައިޓަންއަށް ގޯލުތައް ކާމިޔާބުކޮށްދިނީ، ފާޑީ ކަޑިއޮގްލޫ އާއި ޖެކް ހިންޝެލްވުޑްގެ އިތުރުން ޑެނީ ވެލްބެކް އެވެ. މޮޅާ އެކު ބްރައިޓަން ވަނީ ލީގުގެ 6 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
