Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޗެލްސީ ބަލިކޮށް އާސެނަލް ފިތް ކެނޑޭ ވަރުގެ މެސެޖެއް ސިޓީން ދީފި
ޗެލްސީ ބަލިކޮށް އާސެނަލް ފިތް ކެނޑޭ ވަރުގެ މެސެޖެއް ސިޓީން ދީފި
ޗެލްސީ ކޮޅަށް ގޯލު ޖެހުމަށް ފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ.

ޗެލްސީ ބަލިކޮށް އާސެނަލް ފިތް ކެނޑޭ ވަރުގެ މެސެޖެއް ސިޓީން ދީފި

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 13 އެޕްރީލް 2026

އާސެނަލްއާ އެކު ޕްރިމިއާ ލީގު ރޭހަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީން ރޭ ރަށުން ބޭރުގައި 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ. 

ލީގުގެ އެއް ވަނައިގައި އާސެނަލް މިވަގުތު އޮތީ 70 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ސިޓީ ދެ ވަނައިގައި އޮތީ 64 ޕޮއިންޓާ އެކު އެވެ. އެކަމަކު ސިޓީ އަށް އިތުރަށް މެޗެއް އެބައޮތެވެ. 

ލީގުގައި އަންނަ އާދީއްތަ ދުވަހު ސިޓީ އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ސިޓީ އަށް އާސެނަލާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. އެކަމަކު އެ މެޗު އެއްވަރުކޮށްލައިގެން ލީގު ހޯދުމުގެ ބޮޑު ފުރުސަތެއް އާސެނަލަށް ވެސް ލިބޭނެ އެވެ. 

ލީގު މިހާރު އޮތް ގޮތުން އާސެނަލަށް ބާކީ ހަ މެޗު އޮތްއިރު ސިޓީ އަށް އޮތީ ހަތް މެޗެވެ. 

ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ. ސިޓީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 51 ވަނަ މިނެޓުގައި ޖެހީ ނިކޯ އޮރެއިލީ އެވެ. އޭގެ އިރުކޮޅެއް ފަހުން ސިޓީގެ ދެ ވަނަ ގޯލު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކް ގެހީ އެވެ. ސިޓީގެ ފަހު ގޯލު 68 ވަނަ މިނެޓުގައި ޖެހީ ޖެރިމީ ޑޯކޫ އެވެ. 

ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވިފަހުން އޭޕްރީލް މަހަކީ އެޓީމަށް އެންމެ ކާމިޔާބު މަހެވެ. އެންމެ ފަހުން އޭޕްރީލް މަހުގައި ސިޓީ ކުޅުނު 32 މެޗުގެ ތެރެއިން 29 މެޗުން ވަނީ މޮޅުވެފަ އެވެ. އޭޕްރީލް މަހު ލީގުގައި ސިޓީ އެންމެ ފަހުން ބަލިވީ މީގެ ފަސް އަހަރު ކުރިންނެވެ. 

ސިޓީ އަތުން ބަލިވި ޗެލްސީ މިވަގުތު އޮތީ 48 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ލީގުގައި ބާކީ ހަ މެޗު އެޓީމަށް އޮތްއިރު، ލީގުގެ ގަދަ ހަތަރަކަށް އަރަން އެޓީމަށް ވަނީ އުނދަގޫވެފަ އެވެ. އަނެއްކޮޅުން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފަ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings