ފުޓްބޯޅައަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު މި ނޫން ކަމަކަށް މިހާރު އިންތިޒާރު ކުރާނެ ހެނެއް ހިއެއް ނުވެ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓްގައި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ވިލާތުގެ އާސެނަލް ބައްދަލުކުރާއިރު މިއީ ޝައުގުވެރި ފައިނަލަކަށް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދު ކުރަމުންނެވެ.
މިރޭގެ ފައިނަލަށް ޕީއެސްޖީ ނުކުންނައިރު އެ ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަނެއް ކޮޅުން އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް މިއައީ 20 އަހަރަށް ފަހު އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލުން މީގެ ކުރިން ކުޅުނު ހަމައެކަނި ފަހަރު އެ ޓީމު ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ.
މިރޭގެ ފައިނަލްގައި ކުޅޭ ދެ ޓީމުގެ ތެރެއިން އާސެނަލްގެ އެންމެ ވަރުގަދަ އެއް ޓިޕާޓްމަންޓަކީ އެ ޓީމުގެ ފަހަތް ކަމަށް ވާއިރު އެ ޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ނުރައްކާތެރި ފޯވާޑް ލައިނެއް އޮތް ޕީއެސްޖީގެ ހަމަލާތައް ހުއްޓުވުން ކަމަށް ބެލެވެ އެވެ.
އާސެނަލްގެ ތާރީހުގައި އާ ބާބެއް ހުޅުވާލަން ކެތްމަދުވެފައި
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވަނީ ފައިނަލް މެޗަށް އާސެނަލުން ވަރަށް ރަގަޅަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި މެޗަށް އަހަރެމެން މި އަންނަނީ ވަރަށް ރަގަޅަށް ތައްޔާރުވަމުން. ވަރަށް ބޮޑަށް ސަމާލުވެގެން މި ތިބީ. އަދި ވަރަށް ބޮޑު އުންމީދެއްގަ އެންމެންވެސް މި ތިބީ. އަހަރެމެންނަށް މިހާ ހިސާބަށް މި އާދެވުނީ މި ހިސާބަށް އަންނާނެ ގޮތް އަހަރެމެން ދަސްކުރީމަ. އަހަރެމެން މިހާތަނަށް މި މުބާރާތުގަ ދެއްކި ކުޅުމަށް ބަލާއިރު އަހަރެމެންނަށް މުބާރާތުގެ ތަށި އުފުލާނުލެވޭންވީ އެއްވެސް ސަބަބެއް ނެތް.
އާޓެޓާ ބުނެފައިވެއެވެ.
އާޓޭޓާ ފާހަގަކުރި ގޮތުގައި 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އާސެނަލުން މިދިޔަ އާދިއްތަ ދުވަހު އުފުލާލި ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލާ އާސެނަލް ކުރިމަތިލާއިރު އޮތް ޕްރެޝަރު އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުވެ އެވެ.
"މިހާރު އުންމީދުތައް އަދި މާ މަތިވެއްޖެ. އަހަރެމެން އަތުގަ މިހާރު އެއް ތަށި އެބަ އޮތް. އެހެންވެ ދެވަނަ ތައްޓަކަށްވެސް ބޭނުންވެފަ އެންމެން ތިބީ."

އާޓޭޓާ ބުނިގޮތުގައި ޕީއެސްޖީ އަކީ މޮޅު ޓީމެއް ކަމަށާއި، އެކަމަކު އާސެނަލަށް މިރޭގެ މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ޕީއެސްޖީ އަކީ އެންމެ ފަހުގެ ޗެމްޕިއަން. އަހަރެމެން މި ނުކުންނަނީ އެމީހުން އަތުން އެ ތަށި އަތުލަން. މިއީ އަހަރެމެން ޗެމްޕިއަންސް ލީގު ފައިނަލްގަ ކުޅޭ ދެވަނަ ފަހަރު. އަދި މިއީ އާސެނަލްގެ ތާރީހުގަ މުޅިން އާ ބާބެއް ހުޅުވާލަން އަހަރެމެންނަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެއް. މިކަން ކުރުމަށްޓަކައި އަހަރެމެންގެ ކޮންމެ ކުޅުންތެރިއެއްގެ ވަރަށް ހިތްވަރު ހުންނަން ޖެހޭ. އަދި ކުރަން މިއުޅެނީ ކީއްކަން އެނގި، މިކަމަށް ވަރަށް ބޮޑަށް ބޭނުންވެގެން މަސައްކަތްކުރަން ޖެހޭނެ. މި ތިން ކަންތައް އަހަރެމެންގެ ކުޅުންތެރިންގެ ކިބައިގަ ރަގަޅަށް ހުރެއްޖެ ނަމަ ތަށި ހޯދުމާ ވަރަށް ގާތަށް އަހަރެމެންނަށް ދެވޭނެ."
އާޓޭޓާ އިތުރަށް ފާހަގަކުރި ގޮތުގައި އާސެނަލަށް މި ތަށި ކާމިޔާބުކުރެވިއްޖެ ނަމަ އެކަން ވާނީ ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް އާ ކަމަކަށް ކަމަށާއި އާސެނަލް ކަހަލަ ކްލަބެއްގެ ތާރީހުގައި އާ ސޮފްހާ އެއް ލިޔުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ޓީމުގެ އެންމެންވެސް ބޮޑު ޝައުގުވެރިކަމެއްގައި މިވަގުތު އެތިބީ އެކަން ކުރަން މިފަހަރު ފުރުސަތު ލިބިފައި އޮތުމުން ކަމަށް އާޓެޓާ ބުނެފައިވެ އެވެ.
އެންރީކޭ ބުނަނީ ފޭވަރިޓެއް ނެތް ކަމަށް
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ މިރޭގެ މެޗު ވާނީ ވަރަށް ވާދަވެރި މެޗަކަށް ކަމަށާއި، މެޗަށް ނުކުންނބައިރު ވަކި ޓީމެއް އެއީ ފޭވަރިޓުން ކަމަށް ބެލެވެން ނެތް ކަމަށެވެ.
ވަރަށް ތެދަށް މި ބުނަނީ. އަހަރެންނަކަށް ހިޔެއް ނުވޭ ވަކި ފޭވަރިޓް ޓީމެއް މިތާ އޮތް ހެނެއް. މި މެޗު ވާނީ ވަރަށް ވާދަވެރި މެޗަކަށް. އަހަރެމެން ޖެހޭނެ 90 މިނެޓް ވަންދެން އަހަރެމެންގެ ހުރި ހުރިހާ އެއްޗެއް ނެރެން. އަދި ހަމައެއާއެކު އެ 90 މިނެޓް ވާންޖެހޭނެ ވަރަށް ގަޔާވެގެން ކުޅޭ 90 މިނެޓަށް ކަމަށްވެސް.
އެންރީކޭ ބުނެފައިވެ އެވެ.
ކުރިން ބާސެލޯނާގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކުރި އެންރީކޭ ބުނެފައިވަނީ އާސެނަލް ޕްރިމިއާ ލީގު ކާމިޔާބު ކުރުމުން އެކަމާ ހައިރާން ނުވާ ކަމަށާއި، އެ ޓީމުގެ ކުޅުން މި ސީޒަންގައި ތަފާތު ކަމަށެވެ.
"އެއީ އާސެނަލަށް ހައްގު ކާމިޔާބެއް. އެއީ ޕްރިމިއާ ލީގުގަ މިފަހަރު އޮތް އެންމެ ރަގަޅު ޓީމު. އެމީހުން އެއް ފެންވަރެއްގަ މުޅި ސީޒަން ހިފެހެއްޓި. އަނެއް ކޮޅުން މެންޗެސްޓާ ސިޓީ ކަހަލަ ކްލަބެއް ފަހަތުގަ ވިއްދާފަ އޮއްވަ ލީގު ކާމިޔާބުކުރުމަކީ އެއްވެސް ޓީމަކަށް ފަސޭހަ ކަމަކަށް ނުވާނެ."

އާޓެތާއެކޭ އެއްގޮތަށް އެންރީކޭ ވެސް ބުނެފައިވަނީ މިރޭގެ ފައިނަލަށް ޕީއެސްޖީން ވަރަށް ރަގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
"އަހަރެމެން ފައިނަލް މެޗަށް ތައްޔާރުވަމުން އައި އިރު އެންމެ ގިނަ ވަގުތު ހޭދަކުރީ އިދިކޮޅުން ކުޅޭ ޓީމު ދިރާސާކުރުމުގަ. އިދިކޮޅުން ކުޅެނީ އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ ބައެއް. މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް އަހަރެމެން މި މުބާރާތުގަ އެމީހުންނާ ވާދަކުރިން. ބައެއް ކަންކަން އެބަހުރި އަހަރެމެން އިތުރަށް ރަގަޅު ކުރަން ޖެހޭ. އަހަރެން އުންމީދު ކުރަނީ އަހަރެމެންގެ ކުރި އާއި ފަހަތް ވެސް ކުރީ ފަހަރުތަކަށް ވުރެ ވެސް ރަގަޅަށް ފައިނަލްގައި މަސައްކަތްކުރާނެ ކަމަށް." އެންރީކޭ ބުނެފައިވެ އެވެ.
އާސެނަލް އާއި ޕީއެސްޖީ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.
