އިނގިރޭސި ޕްރިމިއާ ލީގުގެ ޓޭބަލްގެ އެއް ވަނައިގައި އޮތް އާސެނަލަށް ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ބޮޑުކުރަން ލިބުނު ފުރުސަތު އެޓީމުން ނަގާލައިފި އެވެ.
ޓޭބަލްގެ އެއް ވަނައިގައި އާސެނަލްގެ މަގާމު ވަރުގަދަކުރަން ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް ހިފޭގޮތް ނުވީ ރޭ ރަށުން ބޭރުގައި ޓޭބަލްގެ ފުލުގައި އޮތް ވުލްވްސްއާ ވާދަކޮށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ. މި މެޗުން އާސެނަލަށް ދެ ޕޮއިންޓް ގެއްލުނީ އެޓީމުން ދެ ލަނޑުގެ ލީޑެއް ނަގައިފައި އޮއްވަ އެވެ.
ރޭގެ މެޗަކީ 2004 ގެ ފަހުން އަލުން ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް މަސައްކަތްކުރަމުން އަންނަ އާސެނަލް ލީގުގައި ޖެހިޖެހިގެން އެއްވަރުވި ދެ ވަނަ މެޗެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭގެ ނަތީޖާއާއެކު އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް އިތުރުވެފައިވަނީ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.
ރޭގެ މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑު މެޗު ފަށައިގެން ފަސް ވަނަ މިނެޓްގެ ތެރޭގައި ކާމިޔާބުކުރީ އާސެނަލާ އެކު ހަދައިފައިވާ ކޮންޓްރެކްޓް މިދިޔަ އަންގާރަ ދުވަހު އާކުރި އިނގިރޭސި ފޯވާޑް ބުކަޔޯ ސަކާ އެވެ. ދެވަނަ ގޯލް މެޗުގެ 56 ވަނަ މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕިއެރޯ ހިންކެޕިއޭ އެވެ.
އާސެނަލުން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު އެޓީމުން މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު އާސެނަލުން ދެވަނަ ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ވުލްވްސްއިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމުން މެޗުގެ ފޯރި އިތުރުވެ އާސެނަލަށް ސިހުން ލިބުނެވެ. ވުލްވްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ސްޕެއިންގެ ޑިފެންޑަރު ހޫގޯ ބުއޭނޯ އެވެ.
ވުލްވްސްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ޒުވާން ފޯވާޑް ޓޮން އެޑޯޒީ އެވެ. އެޑޯޒީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ގޯލު ރޮނގުމަތީ ހުރި ރިކާޑޯ ކަލެފިއޯރީގެ ގައިގައި ޖެހިފަ އެވެ.
ލީގު ހޯދުމުގެ ރޭހުގައި އާސެނަލަށް ހުރަސްތައް ކުރިމަތިވަމުން އަންނައިރު އެޓީމު އަދި މި ސީޒަންގައި ވާދަކުރަމުން އަންނަ އެއްވެސް މުބާރާތަކުން ނުކަޓަ އެވެ.