އިނގިރޭސި ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކަށްވެސް އަދި ބާކީ 15 މެޗު ކުޅެން އޮތްއިރު ވަކި ޓީމަކަށް ލީގު ލިބޭނެކަން ކަނޑައަޅަން އަދި މާ އަވަސް ކަމަށް ބުނެވިދާނެ އެވެ.
ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލުން މިފަހަރުގެ ލީގު ކާމިޔާބުކުރާނެ ކަމަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ގަބޫލުކުރި ފަރާތްތައް މިދިޔަ ދެ ހަފްތާއެއްގެ ތެރޭގައި ކަންވީގޮތުން މިހާރު އެކަމާ މެދު ޝައްކު އުފެއްދުން ގާތެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ އާސެނަލް ބަލިވި މެޗަކީ އެ ޓީމަށް ޖެހިޖެހިގެން ޕޮއިންޓް އުނިވި ތިންވަނަ މެޗެވެ. އެއާއެކު ޓޭބަލްގެ އެއްވަނައިގައި އާސެނަލަށް ހިފެހެއްޓެން އޮތް ހަތް ޕޮއިންޓްގެ ލީޑު މިހާރު އޮތީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.
ކޮންމެ ގޮތަކަށް ކަން އޮތަސް މިފަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކުރުން އެންމެ ގާތް ކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލުކުރާ ޓީމަކީ އާސެނަލެވެ. މިހާ ހިސާބުން ތާރީހުގައި ކަން ހިނގާފައި އޮތް ގޮތަށް ރިއާޔަތްކޮށް އާސެނަލަށް އެ ފުރުސަތު އޮތީ ކިހާވަރަކަށްތޯ ބަލާލަމާ ހިނގާށެވެ.
އާސެނަލް އިތުރަށް ފަހަތަށް ސޮއްސާލައިފާނެތަ؟
ސީޒަންގެ މިހާ ހިސާބަށް ދިޔައިރު ލީގުގެ އެއްވަނައިގައި އާސެނަލް މީގެ ކުރިން އޮތީ ތިން ފަހަރަކު އެވެ. އެކަމަކު އެ ތިން ފަހަރުގެ ތެރެއިން އާސެނަލަށް ލީގު ކާމިޔާބުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 04-2003 ވަނަ އަހަރުގެ ސީޒަންގައި އެއްވެސް މެޗަކުން ބަލި ނުވެ އާސެނަލުން ޕްރިމިއާ ލީގުގެ ތަށި އުފުލާލި ފަހަރެވެ.
އެފަހަރުގެ ސީޒަންގައި 23 މެޗު ކުޅެ ނިމުނު އިރު އާސެނަލް އޮތީ އެންމެ ދެ ޕޮއިންޓްގެ ލީޑެއްގަ އެވެ. ހަމަ އެވަރުގެ ލީޑެއް 2022 ވަނަ އަހަރުގެ ސީޒަންގައި މިކެލް އާޓޭޓާގެ އިރުޝާދުގެ ދަށުން އާސެނަލުން ނެގި އެވެ. އަދި އޭގެ ފަހުން 29 މެޗު އާސެނަލުން ކުޅެ ނިމުނު އިރު ފަހަތުގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ލީޑު 8 ޕޮއިންޓަށް ފުޅާވެސް ކުރި އެވެ. އެކަމަކު ފަހުން އެ ލީޑު ހިފެހެއްޓޭ ގޮތް ނުވީ އެވެ.
ލީގުގައި 23 މެޗު ކުޅެ ނިމިގެން އެއްވަނައިގައި އޮވެ އާސެނަލަށް އެންމެ ގިނަވެގެން ނެގިފައިވަނީ ފަސް ޕޮއިންޓްގެ ލީޑެކެވެ. އެއީ 2002 ވަނަ އަހަރުގެ ސީޒަންގަ އެވެ. އެކަމަކު އެފަހަރު އާސެނަލަށް ލީގު ނިންމާލަން ޖެހުނީ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ފަސް ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ.
ތާރީހު ބޮޑަށް ބުރަވަނީ އާސެނަލާ އެއްކޮޅަށް
ލީގުގެ މިހާ ހިސާބުގައި އެއްވަނައިގައި އޮތް ޓީމަކުން މަދުވެގެން ހަތަރު ޕޮއިންޓްގެ ލީޑެއް މީގެ ކުރިން 20 ފަހަރަކު ނަގައިފައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ހަތަރު ފަހަރު ފިޔަވައި ދެން ހުރި ހުރިހާ ފަހަރެއްގައިވެސް އެވަރުގެ ލީޑެއް ނަގައިފައި އޮތް ޓީމެއް ވަނީ ލީގު ކާމިޔާބުކޮށްފަ އެވެ.
ނިއުކާސަލް ޔުނައިޓެޑުން 1995 ވަނަ އަހަރުގެ ސީޒަންގައި 12 ޕޮއިންޓްގެ ލީޑެއް ނަގާފައި ވަނިކޮށް ތަށި އެހެން ދިމާއަކަށް ފުރޮޅިގެން ދިޔަ ދިއުމަކީ ޕްރިމިއާ ލީގުގެ ތާރީހުގައި މަޝްހޫރު ވާހަކަ އެކެވެ. އޭގެ ފަހުން 1997 ވަނަ އަހަރުގެ ސީޒަންގައި ފަސް ޕޮއިންޓްގެ ލީޑެއް ޔުނައިޓެޑުން ނަގާފައި އޮއްވައި އާސެނަލުން އެ ތަށި އަތުލިއިރު އޭގެ ފަސް އަހަރު ފަހުން އެކަން ފުރޮޅުނީ ދިމާ އިދިކޮޅަށެވެ. އެންމެ ފަހުން ހަތަރު ޕޮއިންޓްގެ ލީޑެއް މިހިސާބުގައި ލިބި ބޭކާރުކޮށްލީ ލިވަޕޫލުންނެވެ. 2019 ވަނަ އަހަރު ލިވަޕޫލުން ބާކީ އޮތް 15 މެޗު ބަލި ނުވެ ނިންމާލި ނަމަވެސް އެފަހަރު ލީގު ކާމިޔާބުކުރީ މެންޗެސްޓާ ސިޓީންނެވެ.
މީގެ އެއް ހަފްތާ ކުރިއަށް ޖެހިލާއިރު އޭރު ޓޭބަލްގެ އެއްވަނައިގައި އާސެނަލް ނަގާފައި އޮތް ހަތް ޕޮއިންޓްގެ ލީޑަށް ބަލާއިރު 22 މެޗަށްފަހު އެވަރުގެ ލީޑެއް ނެގި އެއްވެސް ޓީމެއް އަދި މި ގަރުނުގައި ލީގު ގެއްލުވާލައިފައެއް ނުވެ އެވެ.
އޭގެ ކުރިއަށް ބަލާއިރު 22 މެޗަށް ފަހު އެވަރުގެ ލީޑެއް ހޯދުމަށްފަހު ތަށި ގެއްލުވާލައިފައިވަނީ އެންމެ ދެ ކްލަބުންނެވެ. އެއީ 1996 ވަނަ އަހަރު ނުވަ ޕޮއިންޓްގެ ލީޑެއް ނެގި ނިއުކާސަލް އާއި 1998 ވަނަ އަހަރު ހަތް ޕޮއިންޓްގެ ލީޑަކާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑެވެ.