Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދަނޑިވަޅު ބަލައި އެތުލެޓިކޯ އިން ބާސެލޯނާ އަށް ބޮނޑި ދީފި
ދަނޑިވަޅު ބަލައި އެތުލެޓިކޯ އިން ބާސެލޯނާ އަށް ބޮނޑި ދީފި
އެތުލެޓިކޯއިން ބާސެލޯނާ ބަލިކުރި މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދަނޑިވަޅު ބަލައި އެތުލެޓިކޯ އިން ބާސެލޯނާ އަށް ބޮނޑި ދީފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 9 އެޕްރީލް 2026

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ވާދަވެރި ބާސެލޯނާ ބަލިކޮށްފި އެވެ.

ސްޕެނިޝް ލީގުގައި މިހަފްތާގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން 1-2 އިން ބަލިވެފައި އޮއްވައި އޭގެ ބަދަލު އެތުލެޓިކޯ އިން މި ހިފީ ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ.

އެތުލެޓިކޯއާ ދެކޮޅަށް ރޭ ބާސެލޯނާ ނުކުތްއިރު އެޓީމު އޮތީ ރޭގެ މެޗުގެ ކުރިން ބާސެލޯނާ ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން އެތުލެޓިކޯއަށް ބާސެލޯނާގެ މައްޗަށް ނޯކޭމްޕުގައި އެންމެ ފަހުން މޮޅުވެވިފައި އޮތީ 2006 ވަނަ އަހަރު އެވެ.

މި ހުރިހާ ނަތީޖާތަކުގެ ސަބަބުން އިތުބާރާއެކު ރޭގެ މެޗަށް ނުކުތް ބާސެލޯނާއިން ވަނީ މެޗުގެ ބޮޑުބައި އެތުލެޓިކޯއަށްވުރެ ރަނގަޅަށް ކުޅެފައެވެ. އެޓީމުން މުޅި މެޗުގައި ވަނީ 24 ހަމަލާ އެތުލެޓިކޯގެ ގޯލަށް ފޮނުވާލައިފައެވެ. މިހުރިހާ ކަމަކާއެކުވެސް ބާސެލޯނާއަށް ރޭގެ މެޗުގައި މައްސަލަތައް ކުރިމަތިވީ މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އެޓީމުގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެތުލެޓިކޯގެ ފޯވާޑް ގިލިއާނޯ ސިމިއޯނީ އަށް ކުރިފައުލަކާ ގުޅިގެން މެޗުގެ ރެފްރީ ފުރަތަމަ ކުބާސީއަށް ދެއްކީ ރީދޫ ކާޑެކެވެ. އެކަމަކު ފަހުން ވީއޭއާރު ބެލުމަށްފަހު ރަތް ކާޑަކަށް ބަދަލުކުރީ އެވެ.

އެތުލެޓިކޯއިން ލީޑު ނެގީ މި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން ބާސެލޯނާގެ ގޯލްކީޕަރަށް އަތު ނުވާ ހިސާބުން ގޯލްތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހުމިނެޓްގައި ކާމިޔާބުކުރީ އާޖެންޓީނާއަށް އުފަން ހޫލިއަން އަލްވަރޭޒް އެވެ.

ފަހު ހާފަށް ނުކުތްއިރު އެއް ލަނޑުން ފަހަތުގައި އޮތްނަމަވެސް ބާސެލޯނާއިން ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައިވެސް ރަގަޅުކުޅުމެއް ދެއްކި އެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރުމާ ދާދިގާތަށް ވެސް ދިޔަ އެވެ. އެކަމަކު ބާސެލޯނާއަށް ލިބުނު ހިލޭ ޖެހުމެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއާ އެވެ.

މެޗުގައި އެތުލެޓިކޯއިން ޖެހި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑާ ސޮލޯތެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ލިވަޕޫލް ވާދަކުރި މެޗު 0-2 އިން ކާމިޔާބުކުރީ ޕީއެސްޖީ އެވެ. ބަލިވެފައިވާއިރު ލިވަޕޫލްގެ ފަރާތުން ރޭ ފެނުނީ ވެސް ދަށް ކުޅުމެކެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިހަފްތާގައި މެންޗެސްޓާ ސިޓީއަތުން ވީ ބޮޑު ބައްޔާއެކު ރޭގެ މެޗަށް ނުކުތް ލިވަޕޫލަށް މެޗުގައި ޕީއެސްޖީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ. 

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު މެޗުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން ތަރި ޑެސާ ޑުއޯ އެވެ. އެޓީމުގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޗިވާ ކްރަވަޝްކީލިއޭ އެވެ. 

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގަ އެވެ. 

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings