ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ޒުވާން މިޑްފީލްޑް ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ދަނޑު ބޭރުގައި އަމަލުތައް ބަހައްޓާ ގޮތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރޭ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ގޯލް ޖެހުމަށްފަހު އުފާފާޅުކުރުމުގެ ތެރެއިން ރައްދުދީފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ގޯލް ބެލިންހަމް ކާމިޔާބުކޮށްފައިވާއިރު ރޭގެ މެޗު ރެއާލުން ކާމިޔާބުކުރީ 1-6 އިންނެވެ. މިއީ މިއަހަރު ފެށުނު ފަހުން އުމުރުން 22 އަހަރުގެ ބެލިންހަމް ރެއާލަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އުފާފާޅުކުރަމުން ބެލިންހަމް ވަނީ އެއްޗެއް ބޯ މަންޒަރު ސިފަވާ ގޮތަށް ހަރަކާތްކޮށްފަ އެވެ. އަދި މިހަރަކާތް ފެންނަ ވީޑިއޯ އިސާހިތަކު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވާން ފަށައިފަ އެވެ.
ބެލިންހަމް ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އެގޮތަށް އަމަލުކޮށްފައި މިވަނީ ސްޕެއިންގެ މަޝްހޫރު ޔޫޓިއުބާއެއް ކަމަށްވާ އާރޮން ޕެލޭ އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލުން ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބެލިންހަމްއާ ގުޅުވައިގެން ދެއްކި ވާހަކަތަކެއް ވައިރަލްވެފައި ވަނިކޮށެވެ. އާރޮން އަކީ 29 މިލިއަން މީހުން ސަބްސްކްރައިބްކޮށްފައިވާ ޔޫޓިއުބް ޗެނަލެކެވެ.
ބެލިންހަމާ ގުޅޭގޮތުން ވާހަކަދައްކަމުން އާރޮން ބުނެފައިވަނީ ބެލިންހަމަކީ ރާބުއިމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި، ސްޕެއިންގައި ހުރި ހުރިހާ ނައިޓް ކްލަބަކަށް ބެލިންހަމް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބެލިންހަމްގެ ކުޅުމަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެވާހަކަތަކުގެ ފަހުން ލީގުގައި ރެއާލް މެޑްރިޑުން ލެވަންޓޭއާ ދެކޮޅަށް ކުޅެ 0-2 އިން މޮޅުވި މެޗުގައި ސަޕޯޓަރުން ވަނީ ބެލިންހަމަށް ރައްދުވާ ގޮތަށް ތުނބުން ވެސް ފުމެފަ އެވެ.
މިހާރު އަހަރެންނަށް ހީވަނީ ކޮންމެ މީހަކުވެސް ކެމެރާއެއް ކުރިމަތީގައި ބަހައްޓައިގެން ކޮންމެ ފަދަ ވާހަކައެއް ބުނެފަ ދޫކޮށްލިޔަސް އެމީހަކު އެ ދައްކާ ވާހަކައެއް މުޅި ދުނިޔެ ގަބޫލުކުރާހެން. އެ ހެޔޮ އެއްވެސް ހެއްކެއް ނެތަސް.” ރޭގެ މެޗަށް ފަހު ޓީއެންޓީ ސްޕޯޓްސްއާ ވާހަކަދައްކަމުން ބެލިންހަމް ބުނެފައިވެ އެވެ.
“އަހަރެންނަށް ހީވަނީ އެގޮތަށް ފަތުރާ ވާހަކަތަކާ މެދު ކަންކުރެވޭނެ އޮތީ ދެގޮތެއް ހެން. އެއީ އެ ވާހަކަތަކާ މެދު ހިތާމަކޮށް ރޮއި ހެދުން. ނޫނީ، އެކަމަށް ބީރުކަންފަތެއް ދިނުމަށްފަހު އެމީހަކު ކުރިއަށްދިއުން.” ބެލިންހަމް ބުނެފައިވެ އެވެ.
“ރޭ އެ ކުރި ހަރަކާތަކީ ސަޕޯޓަރުންނަށާއި، ހިތަށް އެރި ވާހަކައް ދައްކަމުން ފަތުރަމުން އަންނަ މީހުންނަށް ދައްކާލި ޖޯކެއް. އަހަރެންނަށް އެނގޭ އަހަރެން ކުރާ ކަންކަމުގެ ހަގީގަތް. އަދި އަހަރެންގެ އަމިއްލަ ދިރިއުޅުމުގަ ކަންކަން ކުރިއަށްގެންދަންވީ ގޮތް އަހަރެންނަށް އެނގޭ. ބޭރުން ދައްކާ ވާހަކައަކަށް އަހަރެން އަޅައެއް ނުލަން.” ބެލިންހަމް އިތުރަށް ބުނެފައިވެ އެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑުން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްފައިވާއިރު ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ ބްރެޒިލްގެ ފޯވާޑް ވިނިޝިއަސް ޖޫނިއާ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.