ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަށް މުބާރާތުގައި ވާދަކުރާ އިނގިރޭސި ހަ ކްލަބްގެ ތެރެއިން ފަސް ކްލަބް ދަތުރުކުރި އިރު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑަށް ޕްލޭ އޮފް ކުޅެން ޖެހިއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ކްލަބް ކަމަށްވާ އާސެނަލް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުގެ ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރުކުރީ ލީގު ފޭސްގައި ވާދަކުރި 36 ޓީމުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދި 8 ޓީމްގެ ތެރޭގައި ހިމެނިގެންނެވެ. ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައިވާ ގޮތުން ލީގް ފޭސްގައި އެންމެ ރަގަޅު ނަތީޖާ ހޯދާ 8 ޓީމަށް އޮޓަމެޓިކުން މުބާރާތުގެ ގަދަ 16 ޓީމް ވާދަކުރާ ނޮކައުޓް ބުރުން ޖާގަ ކަށަވަރުވާއިރު، 9 ވަނައިން ފެށިގެން 24 ވަނައާ ހަމައަށް ހިމެނޭ 16 ޓީމް ޖެހެނީ ދެ ލެގް ހިމެނޭ ޕްލޭ އޮފެއްގައި ވާދަކުރާށެވެ.
މުބާރާތުގެ ލީގު ފޭސްގައި ވާދަކޮށް އެންމެ ރަގަޅު ނަތިޖާ ހޯދި 8 ޓީމްގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ކްލަބްގެ އިތުރުން ދެން ހިމެނުނީ ދެވަނަ ހޯދި ބަޔާން މިޔުނިކާއި ފަސް ވަނައިގައި ނިންމާލި ބާސެލޯނާގެ އިތުރުން ހަތް ވަނަ ހޯދި ސްޕޯޓިން އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ މެޗްތައް ނިމުނުއިރު އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކުރި އާސެނަލެވެ. އިނގިރޭސި ކްލަބްތަކުގެ ތެރެއިން ގަދަ އަށެއްގައި ދެން ހިމެނުނު ލިވަޕޫލުން ޓޭބަލްގެ ތިން ވަނަ ހޯދިއިރު، ޕްރިމިއާ ލީގުގައި މިވަގުތު ހާލުގައި އޮތް ޓޮޓެންހަމުން ވަނީ ހަތަރު ވަނަ ހޯދައިފަ އެވެ. އާ ކޯޗު ރޮސީނިއޯގެ އިރުޝާދުގެ ދަށުން ހަވަނައިގައި ޗެލްސީން ލީގު ފޭސް ނިންމާލިއިރު މެންޗެސްޓާ ސިޓީއަށް ލިބުނީ ގަދަ އަށެއްގެ އެންމެ ފަހު ޖާގަ އެވެ. ޗެމްޕިއަންސް ލީގުގައި ދެން ވާދަކުރާ އިނގިރޭސި ކްލަބް ނިއުކާސަލަށް ލިބުނީ 12 ވަނަ އެވެ.
ގަދަ އަށަކުން ޖާގަ ނުލިބުނު ޕީއެސްޖީ އާއި ރެއާލް މެޑްރިޑަށް މުބާރާތުގެ ލީގު ފޭސްގައި ރޭ ކުޅުނު ފަހު މެޗް ކާމިޔާބުކޮށްގެން އެ ފުރުސަތު ހޯދެން އޮތެވެ. ޕީއެސްޖީއަށް ފުރުސަތު ގެއްލުނީ އަމިއްލަ ދަނޑުގައި ނިއުކާސަލާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުވުމުންނެވެ. ރެއާލް މެޑްރިޑަށް ގަދަ އަށަކުން ޖާގަ ގެއްލުނީ ރޭ ރަށުން ބޭރުގައި ބެންފީކާއާ ވާދަކުރި މެޗުން 2-4 އިން ބަލިވުމުންނެވެ.
އޮޓަމެޓިކް ޖާގަ ކަށަވަރުކުރި 8 ޓީމުގެ އިތުރުން މުބާރާތުގެ ގަދަ 16 ގައި ވާދަކުރާ އަނެއް 8 ޓީމް ހޮވުމަށް ކުޅޭ ޕްލޭ އޮފް މެޗްތަކުގައި ބައްދަލުކުރަންޖެހޭ ޓީމްތައް ކަނޑައެޅުމަށް ބާއްވާ ގުރު ނެގުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. ޕްލޭ އޮފްގެ ފުރަތަމަ ލެގް އަންނަ މަހުގެ 17 ނުވަތަ 18 ވަނަ ދުވަހު ކުޅޭ ގޮތަށް ތާވަލުކޮށްފައިވާއިރު ދެވަނަ ލެގް ކުޅޭނީ ދެން ޖެހިގެން އަންނަ ހަފްތާގަ އެވެ.