ފުރަތަމަ ސަފްޙާ / ޚަބަރު / ނުރުހުން އަމާޒުވި ކުޅުންތެރިންގެ ހައްގުގައި އެމްބާޕޭ ބަސްބުނެފި

ނުރުހުން އަމާޒުވި ކުޅުންތެރިންގެ ހައްގުގައި އެމްބާޕޭ ބަސްބުނެފި

އެޑްމިން
އެޑްމިން
4 ހަފްތާ ކުރިން 20 ޖެނުއަރީ 2026

ސްޕެނިޝް ލީގުގައި އެންމެ ފަހުން ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެޓީމުގެ ދެތަރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ އާއި ޖޫޑް ބެލިންހަމަށް ސަޕޯޓަރުން ނުރުހުން އަމާޒުކުރުމުން އެ ދެކުޅުންތެރިންގެ ދިފާއުގައި ރެއާލްގެ ފޯވާޑް ކިލިއަން އެމްބާޕޭ ވާހަކަދައްކައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލެވަންޓޭއާ ދެކޮޅަށް ކުޅެ 0-2 އިން ރެއާލް މޮޅުވި މެޗުގައި ރެއާލްގެ ބައެއް ތަރިންނަށް ސަޕޯޓަރުން ނުރުހުން އަމާޒުކޮށްފައިވާއިރު ދާދި ފަހުން އެޓީމުގެ ކޯޗުކަމުން ވަކިވި ޒަބީ އަލޮންސޯ ޓީމު ދޫކޮށް ދާންޖެހުމުގެ ފަހަތުގައި ޓީމުގައި ތިބި ނަގާކިޔާ ބައެއް ކުޅުންތެރިންގެ ބައިވެރިވުމެއް އޮތްކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ހޫނު މޫސުމުގައި ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވި އަލޮންސޯއާ އެޓީމުގެ ބައެއް ތަރިންކަމަށްވާ ވިނީޝިއުސް އަދި ބެލިންހަމްގެ އިތުރުން ފެޑެރިކޯ ވަލްވާޑޭއާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގާފަ އެވެ.

މިރޭ މޮނާކޯއާ ދެކޮޅަށް ރެއާލްގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެމްބާޕޭ ބުނެފައިވަނީ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދެން ޖެހޭ ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރާ ކަމަށާއި، އެއީ އަހަރެމެން ކުރަންވާ ކަންކަން އެންމެ ރަގަޅަށް ނުކުރެވުމުގެ ނަތީޖާކަމަށެވެ. އެކަމަކު އެއާއެކު ވެސް އޭނާގެ ހިތްހަމަނުޖެހުން އޮތް ކަމެއްގެ ވާހަކަ އެމްބާޕޭ ވަނީ ފާހަގަކޮށްފަ އެވެ.

ހިތްހަމަނުޖެހިން ސަޕޯޓަރުން ތުނބުން ފުމޭ ކަމަށްވަންޏާ އެކަން ރައްދުކުރަންޖެހޭނީ މުޅި ޓީމަށް. ވަކި ކުޅުންތެރިއަކަށް އަމާޒުކޮށްގެން އެކަން ކޮށްގެން ނުވާނެ. އެއީ އަހަރެން ރުހޭ ކަމެއް ނޫން. ޓީމުގެ ނަތީޖާ ދަށްވަނީ މުޅި ޓީމުގެ މަސައްކަތް ދަށްވެގެން. މިއީ އަހަރެމެންނަށް ދަނޑުމަތީގައި މަސައްކަތްކޮށްގެން ރަނގަޅުކުރެވޭނެ ކަމެއް. އަހަރެންނަށް އެނގޭ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އަހަރެމެންނާ ދެކޮޅު ނޫންކަން. އަދި ނުރުހިފައި ތިއްބަސް ދެން އޮންނަ މެޗަކަށް ވެސް ސަޕޯޓްކުރަން އަންނާނެކަން.” އެމްބާޕޭ ބުނެފައިވެ އެވެ.

ސަޕޯޓަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވެނީ ބްރެޒިލްގެ ތަރި ވިނީޝިއުސް އެވެ. ލީގުގައި ރެއާލުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ސަޕޯޓަރުން ވަނީ ވިނީޝިއުސް އަށް ރައްދުވާ ގޮތަށް ތުނބުން ފުމެފަ އެވެ.

“އެއީ ހަގީގަތުގައި ވެސް ވިނީގެ މައްސަލައެއް ނޫން. އެއީ މުޅި ޓީމުގެ މައްސަލައެއް. އެއީ ސަޕޯޓަރުންނަށް އަހަރެން ބުނަން ބޭނުންވާ ހުރިހާ ވެސް އެއްޗަކީ. މުޅި ޓީމަށް ރައްދުވާ ގޮތަށް ހަމަ ތުނބުން ފުމެންވީ. އަހަރެމެންނަށް އެކަން ބަލައިގަނެވޭނެ. އެކަމަކު ޓީމު ދަށްވުމުގެ ޒިންމާ ވަކި ކުޅުންތެރިއެއްގެ ބޮލުގައި ނޭޅުވޭނެ. އެއީ އެންމެންގެ ބޮލުގަ އެޅޭނެ ޒިންމާއެއް.” އެމްބާޕޭ ބުނެފައިވެ އެވެ.

ވިނީޝިއުސް އަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އެ ކުޅުންތެރިޔާ އަށް އަސަރުކޮށްފައިވާ ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފަ އެވެ.

“ވިނީ އަކީ އަހަރެމެން ކަހަލަ އިންސާނެއް. އެއީ މޮޅު ކުޅުންތެރިއެއް. އެއީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އަހަރެމެން އެބަޖެހޭ މިހާރަށްވުރެ ބޮޑަށް އޭނަ ހިމާޔަތްކުރަން. އޭނައާ އެކު އަހަރެމެން އެބަ ތިބިކަން އޭނައަށް އިހްސާސްކޮށްދޭންޖެހޭ. ވިނީ ފޯމްގައި ހުރެއްޖެ ނަމަ އޭނައަށްވުރެ ވަކި މޮޅަށް ކުޅޭ ކުޅުންތެރިޔަކު ނުހުންނާނެ” އެމްބާޕޭ އިތުރަށް ބުނެފައިވެ އެވެ.

ބެލިންހަމްއަށް އަމާޒުވާ ނުރުހުމާ ގުޅޭ ގޮތުން އެމްބާޕޭ ބުނީ، ބެލިންހަމްގެ ފެންވަރާ މެދު އެއްވެސް މީހަކު ޝައްކު ނުއުފައްދާ ކަމަށާއި، އެއީ ހުނަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ފިޓްކޮށް ހުރެއްޖެ ނަމަ އެއީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމަށް އެމްބާޕޭ ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!