ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ މިއޮތީ ފުޓްބޯޅަ ސަޕޯޓަރުން އެމެޗަކަށް އިންތިޒާރުކުރާނެ ކަހަލަ މެޗެކެވެ. ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން މިރޭ ފްރާންސާއި ސްޕެއިން ނުކުންނައިރު މިއީ ޔޫރަޕްގެ ފުޓްބޯޅައިގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގައިވެސް މިހާރު އެންމެ ވާދަވެރި ދެ ގައުމެވެ.
ރަޝިޔާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ ފްރާންސުން ޖެހިޖެހިގެން ތިން ވަނަ ފައިނަލްގައި ކުޅުމުގެ ފުރުސަތު ހޯދަން މިރޭ ނުކުންނައިރު، 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިން މިރޭ ނުކުންނާނީ ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަންކަން އެއްފަހަރާ އަތުގައި ބޭއްވުމުގެ ޝަރަފް ދެވަނަ ފަހަރަށް ހޯދާ ހަމައެކަނި ގައުމަށް ވާން ކުރާ މަސައްކަތުގައި ފިޔަވަޅެއް ކުރިއަށް އެޅުމުގެ އުންމީދުގަ އެވެ.
ފްރާންސާއި ސްޕެއިންގެ ގައުމީ ޓީމުގައި ތިބީ ހުސް ތަރިންނެވެ. އެކަމަކު އެހުރިހާ އެންމެންގެ ތެރެއިންވެސް ގިނަ ބައެއްގެ ސަމާލުކަން މިރޭވެސް ހުއްޓޭނެ ކަމަށް ބެލެވެނީ ފްރާންސްގެ ކުޅަދާނަ ފޯވާޑް ކިލިއަން އެމްބާޕޭ އާއި ސްޕެއިންގެ ޒުވާން ތަރި ލަމިން ޔަމާލަށެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެމްބާޕޭއަށް ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ފްރާންސުން އާޖެންޓީނާ ބަލިކުރި މެޗުގައި އާޖެންޓީނާ ކޮޅަށް އޭނާ ވައްދާލި ދެ ގޯލާއެކު އެވެ. އޭރު އެމްބާޕޭގެ އުމުރަކީ އެންމެ 19 އަހަރެވެ. އިދިކޮޅު ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ވިދުން ފަނޑުކޮށްލައި އެމްބާޕޭގެ ޖާދޫ އެ މެޗުގައި ފެނުން ވެގެން ދިޔައީ ދުނިޔޭގެ ފުޓްބޯޅައިގައި އަހަރުތަކެއް ވަންދެން ވިދާލާނެ އާ ތަރިއެއްގެ އުފަންވުން އިއުލާން ކުރުން ފަދަ ކަމަކަށެވެ.
މީގެ 8 އަހަރު ކުރިން މެސީގެ ވިދުން އެމްބާޕޭ ފަނޑުކޮށްލި ގޮތަށް މިފަހަރުގެ ވޯލްޑް ކަޕްގައި އަދި މާ އެދެވޭ ކުޅުމެއް ނުދެއްކޭ ސްޕެއިންގެ 19 އަހަރުގެ ފޯވާޑް ލަމިން ޔަމާލަށް އެމްބާޕޭގެ ވިދުން ފަނޑުކޮށްލަން މިރޭ ފުރުސަތު އެބަ އޮތެވެ.
އެމްބާޕޭ ހުރީ އެންމެ ރަނގަޅު ފޯމުގައި
މިފަހަރުގެ ވޯލްޑް ކަޕާ އެމްބާޕޭ ކުރިމަތިލީ މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅުނު 44 މެޗުގައި 42 ގޯލް ޖަހައި ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާގެ ގޮތުގަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ އަންނަނީ އެ ފޯމް ދަމަހައްޓަމުންނެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި އަށް ގޯލް ކާމިޔާބުކޮށްފައިވާއިރު މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި މެސީއާ އެކު އޮތީވެސް އެމްބާޕޭ އެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި އެމްބާޕޭ ކުޅުނު ތިން މުބާރާތުގައި ޖުމްލަ 20 ގޯލް ކާމިޔާބުކޮށްފައިވާއިރު 21 ގޯލާއެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖަހައިގެން މެސީ އަތުގައި މިވަގުތު އޮތް ރެކޯޑް މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ކޮޅަށް އަނބުރާލުމުގެ ފުރުސަތުވެސް ނެތެކޭ އަދި ބުނެވޭކަށް ނެތެވެ.

އެމްބާޕޭގެ ފުރަތަމަ ވޯލްޑް ކަޕްގެ ފައިނަލްގައި ގޯލް ޖަހައިގެން ފްރާންސަށް ތަށި ހޯދައިދިން އިރު އޭގެ ހަތަރު އަހަރު ފަހުން އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި އެމްބާޕޭ ހެޓްރިކް ހެދި ނަމަވެސް އާޖެންޓީނާ އަތުން ވީ ބައްޔެވެ. މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 104 މެޗުގައި 64 ގޯލް އެމްބާޕޭ ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ފްރާންސަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީގެން އޮލިވާ ޖިރޫޑް ހަދާފައިވާ ރެކޯޑް މި ވޯލްޑް ކަޕްގައި މުގުރާލައިފަ އެވެ.
ފްރާންސްގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ގިނަ ބަޔަކު މިހާތަނަށް ހިމަނަމުން އައީ ޒިނެދިން ޒިދާން އާއި މިޝެލް ޕްލެޓީނީ އެވެ. އެކަމަކު އެމްބާޕޭގެ އުމުރުން އަދި އެންމެ 27 އަހަރު ކަމަށްވެފައި އަދިވެސް އޭނާ ޕީކްގައި މަދުވެގެން އެއް ވޯލްޑް ކުޅުމުގެ ފުރުސަތު އޮތުމާއެކު އެ ދެކުޅުންތެރިންނަށްވުރެ ކުރިއަށް އެމްބާޕޭ ޖެހޭނެ ކަމާ މެދަކު ފްރާންސްގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ޝައްކެއް ނުކުރެ އެވެ.
މިރެއަކީ ޔަމާލްގެ ރެއަށް ވެދާނެ؟
ސްޕެއިންގެ އެންމެ އުންމީދީ ތަރި ޔަމާލަށް 19 އަހަރު ފުރުނީ އަދި އިއްޔެ އެވެ. އެކަމަކު ގިނަ ބަޔަކު މިހާރުވެސް ގަބޫލުކުރާ ގޮތުގައި އެއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޒުވާން ފޯވާޑެވެ.
ސްޕެއިންގެ ގައުމީ ޓީމުގައި ޔަމާލުގެ ފެށުންވެސް އައީ ފްރާންސްގައި އެމްބާޕޭގެ ފެށުން އައިހާ ކާމިޔާބުކޮށެވެ. 2023 ވަނަ އަހަރުގެ ސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު ސްޕެއިންގެ ގައުމީ ޓީމުން އެންމެ 16 އަހަރުގައި ޖާގަ ހޯދައި 2024 ވަނަ އަހަރު އޮތް ޔޫރޯ ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކައި ސްޕެއިން އަށް މުބާރާތް ކާމިޔާބުކޮށްދިނުމުގައި ޔަމާލު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޔަމާލު ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮން ޑި އޯ އެވޯޑް މިދިޔަ އަހަރު ހޯދުމާ ވަރަށް ގާތަށް ގޮސްފަ އެވެ. އެކަމަކު މިއަހަރުގެ އޭޕްރީލް މަހު ޔަމާލްގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާ ހެދި މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ އޭނާ އަށް ކުރިނމަތިލާން ޖެހުނީ އެންމެ ރަނގަޅު ހާލަތުގައި ހުރެގެނެއް ނޫނެވެ.
އެ ސަބަބާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ އާއި އެމްބާޕޭ ދައްކަމުން އަންނަ ފަދަ ޖާދޫ އެއް މި މުބާރާތުގައި އަދި ޔަމާލަށް ދެއްކޭ ގޮތެއް ނުވެ އެވެ. މިހާތަނަށް މި މުބާރާތުގައި ޔަމާލް ފަސް މެޗު ކުޅެފައިވާ އިރު އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ.

"އަހަރެން އޭނަ ގާތު ބުނަމުން މި އަންނަނީ ހަމަޖެހިގެން ހުންނަން. އޭނަ އަދި ބޮޑު މީހަކަށްވީ މިދިޔަ އަހަރު. އޭނަ އަށް އަދި ވީ 19 އަހަރު. އެހެންވެ އަހަރެން ބުނަމުން މި އަންނަނީ ހަމަޖެހިގެން ފުޓްބޯޅަ އެންޖޯއި ކުރަން. ނުތަނަވަސްކަން ގެނެސްދޭ އެއްވެސް ކަމަކާ މެދު ނުވިސްނަން. އަދި މި ވޯލްޑް ކަޕްގައި ލަމީންގެ ބޮޑު ދުވަސް ކުރިއަށް އޮތީ." ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނެފައިވެ އެވެ.
ބާސެލޯނާގެ ސީނިއާ ޓީމުގެ ފުރަތަމަ ފެނިލުމަށް ޔަމާލަށް ޖާގަ ދިން އެޓީމުގެ ކުރީގެ ކޯޗު ޒަވީ ބުނެފައިވަނީ ޔަމާލަކީ ކުޅުންތެރިއަކު ދަނޑު މަތީގައި އަދާ ކުރަންޖެހޭ ހުރިހާ ޒިންމާއެއް އަދާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި، އޭނާ އަކީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ހުއްޓަސް ވަރަށް ފުރިހަމައަށް ލީޑަރެއްގެ ރޯލް އަދާކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.
"އެތަން އަހަރެމެންނަށް މިހާތަނަށް ފެނުނީ ލިއޮނަލް މެސީ އާއި، ޑިއެގޯ މަރަޑޯނާ އަދި ޕެލޭގެ ފަރާތުން. ފަހަރެއްގަ އެ ލިސްޓްގަ ރޮނާލްޑޯ ނަޒާރިއޯ ވެސް ހިމެނިދާނެ. ކުރިއަށް މި އޮތް 15 ނޫނީ 20 އަހަރަކީ ޔަމާލް ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓްކުރާ އަހަރުތަކަކަށް ވެދާނެ." ޒަވީ ބުނެފައިވެ އެވެ.