ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ވާދަކުރާ މެޗަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި އެ މަގާމަށް ދެން އެންމެ ވާދަކޮށްފާނެ ކަމަށް ބެލެވޭ ސްޕެއިންގެ ލަމީން ޔަމާލް ފުޓްބޯޅަ މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
އުމުރުން 39 އަހަރުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް މި ވޯލްޑް ކަޕްގައި ވެސް ދައްކަމުން އަންނަ މެސީ އާއި މިހާރުވެސް އެ ކުޅުންތެރިއެއްގެ ބޮޑު ހިއްސާއަކާއެކު ޔޫރަޕްގެ ތަށި ސްޕެއިންއަށް ހޯދައިދީފައިވާ އުމުރުން 19 އަހަރުވީ ޔަމާލްގެ ކުރިމަތިލުމަކީ މި ވޯލްޑް ކަޕްގެ އިތުރުން މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި ފެންނާނެ އެންމެ ޝައުގުވެރި އެއް މެޗަށް ވާނެ ކަމަށް ގިނަ ބަޔަކު މިހާރުވެސް ވަނީ ލަފާކޮށްފަ އެވެ.
މިރެއަކީ މެސީ އާއި ޔަމާލް ކުޅުމުގެ ތެރެއިން ފުރަތަމަ ފަހަރަށް ބައްދަލުވާ ރޭ ކަމަށްވިޔަސް މި ދެ މީހުން ހަގީގަތުގައި ބައްދަލުވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މެސީ އާއި ޔަމާލް ފުރަތަމަ ބައްދަލުވެފައިވަނީ 2007 ވަނަ އަހަރު އެވެ. އޭރު މެސީގެ އުމުރުން ވީ 20 އަހަރެވެ. މެސީ އައީ ބާސެލޯނާގެ ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނެމުންނެވެ. ޔަމާލަށް އޭރު އަދި ވީ އެންމެ ފަސް މަހެވެ.
މެސީ އާއި ޔަމާލްގެ ފުރަތަމަ ބައްދަލުވުމުގެ ފޮޓޯތައް އާކައިވް ކުރެވިފައި ހުއްޓަސް މި ބައްދަލުވުމުގެ ވާހަކަ ދުނިޔެއަށް އެނގުނީ މީގެ ދެ އަހަރު ކުރިން ސްޕެއިންއިން ޔޫރޯ ޗެމްޕިއަންޝިޕްގެ ތަށި ހޯދުމާއެކު ޔަމާލްގެ ބައްޕަ އިންސްޓަގްރާމްގައި އޭގެ ތެރެއިން އެއް ފޮޓޯ އާންމުކުރި ހިސާބުންނެވެ. އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޔަމާލްގެ ބައްޕަ ލިޔެފައިވަނީ "މިއީ ދެ ލެޖެންޑުންގެ ފެށުން" ކަމަށެވެ.

އެ ފޮޓޯގައި ފެންނަނީ ހިނިތުންވެފައި ހުރި ޒުވާން މެސީ ޔަމާލު އުރާލައިގެން، ފެނުން ޔަމާލްގެ ގައި ދޮންނަން އިން މަންޒަރެވެ.
އެ ފޮޓޯ ޝޫޓް ނަގައިފައިވަނީ ބާސެލޯނާގެ ރަސްމީ ސްޓޭޑިއަމްގައި އަވޭ ޓީމަށް ހާއްސަކޮށްފައި ހުންނަ ޑްރެސިން ރޫމް ގަ އެވެ. މެސީއާ އެކު ޔަމާލަށް އެ ފޮޓޯ ނަގަން ފުރުސަތު ލިބުނީ އޭނާގެ މައިންބަފައިން ބައިވެރިވި ލަކީ ޑްރޯ ހަރަކާތަކުން ހޮވިގެންނެވެ.
ޔަމާލްގެ ބައްޕަ، މޮރޮކޯ އަށް އުފަން މުނީރް ނަސްރޫރާއި އަދި މަންމަ، އިކުއިޓޯރިއަލް ގިނީ އަށް އުފަން ޝީލާ ބައްދަލުވީ އެ ދެމީހުންގެ އާއިލާ ސްޕެއިނަށް ބަދަލުވި ފަހުންނެވެ. އެންމެ ފުރަތަމަ އެ ދެމީހުން ބައްދަލުވި އިރު އެއީ ކުޑަ ދެ ކުދިންނެވެ.
ޔަމާލަކީ އެ ދެމީހުންގެ އެންމެ ދޮށީ ފިރިހެން ދަރި އެވެ. ޔަމާލް ލިބުނުތާ ދުވަސްކޮޅެއް ފަހުން އެމީހުން ބައިވެރިވީ ބާސެލޯނާގެ ޖޯޒީ އޭރު ސްޕޮންސާ ކުރަމުން އައި ޔުނިސެފްއިން ކުރިއަށްގެންދިޔަ ޗެރިޓީ އިވެންޓެއްގެ ލަކީ ޑްރޯ ގައެވެ. މި ލަކީ ޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭ ގޮތަށް އޮތީ ބާސެލޯނާގެ ސީނިއާ ޓީމުގެ ކުޅުންތެރިޔަކާ އެކު ފޮޓޯ ނެގުމުގެ ފުރުސަތެވެ.
ޔަމާލްގެ މައިންބަފައިން އޭނާ ގޮވައިގެން ފޮޓޯ ޝޫޓަށް ދިޔައިރު ފޮޓޯ ނަގަން ހަމަޖެހިފައިވަނީ ކޮން ކުޅުންތެރިޔަކާއެކު ކަމެއް ނޭނގެ އެވެ. ޔަމާލް ފޮޓޯ ނަގާނީ މެސީއާ އެކު ކަން އެނގުނީ އެތަނަށް ދިޔުމާއެކު އެވެ.
"އަހަރެންނަށް އެ ފޮޓޯގައި މެސީ ގޮވައިގެން އިނީ ޔަމާލްކަން އެނގުނީ ވެސް 2024 ވަނަ އަހަރު އަހަރެންގެ ރަހުމަތްތެރިއަކު ގުޅާފަ ޔަމާލްގެ ބައްޕަ އެ ފޮޓޯ އިންސްޓަގްރާމްގަ އާންމުކޮށްފަ އިން ކަމަށް ބުނީމަ." މެސީ އާއި ޔަމާލްގެ އެ ތާރީހީ ފޮޓޯ ނެގި ފޮޓޯގްރާފަރު މޮންފޯޓް ފަހުން ބުނެފައިވެ އެވެ.
މެސީ އަކީ ވަރަށް މަޑުމައިތިރި ލަދުރަކި ޒުވާނެއް. އޭނަ ޑްރެސިން ރޫމަށް އައި ތަނުން ކުއްލިއަކަށް ތުއްތު ތުއްތު ކުއްޖަކާ އެކު ފޮޓޯއެއް ނަގަން ޖެހުނީމަ އޭނަގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވި. ހަދަންވީ ގޮތެއް ނޭނގިފަ ކަހަލަ ގޮތަކަށް ފުރަތަމަ ހުރީ. އެކަމުގައި އަހަރެމެންނަށް އެހީތެރިވެދިނީ ޔަމާލްގެ މަންމަ. އެމީހުންނަކީ ވަރަށް ފަގީރު ބައެއް. އެކަމަކު ވަރަށް ރަހްމަތްތެރި ހެޔޮ ބައެއް އެއީ.
ފޮޓޯގްރާފަރު ބުނެފައިވެ އެވެ.
"މެސީ އަކީ އޭރުވެސް ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމުން އެކަމުގައިވެސް އޭނާ ވަރަށް ފަސޭހައިން ހާލަތަށް އެޖަސްޓް ވެއްޖެ." ފޮޓޯ ޝޫޓް ނެގި މޮންފޯޓް ބުނެފައިވެ އެވެ.
މެސީގެ އުމުރުން 19 އަހަރު ފުރުނުއިރު އޭނާއަށް ސީނިއާ ފެންވަރުގައި ކާމިޔާބުކުރެވިފައި އޮތީ އެންމެ 11 ގޯލެވެ. އޭރު އޭނާގެ އަތުގައި ލަލީގާ ތަށްޓަކާއި، ޗެމްޕިއަންސް ލީގުގެ ތަށްޓެއް އޮތެވެ.
އަނެއް ކޮޅުން ޔަމާލަށް 19 އަހަރު އަދި ކިރިޔާ މިދިޔަ ހޯމަ ދުވަހު ފުރުނިއިރު އޭނާ ވަނީ ސީނިއާ ލެވަލްގައި 56 ގޯލް ޖަހައިފަ އެވެ. ތިން ލަލީގާ ތަށްޓާއި، ސްޕެނިޝް ކޮޕަ ޑެލްރޭ ޓްރޮފީގެ އިތުރުން ޔޫރޯ ޗެމްޕިއަންޝިޕްގެ ޓްރޮފީވެސް ޔަމާލުގެ އަތުގައި މިހާރު ވެސް އެބަ އޮތެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ދެ ކުޅުންތެރިންގެ ކުޅުން އެކަމަކު ތަފާތެވެ. މެސީ މުބާރާތުގައި މިހާތަނަށް 8 ގޯލް ޖަހާފައިވާއިރު ޔަމާލަށް އަދި މި މުބާރާތުގައި ޖެހުނީ އެންމެ ގޯލެކެވެ. ތަފާސްހިސާބު މިހެން ހުއްޓަސް މިރޭ މިއީ ޔަމާލްގެ ރެއަކަށް ވެދާނެ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ އެވެ.
މިރޭ 12 ޖަހާއިރު ފަށާ ފައިނަލް މެޗުގައި ވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.