ފުރަތަމަ ސަފްޙާ / ޚަބަރު / ވޯލްޑް ކަޕްގެ ބޮޑު ސުވާލު: އާޖެންޓީނާއަށް ފީފާއިން ހާއްސަ ގޮތެއް ބަހައްޓަނީތަ؟
ވޯލްޑް ކަޕްގެ ބޮޑު ސުވާލު: އާޖެންޓީނާއަށް ފީފާއިން ހާއްސަ ގޮތެއް ބަހައްޓަނީތަ؟
ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު މެޗެއްގެ ތެރެއިން. ވޯލްޑް ކަޕްގެ އެންމެ ބޮޑު ބަހުސެއް ކުރެވެނީ އާޖެންޓީނާ އާއި ފީފާ ގުޅުވައިގެން

ވޯލްޑް ކަޕްގެ ބޮޑު ސުވާލު: އާޖެންޓީނާއަށް ފީފާއިން ހާއްސަ ގޮތެއް ބަހައްޓަނީތަ؟

ޢަބްދުﷲ އަޝްރަފް
ޢަބްދުﷲ އަޝްރަފް
3 ގަޑިއިރު ކުރިން 11 ޖުލައި 2026

ވޯލްޑް ކަޕްގެ ތަށި ދިފާއުކުރަން އާޖެންޓީނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޓީމުން އަންނަނީ ދަނޑުމަތީގައި ކުރަމުންނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ތިން މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކުރި ނަމަވެސް ގަދަ 32 ގައި ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނު މެޗާއި، ގަދަ 16 ގައި މިސްރާ ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ ލައްކަ މަސައްކަތުންނެވެ.

ކާބޯ ވާޑޭ އާއި އާޖެންޓީނާ ވާދަކުރި މެޗުގައި އާޖެންޓީނާއިން ދެފަހަރު ލީޑު ނެގި ނަމެވެސް ފަހަތުން އަރައި ކާބޯ ވާޑޭއިން ދެފަހަރު މަތިން އެއްވަރުކުރި އެވެ. އާޖެންޓީނާއަށް އެ މެޗު ކާމިޔާބުކުރެވުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އޭގެ ފަހުން އައީ ގަދަ 16 ގައި މިސްރާ ވާދަކުރި މެޗެވެ. އެ މެޗުގައި މިސްރުން ދެ ގޯލް ޖަހައިފައިވަނިކޮށް އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

ކަން އެހެން އޮތަސް އާޖެންޓީނާ މުބާރާތުގެ މިހާ ހިސާބަށް އައިސްފައިވަނީ ފީފާ އާއި ރެފްރީންގެ އެހީތެރިކަން ލިބިގެން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެންމެ ފަހުން މިސްރާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗުގައި މިސްރުން އާޖެންޓީނާގެ ގޯލަށް ވައްދާލި ބޯޅައެއް ގޯލަކަށް ނުހެދުމުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. އެއީ ހަމަ އެންމެ ހާދިސާ އެކެވެ. މި ލިޔުމުގައި މި ބަލާލަނީ އާޖެންޓީނާއަށް ފީފާ އާއި ރެފްރީން ހާއްސަ ގޮތެއް ބަހައްޓާކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ބައެއް ކަންކަމެވެ.   

މެސީ ރަތް ކާޑަކުން ސަލާމަތްވުމަށް ފަހު ޖެހި ފަސް ގޯލް

އެއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއިން އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި އަލްޖީރިއާގެ ކެޕްޓަން އައިސޭ މެންޑީއަށް މެސީ ކުރި ފައުލަކީ ރަތް ކާޑެއް ލިބެންޖެހޭ ވަރުގެ ފައުލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެ ފައުލާ ގުޅިގެން މެސީއަށް ރީނދޫ ކާޑެއްހާ ހިސާބުވެސް ދައްކާފަ އެއް ނުވެ އެވެ.

އަލްޖީރިއާ މެޗުގައި މެސީ ކުރި ފައުލް. މި ފައުލަށް ރީނދޫ ކާޑެއް ވެސް ނުދެއްކުމުން ފާޑުކިޔުން އަމާޒުވި
އަލްޖީރިއާ މެޗުގައި މެސީ ކުރި ފައުލް. މި ފައުލަށް ރީނދޫ ކާޑެއް ވެސް ނުދެއްކުމުން ފާޑުކިޔުން އަމާޒުވި

އެ ފައުލާ ގުޅިގެން މެސީއަށް ރަތް ކާޑު ނުދެއްކި މައްސަލައިގައި އިތުރަށް ބަހުސް ހޫނުވީ އެމެރިކާ އާއި ބޮސްނިއާ ވާދަކުރި މެޗުގައި ހަމަ އެޒާތުގެ ފައުލެއް އެމެރިކާގެ ތަރި ފޮލަރިން ބަލޮގަން ކުރުމުން ވީއޭއާރު ޗެކްކުރުމަށް ފަހު އޭނާއަށް ރަތް ކާޑު ދައްކައި ދެ މެޗަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އެކަމަކު ފަހުން އެ ސަސްޕެންޝަން އުވާލި ނަމަވެސް އެއީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފީފާއަށް ކުރިމަތިވި ޕްރެޝަރުތަކެއްގެ ސަބަބުން އުވާލި ސަސްޕެންޝަނެކެވެ. އެ މެޗުގައި މެސީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ނަމަ އޭނާ އެ މެޗުގައި އޭގެ ފަހުން ޖެހި ދެ ގޯލާއި، އޮސްޓްރިއާ މެޗުގައި ޖެހި ދެ ގޯލާއި އަދި ޖޯޑަން މެޗުގައި ޖެހި ގޯލް ހަގީގަތަކަށް ނުވީހެވެ.

ރެފްރީން އާޖެންޓީނާ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކަންވެސް ފަސްޖެހެނީތަ؟

މުބާރާތުގެ ކުއާޓާ ފައިނަލަށް ޓީމުތައް ކުރިމަތިލިއިރު އިތުރު ރީނދޫ ކާޑެއް ދައްކައިފި ނަމަ ސެމީ ފައިނަލްގައި ކުޅެންޖެހޭ މެޗު ގެއްލިދާނެ ކަމުގެ ބިރު އޮތް 17 ކުޅުންތެރިއަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އާޖެންޓީނާގެ އެންމެ ކުޅުންތެރިއެކެވެ. އެ 17 ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ  ޖޫޑް ބެލިންހަމާއި، ޑެކްލަން ރައިސްގެ އިތުރުން އެހެން ދެ ކުޅުންތެރިން ހިމެނޭ އިރު އިންގްލެންޑަކީ އާޖެންޓީނާ ސެމީއަށް ހިނގައްޖެ ނަމަ އެންމެ ވާދަކުރުން ގާތް ޓީމެވެ.

ރީނދޫ ކާޑަކީ އާންމުގޮތެއްގައި ކުޅުންތެރިޔަކު ފައުލްކޮށްގެން ދޭ އަދަބެކެވެ. އާންމު އުސޫލަކީ ނުރައްކާތެރި ފައުލް ގިނައިން ކުރާ ޓީމުތަކަށް ކާޑު ގިނައިން ލިބުމެވެ. ސުވާލަކީ އާޖެންޓީނާއަށް ވެސް ވެފައި އޮތީ ހަމަ އެހެން ހެއްޔެވެ؟ އާޖެންޓީނާއަށް މި މުބާރާތުގައި ރީނދު ކާޑު ދައްކާފައިވާ ނިސްބަތަކީ ކޮންމެ 19.7 ފައުލަށް ކާޑެކެވެ. ފައުލް ކުރި އަދަދުގެ ނިސްބަތުން އެންމެ މަދުން ކާޑު ދައްކާފައިވާ ގައުމުތަކަށް ބަލާއިރު އާޖެންޓީނާއަށްވުރެ ކުރީގައި އޮތީ އެންމެ ތިން ގައުމެވެ.

ފީފާގެ ރައީސް އިންފަންޓީނޯ މެސީއާ އެކު. އިންފަންޓީނޯ އާޖެންޓީނާ އަށް ހާއްސަ ގޮތްތަކެއް ބަހައްޓާކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރޭ.
ފީފާގެ ރައީސް އިންފަންޓީނޯ މެސީއާ އެކު. އިންފަންޓީނޯ އާޖެންޓީނާ އަށް ހާއްސަ ގޮތްތަކެއް ބަހައްޓާކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރޭ.

ކުއާޓާ ފައިނަލަށް ހޮވުނު 8 ޓީމުގެ ތެރެއިން ފައުލް ކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނައިން ކާޑު ދައްކާފައިވަނީ އިންގްލެންޑް ޓީމަށެވެ. އިންގްލެންޑް ޓީމުން ކުރި ކޮންމެ 7.7 ފައުލަކަށް ރީނދޫ ކާޑެއް ދައްކާފައިވެ އެވެ. އޭގެ މާނައަކީ އާޖެންޓީނާއިން އިންގްލެންޑަށްވުރެ ގިނަ ފައުލް ކޮށްފައި އޮތަސް އާޖެންޓީނާއާ ކާޑު ލިބިފައި އޮތީ މާ ބޮޑަށްވެސް މަދުންނެވެ. މި ހިސާބުތަކަށް ބަލާއިރު އާޖެންޓީނާގެ ކުޅުންތެރިންނާ މެދު ރެފްރީން ލުއިކޮށް އަމަލުކޮށްފައިވާ ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ފްރާންސް މެޗަށް އާޖެންޓީނާގެ ރެފްރީން ހަމަޖެއްސުން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފްރާންސާއި މޮރޮކޯ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗަށް އޮފިޝަލުންގެ ގޮތުގައި ނެރުނު ޓީމުގައި ހުސް އާޖެންޓީނާގެ އޮފިޝަލުން ފީފާއިން ހިމަނާފައި އޮތުމުން ވެސް ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލުތައް އުފެދުނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެޗެއްގެ އޮފިޝަލުންގެ ގޮތުގައި ނުކުތް ޓީމުގެ އެންމެން އެއް ގައުމަކަށް ނިސްބަތްވި ފުރަތަމަ ފަހަރެވެ. މައްސަލައަކަށްވީ އެންމެން އެއް ގައުމަކަށް ވުމެއް ނޫނެވެ. މައްސަލައަކަށްވީ އެ އެންމެން ފްރާންސާ އެންމެ ވާދަވެރި އެއް ގައުމަށް ނިސްބަތްވުމެވެ. އޭގެ އިތުރަށް އެ މެޗުގެ ވީއޭއާރު ބަލަހައްޓަން ވެސް ހުރީ އާޖެންޓީނާގެ ރައްޔިތެކެވެ.

މިފަހަރުވެސް އެންމެ ގިނަ ޕެނަލްޓީ އާޖެންޓީނާއަށް

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރި އިރު އެ މުބާރާތުގައި އެ ޓީމަށް ވަނީ ފަސް ޕެނަލްޓީ ލިބިފަ އެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހަށް ބެލިޔަސް ރެކޯޑެކެވެ. މިފަހަރުވެސް އަދި ކަން ހިނގަނީ އެމަގުންނެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އާޖެންޓީނާއަށް ތިން ޕެނަލްޓީ ދީފައިވާއިރު އެއީ މި މުބާރާތުގައި އެންމެ ގިނަ ޕެނަލްޓީ ލިބިފައި ވަނީ ވެސް އާޖެންޓީނާއަށެވެ.

މެސީއަށް އިންފަންޓީނޯ ހާއްސަ ގޮތެއް ބެހެއްޓުން

މީގެ ކުރިން ބައެއް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފީފާއިން ބާއްވާ މުބާރާތްތަކުގައި މެސީ ކުޅޭނެކަން ކަށަވަރުކުރަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަސައްކަތްކޮށްފައިވާކަން ހާމަވެ އެވެ. އޭގެ އެއް މިސާލަކީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕެވެ.

ކްލަބް ވޯލްޑް ކަޕްގައި އާންމު ގޮތެއްގައި ޖާގަ ދެނީ ކޮންމެ ސަރަހައްދެއްގެ ވެސް ޗެމްޕިއަން ޓީމަށެވެ. އެމެރިކާ އަކީ ހޮސްޓް ކުރާ ގައުމަށްވުމާއެކު އެގައުމުގެ ޗެމްޕިއަން ޓީމަށް ޖާގަ އެއް އޮތީ ލިބޭ ގޮތަށެވެ. އެކަމަކު 2024 ވަނަ އަހަރު އެމެރިކާ ލީގުގެ ޗެމްޕިއަންކަން އެލްއޭ ގެލެކްސީ ހޯދި ނަމަވެސް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފައިވަނީ މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީ އަށެވެ. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings