ތަފާތު މޮޅު ކުޅުމަކާއެކު ފައިނަލުގައި 0-1 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ފީފާ ވޯލްޑް ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ސްޕެއިނުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެގައުމުން މީގެކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު އެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނެދަލެންޑްސް 0-1 އިން ބަލިކޮށްގެންނެވެ.
އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މަޝްހޫރު މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗަށް އައްޑިހަ ހާހަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ވަދެފަ އެވެ.
ފައިނަލް މެޗުގައި އާޖެންޓީނާގެ މައްޗަށް ސްޕެއިން ވަނީ ހުރިހާ ގޮތަކުން ވެސް ކުރި ހޯދާފަ އެވެ. މުޅި މެޗު އެޓީމުން ޑޮމިނޭޓް ކުރިއިރު އާޖެންޓީނާ ގޭމް ތެރެއަށް ވަންނަން އެންމެ ފުރުސަތެއް ވެސް ނުދެ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. މި ވަގުތުގައި ސްޕެއިނުން އުފެއްދި ގިނަ ހަމަލާތަކެއް އާޖެންޓީނާގެ ތަޖުރިބާކާރު ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އެވެ.
އާޖެންޓީނާ އިން އެއްކޮށް ޑިފެންސް ކޮށްގެން ކުޅެމުން ދިޔަ މެޗުގައި އެޓީމަށް މައްސަލަތައް ކުރިމަތިވީ 90 މިނެޓުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
އެއްކުޅުންތެރިޔަކު މަދުކޮށް އެންމެން ފަހަތުގައި ތިބެގެން ސްޕެއިން ގޯލެއް ޖެހިޔަނުދީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެންދެން ވެސް އާޖެންޓީނާ އިން ހިފެހެއްޓި އެވެ. އެކަމަކު ސްޕެއިނުން ވަނީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުރީކޮޅު މޮޅު ގޯލެއް ޖަހައި ތަށީގެ ޔަގީންކަން ހޯދައިފަ އެވެ. މެޗުގެ 106 ވަނަ މިނެޓުގައި ނިކޯ ވިލިއަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ ބެންޗުން ކުޅެން އެރި ފެރާން ޓޮރޭސް އެވެ. ނިކޯ ބޮލުން ޖައްސާލި ބޯޅަ ޓޮރޭސް އެއްފަހަރުން ޖަހައި ވައްދާލީ ގޯލުގެ މަތީ ދާގަނޑަށެވެ.
ލީޑު ނެގި ގޯލަށް ފަހު އާޖެންޓީނާ އިން ކުރިއަށްޖެހި ހަމަލާތައް އުފައްދަން މަސައްކަތްކުރި އެވެ. އަދި މުޅި މެޗުގައި އާޖެންޓީނާ އިން ސްޕެއިން އޭރިޔާ ތެރެއަށް ހުރަސްކުރި ހަމައެކަނި ބޯޅައިގައި ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. މުބާރާތުގައި އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެއީ ކުއާޓާ ފައިނަލުގައި ބެލްޖިއަމުން ސްޕެއިން ކޮޅަށް ޖެހި ގޯލެކެވެ.
ފައިނަލް މެޗުގައި ސްޕެއިނުން ވަނީ އާޖެންޓީނާގެ ގޯލަށް 31 ހަމަލާ ފޮނުވާލައިފަ އެވެ. އާޖެންޓީނާ އަށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާ އެވެ. އެއިން އެއްވެސް ހަމަލާއެއް ގޯލާ އަމާޒުވެފައެއްނުވެ އެވެ.
މިއީ ސްޕެއިނުން ބޮޑު ދެ ތަށި ޖެހިޖެހިގެން ހޯދި ދެ ވަނަ ފަހަރެވެ. މީގެކުރިން އެގައުމުން ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. މިފަހަރު އެގައުމުން ކާމިޔާބުއެކުރީ 2024 ގެ ޔޫރޯ އާއި 2026 ވޯލްޑް ކަޕެވެ.