ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި 2-1 އިން ނޯވޭ ބަލިކޮށް އިންގްލެންޑް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ހޯދި މޮޅާ އެކު އިންގްލެންޑް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މިރޭ ފަތިހު އާޖެންޓީނާ އާއި ސްވިޒަލެންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ނޯވޭ ދަތުރުކުރީ ހައިރާންކުރުވަނިވި ގޮތަކަށް ވަރުގަދަ ބްރެޒިލް 2-1 އިން ބަލިކޮށްގެންނެވެ. އިންގްލެންޑް ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި އެގައުމުގެ މައްޗަށް 3-2 ކުރި ހޯދައިގެންނެވެ.
ވާދަވެރިކޮށް ފެނުނު މެޗުގެ 90 މިނެޓު ކުޅުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ޖެހީ ނޯވޭގެ އަންދްރައެސް ޝެލްޑްރަޕް އެވެ. ގޯލުގެ އަރިމަތިން އޭނާ ފޮނުވާލި ބޯޅަ ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ނޯވޭ ލީޑުގައި އޮއްވައި އިންގްލެންޑުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބެލިންހަމަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ކައިރީގައި ތިބި ދެ ކުޅުންތެރިން ކައިރިން ކަޓުވާލުމަށް ފަހު އެވެ.
ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކޯނަރަކުން ނޯވޭ ކުޅުންތެރިއަކު ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ގޯލު ކެންސަލްކުރީ އެ ކޯނަރުގައި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އިންގްލެންޑުގެ ކުޅުންތެރިއަކަށް ފައުލް ކުރުމުންނެވެ.
ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންގްލެންޑަށް ލީޑު ނަގައިދިނީ ބެލިންހަމް އެވެ. މޯގަން ރޮޖާސް ފޮނުވާލި ބާރު ހަމަލާ ނޯވޭގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް ވަނީ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލައިފަ އެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ބެލިންހަމް ކާމިޔާބުކުރި 6 ވަނަ ލަނޑެވެ. މިފަހަރުގެ މުބާރާތުގައި ބެލިންހަމް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
އިންގްލެންޑަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މީގެކުރިން ލިބުނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރެވެ. އޭގެފަހުން ވޯލްޑް ކަޕްގެ ފައިނަލަށް ވެސް އެޓީމަށް ދެވިފައެއްނުވެ އެވެ. އެހެންވެ ވަރުގަދަ ލީގެއް އޮންނަ އެގައުމަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ.
އިންގްލެންޑުގެ އިތުރުން ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ފްރާންސާއި ސްޕެއިން އެވެ. ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ވެސް އެ ދެޓީމެވެ.