ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ ތައްޓަކުން އާ އަހަރު ފަށައިފި

ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ ތައްޓަކުން އާ އަހަރު ފަށައިފި

އެޑްމިން
އެޑްމިން
1 މަސް ކުރިން 12 ޖެނުއަރީ 2026

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑް 2-3 އިން ބަލިކޮށް، ފޯމުގައި އޮތް ބާސެލޯނާ އިން ތައްޓަކުން އާ އަހަރު ފަށައިފި އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓް ސިޓީގެ އަލިންމާ ބޭންކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. އޭގެފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގާތްގާތުގައި ތިން ގޯލު ފެނުނެވެ.

ރެއާލުން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ވިނީޝިއުސް ޖެހި ގޯލުންނެވެ. އޭގެ ދެ މިނެޓު ފަހުން ރޮބާޓް ލެވަންޑޯސްކީގެ ގޯލުން ބާސެލޯނާއިން އަލުން ލީޑު ނެގި އެވެ. ލެވަންޑޯސްކީގެ ގޯލަށް ފަހު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަ ވަނަ މިނެޓުގައި ގޮންޒާލޯ ގާސިއާ ރެއާލްގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނެވެ.

ބާސެލޯނާ މެޗުން މޮޅުވި ގޯލު 73 ވަނަ މިނެޓުގައި ޖެހީ ރަވީނިއާ އެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ފްރޭންކި ޑި ޔޮން އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މިއީ ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި 16 ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް ބާސެލޯނާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރެއާލް ބަލިކޮށްގެންނެވެ.

ސުޕަ ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދިއިރު އެޓީމު އޮތީ ވަރަށް ފޯމުގަ އެވެ. ބާސެލޯނާ އިން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުންނެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި ވެސް ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އަންނަނީ މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއީ ބާސެލޯނާގެ ކޯޗުކަމުގައި އޭނާ ހޯދި ހަތަރު ވަނަ ތައްޓެވެ.

ހަތަރު ޓީމު ހިމެނޭ ކުރު މުބާރާތެއް ގޮތަށް ސްޕެނިޝް ސުޕަ ކަޕް މިހާރު ކުޅެނީ ސައޫދީ އަރަބިއްޔާގަ އެވެ. ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ސައޫދީގައި މި މުބާރާތް ބާއްވަމުންނެވެ. އެގައުމުން މިހާރު ވަނީ 2029 ވަނަ އަހަރުގެ ނިޔަލަށް ސައޫދީގައި މުބާރާތް ބާއްވަން ނިންމައިފަ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!