ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ގިނަ ލާރި ލިބޭ އިނގިރޭސި ކްލަބަކީ މިހާރު ލިވަޕޫލް
އެންމެ ގިނަ ލާރި ލިބޭ އިނގިރޭސި ކްލަބަކީ މިހާރު ލިވަޕޫލް

އެންމެ ގިނަ ލާރި ލިބޭ އިނގިރޭސި ކްލަބަކީ މިހާރު ލިވަޕޫލް

އެޑްމިން
އެޑްމިން
11 ގަޑިއިރު ކުރިން 23 ފެބްރުއަރީ 2026

މާލީ ކަންކަން ދިރާސާކުރާ އިނގިރޭސި ވިލާތުގެ ފާމެއް ކަމަށްވާ ޑިލޮއިޓުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް މިހާރު ލިބޭ ކްލަބަކީ ލިވަޕޫލް ކަމުގައި އެފާމުން އާންމުކުރި ލިސްޓަކުން ދައްކައިފި އެވެ. މިއީ ލިވަޕޫލަށް މި މަގާމު ލިބުނު ފުރަތަމަ ފަހަރެވެ. 

މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލުން ވަނީ މިދިޔަ ސީޒަންގައި 702 މިލިއަން ޕައުންޑްގެ އާމްދަނީއެއް ހޯދައިފަ އެވެ. މިއީ މިދިޔަ އަހަރު އިނގިރޭސި އެއްވެސް އެހެން ކްލަބަކަށް ހޯދިފައިވާ އަދަދެއް ނޫނެވެ. 

ޑިލޮއިޓުން ނެރުނު ފުޓްބޯލް މަނީ ލީގުގެ 29 ވަނަ އެޑިޝަންގައި އެންމެ ބޮޑު ވެއްޓުމެއް އައިސްފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އަވަށްޓެރި މެންޗެސްޓާ ސިޓީއަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފަ އެވެ. 

ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 1.01 ބިލިއަން ޕައުނމްޑްގެ އާމްދަނީއެއް ހޯދި ރެއާލް މެޑްރިޑެވެ. މިދިޔަ ސީޒަންގައި ސްޕެނިޝް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނެތަސް ރެއާލްގެ މަގާމް ދަށެއް ނުވެ އެވެ. 

ލިސްޓުގެ ގަދަ ދިހައެއްގައި ގިނައިން ހިމެނެނީ އިނގިރޭސި ކްލަބްތަކެވެ. އަދި ލިސްޓުގެ އެންމެ ކުރީގައި އުޅޭ 30 ޓީމުގެ ތެރެއިން ދެބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި ކްލަބްތަކެވެ. އެކަމަކު އެންމެ ކުރީގައި އުޅޭ ހަތަރު ކްލަބްގެ ތެރޭގައި އިނގިރޭސި ކްލަބެއް ނުހިމެނެ އެވެ. 

ލިސްޓްގެ ދެވަނައިގައި އޮތީ 819 މިލިއަން ޕައުންޑްގެ އާމްދަނީ އެއް ހޯދި ބާސެލޯނާ އެވެ. 723 މިލިއަން ޕައުންޑްގެ އާމްދަނީ ހޯދައިގެން ތިން ވަނައިގައި އޮތީ ޖަރުމަނުގެ ބަޔާން މިޔުނިކެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އޮތީ ލިސްޓްގެ ހަތަރު ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!