ފުރަތަމަ ސަފްޙާ / ޚަބަރު / ވޯލްޑް ކަޕުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ ކުޅުން ހުއްޓާލައިފި

ވޯލްޑް ކަޕުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ ކުޅުން ހުއްޓާލައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 8 އޮގަސްޓް 2018

ވޯލްޑް ކަޕު މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ، މިސްރުގެ އިސާމް އަލް ހަދަރީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

45 އަހަރުގެ ގޯލްކީޕަރު އަލް ހަދަރީ، ވޯލްޑް ކަޕުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފް ހޯދީ، މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ސައޫދީ އަރަބިއްޔާއާދެކޮޅަށް ކުޅެގެންނެވެ. އޭނާ ވަނީ މިމެޗުގައި ޕެނަލްޓީއެއްވެސް މަތަކޮށްފައެވެ. ނަމަވެސް މިމެޗު 2-1 އިން ކާމިޔާބުކުރީ ސައޫދީންނެވެ.

“22 އަހަރާއި، 4 މަހާއި އަދި 12 ދުވަހަށްފަހު، އަހަރެންނަށް ފެންނަނީ މިއީ އަހަރެންގެ އަންގި ބާއްވަން އެންމެ ރަނގަޅު ވަގުތުކަމަށް.” އަލް ހަދަރީ އޭނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވެއެވެ.

1996 ވަނަ އަހަރު މިސްރުގެ ގައުމީ ޓީމަށް ކުޅެންފެށި އަލް ހަދަރީ ވަނީ އެޓީމަށް 159 މެޗު ކުޅެދީފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ކުލަބް ލެވެލްގައި އޭނާ އަދިވެސް ކުޅޭނެއެވެ. ހަދަރީ މިހާރު ކުޅެމުން އަންނަނީ މިސްރު ލީގުގެ ކުލަބެއް ކަމަށްވާ އިސްމާއިލީ ސްޕޯޓިން ކުލަބަށެވެ. އޭނާއަކީ އެޓީމުގެ ވައިސް ކެޕްޓަންވެސް މެއެވެ.

ހަދަރީ ވަނީ ނިމިދިޔަ ސީޒަނުގައި ސައޫދީ ޕްރޮފެޝަނަލް ލީގުގެ އަލް ތާޢޫން އަށް ކުޅެ، ސައޫދީގެ ކުލަބަކަށް ކުޅުނު ފުރަތަމަ ބިދޭސީ ކީޕަރުގެ ޝަރަފްވެސް ހޯދާ، އެޓީމަށް އެއް ގޯލުވެސް ޖަހައިދީފައެވެ.

މީގެއިތުރުން ހަދަރީ ވަނީ މިސްރު ގައުމީ ޓީމާއެކު ހަތަރު ފަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި ވިދިވިދިގެން ތިންފަހަރު މިމުބާރާތް ކާމިޔާބުކުރުމުގެ ޝަރަފްވެސް އޭނާވަނީ ހޯދާފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!