ފުރަތަމަ ސަފްޙާ / ޚަބަރު / ޝަރަފްވެރިކަމާ އެކު މެސީގެ ސަޕޯޓަރުންނަށް ރޮނާލްޑޯ ޖަވާބު ދީފި
ޝަރަފްވެރިކަމާ އެކު މެސީގެ ސަޕޯޓަރުންނަށް ރޮނާލްޑޯ ޖަވާބު ދީފި
ރޮނާލްޑޯ ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ރޭގެ މެޗާ އެކު ރޮނާލްޑޯ ވެފައިވަނީ ހަ ވޯލްޑް ކަޕްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް ވެފަ

ޝަރަފްވެރިކަމާ އެކު މެސީގެ ސަޕޯޓަރުންނަށް ރޮނާލްޑޯ ޖަވާބު ދީފި

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 24 ޖޫން 2026

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފަސް ގޯލް ޖަހާފައިވާއިރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެންމެ ގޯލެއްވެސް ކާމިޔާބުކުރެވިފައި ނެތުމުން ކުރިމަތިވަމުން އައި ފާޑުކިޔުންތަކަށް ރޮނާލްޑޯ ރޭ ޖަވާބުދީފި އެވެ.

ޕޯޗުގަލުން މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ރޭ އުޒްބަކިސްތާނާ ވާދަކޮށް 0-5 އިން މޮޅުވި އިރު ރޮނާލްޑޯ ވަނީ އެ މެޗުގައި ދެ ގޯލް ޖަހައިފަ އެވެ. އެއާއެކު ރޮނާލްޑޯ އަށް ވަނީ ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ލިބިފަ އެވެ. ރޮނާލްޑޯއެކޭ އެއްގޮތަށް މިއީ މެސީގެ ވެސް ހަވަނަ ވޯލްޑް ކަމަށް ވިޔަސް މެސީ އަށް އޭނާ ކުޅުނު ކޮންމެ ވޯލްޑް ކަޕެއްގައި ގޯލްޖެހުމުގެ ނަސީބު ލިބިފައެއް ނެތެވެ.

ރޮނާލްޑޯ އާއި މެސީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ކުޅެފައިވާއިރު މެސީ އަށް ސުން ކަނޑުވާ ނުލެވުނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގަ އެވެ.

ހަ ވޯލްޑް ކަޕްގައި ގޯލްޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށްފަހު ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ. އަދި ޓީވީ ކެމެރާއަށް ކުރިމަތިލައިގެން ހުރެ އޭނާ އެނބުރި އައިކަން އަންގާލައިފަ އެވެ.  ރޭގެ މެޗުގައި އުޒްބަކިސްތާނުގެ ގޯލް ފޫއަޅުވާލަން ރޮނާލްޑޯއަށް ނެގީ އެންމެ ހަ މިނެޓެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ވެސް ފުރަތަމަ ހާފުގަ އެވެ. މި މެޗުގައި ހެޓްރިކެއް ހެދުމާ ވަރަށް ގާތަށް ވެސް ރޮނާލްޑޯ ދިޔަ އެވެ. ފުރަތަމަ ހާފުގައި އުޒްބަކިސްތާނުގެ ގޯލަށް އަމާޒުކޮށް ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާ އުޒްބަކިސްތާނުގެ ޒުވާން ޑިފެންޑަރު ހުސަނޯވް ދިފާއުކުރީ ގޯލް ރޮނގުމަތިންނެވެ.

ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުނެފައިވަނީ ލަނޑުޖެހުމަކީ އޭނާ މިދިޔަ 23 އަހަރު ކުރި މަސައްކަތް ކަމަށާއި، އެކަމަކު އަމިއްލަ ރެކޯޑް މަތިކުރުމަށްވުރެ އޭނާއަށް މުހިންމީ ޓީމު ކަމަށެވެ.  

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއެކު އޭނާ އަށް ވަނީ ވޯލްޑް ކަޕްގައި ގޯލްޖެހި ދެވަނައަށް އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާގެ މަގާމުވެސް ލިބިފަ އެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ގޯލެއް ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފް އޮންނަނީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ގޯލް ޖެހި ކެމަރޫންގެ ރޮޖާ މިލާގެ އަތުގަ އެވެ. އޭރު އޭނާގެ އުމުރަކީ 42 އަހަރެވެ.

"އަހަރެން މިހިރީ ވަރަށް އުފާވެފަ. އެކަމަކު މީގަ އެންމެ މުހިންމީ ޓީމު މޮޅުވާން ކުރި މަސައްކަތް. އަދި އޭގެ ސަބަބުން ޓީމަށް ލިބޭ އިތުބާރު." 

ރޭގެ މެޗާ އެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ރޮނާލްޑޯ މި ރެކޯޑް ހެދީ 10 ގޯލާ އެކު އެވެ. މީގެކުރިން މި ރެކޯޑް އޮތީ ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް 9 ގޯލު ޖެހި ޔުސޭބިއޯ އަތުގަ އެވެ. 

"ޔަގީނުންވެސް އަމިއްލަ ރެކޯޑަކީ އެމީހަކަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއް. އެކަމަކު އަހަރެންގެ އަމާޒަކީ ޓީމު ބޭނުންވާ މަގްސަދު ހާސިލކްކުރަން އެހީތެރިވެދިނުން." އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނެފައިވެ އެވެ.  

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޕޯޗްގަލްއިން ކޮލަމްބިޔާ އާ ވާދަކުރާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.  

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings