ފުރަތަމަ ސަފްޙާ / ޚަބަރު / ޕުލިސިޗް ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ކިއު ހަދައިފި

ޕުލިސިޗް ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ކިއު ހަދައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 28 ޖުލައި 2018

ޖަރުމަނުގެ ބުރޫޝިޔާ ޑޯޓްމަންޑަށް ކުޅޭ އުމުރުން 19 އަހަރުގެ ކްރިސްޓިއަން ޕުލިސިޗް ހޯދަން ބޮޑެތި ކްލަބްތަކުން ކިއު ހަދައިފިއެވެ. އެމެރިކާއަށް އުފަން ޕުލިސިޗަކީ މިހާރު ތިބި ޒުވާން ކުޅުންތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކުޅުންތެރިޔާއެވެ.

ޕުލިސިޗް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރާ ކްލަބްތަކުގެ ތެރޭގައި ހިމެނެނީ ސްޕޭންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބެޔާން މިއުނިކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލިވަޕޫލާއި ޗެލްސީންވެސް ޕުލިސިޗް ގެންދަށް އަގު ހުށަހަޅަން ތައްޔާރަށް ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންނަ ސެޕްޓެމްބަރު މަހު 20 އަހަރު ފުރޭ ޕުލިސިޗްގެ ސޮއި ހޯދުން އެންމެ ގާތީ ބެޔާން މިއުނިކް ކަމަށް ބެލެވެއެވެ. އަރިމަތިން އަދި ފޯވާޑުގެ ފަހަތުންވެސް މޮޅަށް ކުޅޭ ޕުލިސިޗް ގެންދަން ބެޔާނުން ބޭނުންވަނީ އާޔެން ރޮބެން އާއި ފްރޭންކް ރިބެރީގެ މަގާމް ފުރަންކަމަށް ބެލެވެއެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ޕުލިސިޗަށްދޭ ސަމާލުކަން ބޮޑުވީ މިހާރު އެޓީމުން ކުރިއަށްގެންދާ ޕްރީ ސީޒަން މެޗުތަކުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުންނެވެ. ޕުލިސިޗް ވަނީ ލިވަޕޫލަށް ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް ދެ ލަނޑު ޖަހާފައެވެ. ބޮޑެތި ކްލަބްތަކުން ބޭނުންވުމުން ޕުލިސިޗް ވިއްކާލަން ޑޯޓްމަންޑުން ވިސްނަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. ޕުލިސިޗަށް ޗެލްސީންނާއި ލިވަޕޫލުންވެސް 65 މިލިއަން ޕައުންޑް ހުށަހަޅަން މިހާރުވެސް އޮތީ ތައްޔާރަށެވެ.

ޕުލިސިޗްގެ ކޮންޓްރެކްޓްގައު ބާކީ ދެއަހަރު އޮތް ނަމަވެސް ބޮޑު އަގެއް ހުށަހަޅައިފިނަމަ އޭނާ ވިއްކާލައިގެން އާމްދަނީ އިތުރު ކުރުމަށް ޑޯޓްމަންޑުން ދަނީ ވިސްނަމުންނެވެ. އުމުރުން އެންމެ 19 އަހަރުގައި ޕުލިސިޗަކީ ބުންޑަސްލީގާ އަދި ޗެމްޕިއަންސް ލީގުގެވެސް ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގެ ބުންޑަސް ލީގާގައި ޕުލިސިޗް ވަނީ 32 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ. 27 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނުއިރު ފަސް ލަނޑު ޖަހަން އޭނާ ވަނީ މަގުފަހި ކޮށްދީފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައި ނުވިނަމަވެސް ޕުލިސިޗަކީ އެގައުމުގައިވެސް މިހާރު އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއެވެ. އެމެރިކާގެ ގައުމީ ޓީމަށް މިހާރުވެސް 21 މެޗު ޕުލިސިޗް ކުޅެދީފައިވާއިރު އޭނާ ވަނީ އުމުރުން 17 އަހަރުގައި ވޯލްޑް ކަޕް ކޮލިފައިންގައި ލަނޑުވެސް ޖަހާފައެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!