Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު: ޝަރަފް ދަމަހައްޓަން މިފަހަރު ރަށުވަންތަ ޓީމެއް
ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު: ޝަރަފް ދަމަހައްޓަން މިފަހަރު ރަށުވަންތަ ޓީމެއް
ކެނދިކުޅުދޫގައި 2018 ވަނަ އަހަރު ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން އެރަށުން އުފުލާލުން. މުޅި ރަށް މިފަހަރު ނުކުންނާނީ މި ކާމިޔާބީ ތަކުރާރުކުރަން. ފޮޓޯ: ކޭކޭއެފްސީ

ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު: ޝަރަފް ދަމަހައްޓަން މިފަހަރު ރަށުވަންތަ ޓީމެއް

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 17 އެޕްރީލް 2026

މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށަން ތައްޔާރުވަމުން އަންނައިރު، އެ މުބާރާތުން ފާހަގަވާ ވަރަށް ހާއްސަ އެއް ކަމެއް އެބަ އޮތެވެ. ގުދުރަތީ ރީތިކަމުގެ ހިތްގައިމު އެތައް ސިފައެއް ފެންނަ އަދި ބިމުގެ ގޮތުން ތަނަވަސް މި ރަށުގައި މީގެ ފަސް އަހަރު ކުރިން ބާއްވަން ފެށި މުބާރާތުގެ ތަށި އެ ރަށުން ބޭރަކަށް އަދި އެއްވެސް ބަޔަކަށް ނުގެންދެވެ އެވެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ކެނދިކުޅުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތް ފުރަތަމަ ދެ އަހަރު ކާމިޔާބުކޮށްފައިވަނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ ކޮމެޓްސްއިންނެވެ. އޭގެ ފަހުން 2024 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލުމާއެކު އަތޮޅުން ބޭރު ރަށްރަށުން ޓީމުތައް މުބާރާތުގައި ބައިވެރިވަމުން އައި ނަމަވެސް ތަށި ކެނދިކުޅުދޫއިން ބޭރަށް ގެންދެވިފަ އެއް ނެތެވެ. އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ތަށި އުފުލާލީ ކެނދިކުޅުދޫގެ ވިންޑް ވޮރިއާސް އިންނެވެ. 

މިފަހަރުގެ މުބާރާތުގައި ކޮމެޓްސް އެއްވެސް އަދި ވިންޑް ވޮރިއާސް އެއްވެސް ނެތެވެ. ޗެމްޕިއަން ޓީމަށް ތިންލައްކަ ރުފިޔާ ހުށަހަޅާފައިވާ މިފަހަރުގެ މުބާރާތުގައި މާލޭގެ އިތުރުން ފުޓްބޯޅައިގައި ނަން ހިނގާ ރާއްޖޭގެ ބައެއް ރަށްތަށުން ޓީމުތައް ބައިވެރިވާއިރު ކެނދިކުޅުދޫގެ ޓީމުތަކުން މިހާތަނަށް ދަމަހައްޓަމުން އައި ރަށު ފަސްގަނޑުގައި ތަށި ބެހެއްޓުމުގެ ރެކޯޑް ދިފާއުކުރުމުގެ ބޮޑު ޒިންމާ މިފަހަރު ހަވާލުވެފައި އޮތީ މުޅި ރަށް ޝާމިލުވާ ގޮތަށް ނުކުންނަ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ އެވެ.

ރަށަށް އުފާވެރިކަން އަލުން ހޯދައިދިނުމުގެ އުންމީދުގައި

ކެނދިކުޅުދޫއަކީ ނ. އަތޮޅުގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. މި މުބާރާތް ބާއްވަން ފެށުމުގެ ކުރިން މުޅި އަތޮޅަށް ހުޅުވާލައިގެން ނ. އަތޮޅުގައި ބާއްވަމުން އައި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ކަޕް އެންމެ ފަހުން ބޭއްވި އަހަރުގެ ޗެމްއޕިއަނުންނަކީ ވެސް ކެނދިކުޅުދޫ އެވެ. ހަ ލައްކަ ރުފިޔާ ޗެމްޕިއަން ޓީމަށް ހުށަހަޅައިގެން 2018 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ތަށި ކެނދިކުޅުދޫއިން އުފުލާލައިފައި ވަނީ މުޅި ރަށް ޝާމިލްވާ ގޮތަށް ނެގި ޓީމަކުންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އެފްއޭއެމުން ކުރިއަށްގެންދިޔަ ނޯތު ލީގު ފުޓްބޯޅަ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ވެސް ކެނދިކުޅުދޫއިން ހޯދި އެވެ. އޭގެ ހަތަރު އަހަރު ފަހުން އެފަދަ އުފާވެރިކަމެއް ތަޖުރިބާކުރަން ރަށު ރައްޔިތުންނަށް ލިބޭނެ އެންމެ ރަގަޅު ފުރުސަތަކީ މިއީ އެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

މިފަހަރުގެ މުބާރާތަށް ޓީމު އެކުލަވާލިއިރު ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ކެނދިކުޅުދޫ ސްޕޯޓްސް ކްލަބުން ވަނީ ބޮޑު އިސްކަމެއް ދީފަ އެވެ. މީގެ އިތުރުން މުބާރާތުގެ ތަށްޓަށް ވާދަކުރެވޭ ވަރުގެ ޓީމެއް އެކުލަވާލުމަށްޓަކައި ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ޓީމުގައި ވަނީ ހިމަނައިފަ އެވެ.

"މިދިޔަ އަހަރު ތަށި ހޯދި ޓީމުގައި ހިމެނުނު ވަރަށް މިފަހަރުގެ ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ނުތިބެދާނެ. އެކަމަކު ޓީމުގެ ބައެއް ޑިޕާޓްމަންޓްތައް، ވަކިން ހާއްސަކޮށް ޓީމުގެ ދިފާއު ކުރީ ފަހަރުގެ ޓީމާ ބަލާއިރު ވަރުގަދަ ވާނެ ކަމަށް ބެލެވެނީ." ކެނދިކުޅުދޫ ސްޕޯޓްސް ކްލަބުން މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ޓީމުގެ މެނޭޖަރު ވާސިފް އަހްމަދު ބުނެފައިވެ އެވެ.

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށް އެކަތިގަނޑަކަށްވުން

ވާސިފް ގަބޫލުކުރާ ގޮތުގައި މިފަހަރުގެ މުބާރާތް އެހެން ހުރިހާ ފަހަރަކަށްވުރެވެސް ވާދަވެރިވާނެ އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، މުޅި ރާއްޖެއަށް ހުޅުވާލައިގެން 2024 ވަނަ އަހަރު މާލޭގައި ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި އަލިފުށި ރެކްރިއޭޝަން ކްލަބުގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ގިނަ ތަރިންތަކެއް ހިމެނައިގެން މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބު ނުކުންނައިރު މި ތިން ޓީމުވެސް ހިމެނެނީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ އެކު ގްރޫޕް އޭ ގަ އެވެ.

ކެނދިކުޅުދޫގެ ވިންޑް ވޮރިއާސް އިން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދުން. މިއަހަރު މުޅި ރަށް ނުކުންނަނީ އެއް ޓީމެއްގެ ގޮތުގައި. ފޮޓޯ: ދި މެންގްރޫވް ޗެމްޕިއަންޝިޕް
ކެނދިކުޅުދޫގެ ވިންޑް ވޮރިއާސް އިން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދުން. މިއަހަރު މުޅި ރަށް ނުކުންނަނީ އެއް ޓީމެއްގެ ގޮތުގައި. ފޮޓޯ: ދި މެންގްރޫވް ޗެމްޕިއަންޝިޕް

"އަޅުގަނޑުމެންގެ ޓީމު މި އޮތީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމުތަކާ އެއް ގްރޫޕެއްގަ. ގައިމުވެސް މިފަހަރުގެ މުބާރާތް ވަރަށް ޗެލެންޖިން ވާނެ. އެހެންވިޔަސް އަޅުގަނޑުމެންގެ ތިބި ކުޅުންތެރިންނާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. މުބާރާތުގެ ތަށި ރަށު ފަސްގަނޑުގައި ބެހެއްޓުމަށްޓަކައި އެ ކުޅުންތެރިން އެ އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން." ފުޓްބޯޅަ ކޮމެންޓޭޓަރެއްގެ ގޮތުގައި ވެސް ގާތްގަނޑަކަށް 25 އަހަރު ހޭދަކޮށްފައިވާ ވާސިފް ޓީމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ބުނެފައިވެ އެވެ.

ވާސިފް ބުނި ގޮތުގައި މިފަހަރުގެ މުބާރާތުގައި ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ކެނދިކުޅުދޫގެ ދެ އަވަށުގެ ހިއްސާ ޓީމުގެ ސްކޮޑާއި މެނޭޖްމަންޓް ޓީމުގައި ފުރިހަމައަށް އޮތުމެވެ.

މިދިޔަ ހަތަރު އަހަރު މުބާރާތުގައި ބައިވެރިވީ ރަށަށް ނިސްބަތްވާ ވަކި ކްލަބެއް. އެކަމަކު މިފަހަރު މިއޮތީ މުޅި ރަށަށް ފުރުސަތު ހުޅުވާލައިގެން އެކުލަވާލައިފައި އޮތް ޓީމެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިފަހަރު ޓީމަށް ލިބޭ ތަރުހީބު އެހެން ހުރިހާ އަހަރަކަށްވުރެ ބޮޑު ވާނެ. އެއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. 

ކެނދިކުޅުދޫއަށް އުފަން ކޯޗެއްގެ އިރުޝާދުގެ ދަށުން މުބާރާތަށް ތައްޔާރުވަމުން އަންނަ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު މުބާރާތުގައި ވާދަކުރާ ފުރަތަމަ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އަލިފުށްޓާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ޖިބިއްލީ ސްޕޯޓްސް ކްލަބާ ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު ފަހު މެޗުގައި ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު މި މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

 

 

ކޮމެންޓްސް

Matches
5
Ongoing
5
Upcoming
Settings