Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލުން ތިން ބަލި ނުވާން ނައިފަރު ޗެލްސީން ޒުވާން މާޒިޔާއާ ދެކޮޅަށް
ފައިނަލުން ތިން ބަލި ނުވާން ނައިފަރު ޗެލްސީން ޒުވާން މާޒިޔާއާ ދެކޮޅަށް

ފައިނަލުން ތިން ބަލި ނުވާން ނައިފަރު ޗެލްސީން ޒުވާން މާޒިޔާއާ ދެކޮޅަށް

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 30 އެޕްރީލް 2026

ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގެ މިރޭ މާޒިޔާ ޖޫނިއާސް އާއި ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު މި ދެ ޓީމުގައި ތިބި ކުޅުންތެރިންނާއި، މެނޭޖްމަންޓާއި އަދި މުބާރާތުގެ ފައިނަލާ ހަމައަށް މި ދެ ޓީމު އައިސްފައިވާ ގޮތާއި މި ހުރިހާ ކަމަކަށް ބަލާއިރު މިއީ ވަރަށް ބޮޑު ތަފާތުތަކެއް ހުރި ދެ ޓީމެވެ.

މިއީ މާޒިޔާ ޖޫނިއާސް މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރަށް ވިޔަސް ނައިފަރު ޗެލްސީ އަކީ މިފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން މުބާރާތާ އެންމެ ރައްޓެހި އެއް ޓީމެވެ. ނައިފަރު ޗެލްސީއިން މިދިޔަ ދެ އަހަރު މި މުބާރާތުގައި ވާދަކޮށްފައިވާއިރު އެ ދެ ފަހަރުވެސް އެ ޓީމު ވަނީ ފައިނަލްގައި ކުޅެފަ އެވެ. އެކަމަކު އެ ދެ ފަހަރުވެސް އެ ޓީމަށް ނާކާމިޔާބާ ކުރިމަތިވެފައި އޮތުމާއެކު މިރޭގެ މެޗަށް އެ ޓީމު ނުކުންނާނީ އެ ތާރީހު ބަދަލުކޮށްލުމުގެ ވަރުގަދަ އަޒުމާއެކު އެވެ.

މުޅިން ތަފާތު ދެ ސްކޮޑެއް

މާޒިޔާ ޖޫނިއާސް މިފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ބޮޑު މަގްސަދަކަށްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވާދަވެރި ވަރުގަދަ މެޗުތަކެއް ހޯދައިދިނުމެވެ. އެކަން ކިތަންމެހާ ވެސް ރަގަޅަކަށް އެ ޓީމަށް މިފަހަރު ހާސިލްވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

މާޒިޔާ ޖޫނިއާސް ލައްވާލީ މިފަހަރުގެ މުބާރާތުގައި ބައިވެރިވި އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބާއި، އަލިފުށި ރެކްރިއޭޝަން ކްލަބްގެ އިތުރުން މުބާރާތް ހޯސްޓްކުރާ ރަށުން ބައިވެރިވި ޓީމާ އެއް ގްރޫޕެއްގަ އެވެ.

ނައިފަރު ޗެލްސީގެ ކުޅުންތެރިއަކު ސެމީ ފައިނަލް މެޗުގައި. ފައިނަލުގައި މިރޭ އެޓީމު ނުކުންނާނީ މާޒިޔާ ޖޫނިއާސްއާ ދެކޮޅަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
ނައިފަރު ޗެލްސީގެ ކުޅުންތެރިއަކު ސެމީ ފައިނަލް މެޗުގައި. ފައިނަލުގައި މިރޭ އެޓީމު ނުކުންނާނީ މާޒިޔާ ޖޫނިއާސްއާ ދެކޮޅަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ޖިބިއްލީގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފަސިރު (ސެންޓޭ) ހިމެނުނު އިރު އަލިފުށްޓަކީ 2024 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ޓީމެކެވެ. ޓީމަށް އިރުޝާދުދޭން ހުރީ ޒުވާން ކުޅުންތެރިން ބިނާކުރުމުގައި ގިނަ ތަޖުރިބާތަކެއް މިހާތަނަށް ހޯދާފައިވާ އިބްރާހިމް ސައީދު (ކަކާ) އެވެ.

ނައިފަރު ޗެލްސީއަށް ބަލާއިރު އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ ޓީމުގައި ބިދޭސީ ކުޅުންތެރިން ގިނަ ކަމެވެ. ޓީމުގައި ޖުމްލަ 11 ބިދޭސީ ކުޅުންތެރިން ހިމަނާފައިވާއިރު އެ ޓީމު އެންމެ ފަހުން ސެމީ ފައިނަލްގައި ޖިބިއްލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި އޭގެ ތެރެއިން ހަތް ކުޅުންތެރިޔަކު ކުޅެފައިވެ އެވެ. ޓީމުގެ ކޯޗަކަށް މިފަހަރު ހުރީ އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.

ދެ ޓީމު ފައިނަލަށް އައީ ކިހިނެއް؟

މި މުބާރާތުގެ ފައިނަލަށް މާޒިޔާ ޖޫނިއާސް އައިސްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. މާޒިޔާ ޖޫނިއާސް ހިމެނުނު ވާދަވެރި ގްރޫފުން އެއްވަނަ ހޯދައިގެން ސެމީ ފައިނަލްގެ ޖާގަ އެޓީމުން ކަށަވަރުކުރި އިރު ފައިނަލްގެ ޖާގަ އެ ޓީމުން ކަށަވަރުކުރީ މިދިޔަ ދެ މުބާރާތުގެވެސް ސެމީ ފައިނަލްގައި ކުޅުނު އެފްސީ މާފަރާ ވާދަކޮށް 2-3 އިން ކުރި ހޯދައިގެންނެވެ. މި މުބާރާތުގައި މާޒިޔާ ޖޫނިއާސް އިން ޖުމްލަ 21 ގޯލް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ކޮޅަށް ޖުމްލަ ހަތް ގޯލް ވަދެފައިވެ އެވެ. މާޒިޔާ ޖޫނިއާސްއިން މިވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މިހާތަނަށް މި މުބާރާތުގައި ހަ ގޯލް ޖަހައިގެން ޓޮޕް ސްކޯރާ ލިސްޓުގެ އެއްވަނައިގައި އޮތް އައިދު މުހައްމަދު ޖަވީދެވެ.

މާޒިޔާ ޖޫނިއާސްގެ ކުޅުންތެރިއަކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މާޒިޔާގެ އުއްމީދީ ކުޅުންތެރިން މިރޭ ނުކުންނާނީ ވަރުގަދަ ނައިފަރު ޗެލްސީއާ ދެކޮޅަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
މާޒިޔާ ޖޫނިއާސްގެ ކުޅުންތެރިއަކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މާޒިޔާގެ އުއްމީދީ ކުޅުންތެރިން މިރޭ ނުކުންނާނީ ވަރުގަދަ ނައިފަރު ޗެލްސީއާ ދެކޮޅަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ނައިފަރު ޗެލްސީ މި މުބާރާތުގެ ފައިނަލަށް އައީ އެޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއި އެކު އެވެ. އެޓީމު ވާދަކުރީ ނ. އަތޮޅަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ މަނަދޫ ސްޕޯޓްސް ކްލަބާއި، އެފްސީ މާފަރު ހިމެނުނު ގްރޫޕް ބީ ގަ އެވެ.  ސެމީ ފައިނަލްގައި އެ ޓީމުން ޖިބިއްލީ ސްޕޯޓްސް ކްލަބާ ވާދަކޮށް 0-3 އިން މެޗު ކާމިޔާބުކުރި އިރު މިހާތަނަށް މި މުބާރާތުގައި އެ ޓީމު ކޮޅަށް އެންމެ ގޯލެއްވެސް ވަދެފައެއް ނުވެ އެވެ.

ނައިފަރު ޗެލްސީއިން މި މުބާރާތުގައި މިހާތަނަށް 13 ގޯލް ކާމިޔާބުކޮށްފައިވާއިރު މި ގޯލްތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަލްހާޖީ ގޭރޯ އާއި އިބްރާހިމް ލެބީގެ އިތުރުން މުހައްމަދު ނާއިމް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ.

މާޒިޔާ ޖޫނިއާސް އަށް ޕްރެޝަރެއް ނެތް

މިރޭގެ ފައިނަލް މެޗާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން މާޒިޔާ ޖޫނިއާސްގެ ކޯޗު ކަކާ ބުނީ މާޒިޔާއަށް މިރޭ އޮންނާނެ އެންމެ ބޮޑު އެޑްވާންޓޭޖަކީ އެޓިމުގެ ކުޅުންތެރިންނަށް އޮތް ޕްރެޝަރު ކުޑަވުން ކަމަށެވެ.

އަހަރުމެންނަށް މިހިސާބަށް އާދެވުންވެސް މިއީ ލިބުނު ބޯނަހެއް. އެހެންވީމަ ކުޅުންތެރިންނަށް މާބޮޑު ޕްރެޝަރެއް ނެތި ކުޅެވޭނެ. އެއާ ހިލާފަށް ނައިފަރު ޗެލްސީ މިދިޔަ ދެ އަހަރު ފައިނަލުން ބަލިވެފަ އޮތުމާއެކު އެ ލޫސިން ސްޓްރީކް ނިންމަން ބޭނުންވެފައި އޮތުމަކީ އެ ޓީމަށް އޮތް ބޮޑު ޕްރެޝަރަކަށް ވާނެ

"ނައިފަރު ޗެލްސީ އަކީ އެކްސްޕީރިއެންސްޑް އަދި ކޮލިޓީ ޕްލޭޔަރުން ގިނަ ޓީމެއް. ވަކިން ހާއްސަ ގޮތެއްގެ ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިން ތިބީމަ އެ ޓީމު ފެންނަނީ ވަރަށް ސްޓްރޯންގް ކޮށް. މިދިޔަ 48 ގަޑިއިރު ތެރޭގަ އަހަރެމެން މިކުރި މަސައްކަތަކީ އެކަން ކަމަށް ކުޅުންތެރިންގެ މައިންޑްސެޓް އެލައިން ކުރުން." ފައިނަލް މެޗަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކޮންކަމަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ކަކާ ބުންޏެވެ.  

މިރޭގެ މެޗަށް ނުކުންނައިރު ކަކާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން މުބާރާތުގައި މިހާތަނަށް ދައްކާފައިވާ މޮޅު ކުޅުމެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ ކުޅުންތެރިން ވަނީ މާޒިޔާއިން ހިފަހައްޓަން ބޭނުންވާ މިންގަނޑުގައި ކުޅުންތެރިންގެ ވާކް ރޭޓާއި، އެތިކްސް އާއި އަދި އެހެން ހުރިހާ ވެލިއުސްތަކެއް ހިފަހައްޓައިފަ އެވެ.

އަހަރެމެން ސެމީ ފައިނަލް މެޗު ކުޅުނީ ސީނިއާ ޓީމުގައި ހިމެނޭ ގައުމީ ޓީމުގެ ޕްލޭޔަރުން ނުލައި. އެކަމަކު އެ މެޗުގައި ޒުވާން ކުޅުންތެރިން ސާބިތުކޮށްދީފި އެ ކުޅުންތެރިންނަކީ ނަތީޖާ ނެރެވޭނެ ފެންވަރު ހުރި ކުދިން ކަން. އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

ގޯހެއް ނުހަދަން ޗެލްސީގެ ވަރުގަދަ ސްކޮޑް ތައްޔާރު

ނައިފަރު ޗެލްސީގެ އޮފިޝަލުންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝާމް (ސަޑަކް) ބުނެފައިވަނީ މުބާރާތަށް ތައްޔާރުވުމުގައި ޓީމަށް ދަތިތަކެއް ދިމާވިކަމުގައިވިޔަސް މުބާރާތުގެ ތެރެއިން އެކަމަށް ހައްލު ހޯދައި ޓީމު މިހާރު އޮތީ ފައިނަލް މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

"ފައިނަލް މެޗަކަށް ތައްޔާރުވެވޭނެ އެންމެ ރަގަޅަކަށް ތައްޔާރުވެފަ ޓީމު މިއޮތީ. ކުރީ ދެ މުބާރާތުގެ ފައިނަލްގަ ހެދުނު މިސްޓޭކްތައް ތަކުރާރު ނުވާނެ ގޮތަށް ބަލައިގެން ޓީމު ތައްޔާރުވަމުން އައީ. އިރާދަކުރެއްވިއްޔާ މިފަހަރު ކާމިޔާބުވާނެ." މިރޭގެ މެޗުގެ ކުރިން "ފަހުމިނެޓް"އާ ވާހަކަ ދައްކަމުން ސަޑަކް ބުނެފައިވެ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޓީމުގަ ވަރަށް ކޮލިޓީ ޕްލޭޔަރުން އެބަތިބި. އެ ކުޅުންތެރިންގެ ކޮލިޓީ އެނގޭ ކޯޗެއް އަހަރެމެންގެ އެބަހުރި. އެހެންވީމަ. އެއީ މިރޭގެ ފައިނަލަށް ނުކުންނައިރު އަހަރެމެންނަށް އޮތް ވަރަށް ބޮޑު އިތުބާރެއް. އެކަމަކު މާޒިޔާގެ ޒުވާން ކުޅުންތެރިންނާ މެދު އަހަރެމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ.

ސަޑަކް ފާހަގަކުރި ގޮތުގައި މިފަހަރުގެ މުބާރާތަށް ނައިފަރު ޗެލްސީއިން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، އޭގެ ނަތީޖާ ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

"މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ އެއްޗަކީ ނިސްބަތުން ބޮޑު އެއްޗެއް. އެކަމަކު އަހަރެމެން މިފަހަރު މި ނުކުތީ އެއަށް ބަލައިގެނެއް ނޫން. ބޭނުންވީ ކިތަންމެ ބޮޑު ހަރަދެއް ކޮށްގެންވެސް މި ތަށި ނައިފަރަށް ގެންނަން." ސަޑަކް ބުންޏެވެ.

ނައިފަރު ޗެލްސީން ބުނީ މިރޭގެ މެޗުގައި ޓީމަށް ތަރުހީބުދިނުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކެނދިކުޅުދޫއަށް ދާނެ ކަމަށެވެ.

 

 

 

 

 

 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Settings