Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދިވެހި ފުޓްބޯޅައަށް ކެނދިކުޅުދޫ ރައްޔިތުން މިވަނީ ބޮޑު ގުރުބާނީއެއް
ދިވެހި ފުޓްބޯޅައަށް ކެނދިކުޅުދޫ ރައްޔިތުން މިވަނީ ބޮޑު ގުރުބާނީއެއް

ދިވެހި ފުޓްބޯޅައަށް ކެނދިކުޅުދޫ ރައްޔިތުން މިވަނީ ބޮޑު ގުރުބާނީއެއް

ޢަބްދުﷲ އަޝްރަފް
ޢަބްދުﷲ އަޝްރަފް
8 ގަޑިއިރު ކުރިން 11 މެއި 2026

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނިމުނު ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މިހާތަނަށް ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މުބާރާތަށް ވާނެ އެވެ. އެއީ ވަރަށް ގިނަ ސަބަބުތަކެއްވެސް ހުރެގެންނެވެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިންލައްކަ ރުފިޔާ ދޭން ހަމަޖައްސާފައި އޮތުމަކީ މި މުބާރާތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ސަބަބެވެ. އެއާއެކު މުބާރާތުގައި ރަށުން ބޭރުން ބައިވެރިވި ބައެއް ޓީމުތަކުން ކެނދިކުޅުދޫއަށް ދިޔައީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެ ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެއްތަންވި އިރު ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ 17 ކުޅުންތެރިން ތިއްބެވެ.

އެންމެ ފަހުން ރާއްޖެ ވާދަކުރި ސަރަހައްދީ ޖޫނިއާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ޓީމުގެ އެތައް ކުޅުންތެރިއަކުވެސް ތިއްބެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި އެންމެން އިއްތިފާގުވާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހުރީ އެ އެންމެންގެތެރޭގަ އެވެ. ނުވިތާކަށް މިދިޔަ ސީޒަންގައި ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގުގައި ކުޅުނު ބިދޭސީ މޮޅު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ތިބީ ކެނދިކުޅުދޫގަ އެވެ.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕަށް ކެނދިކުޅުދޫ ތައްޔާރުކޮށްފައި. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕަށް ކެނދިކުޅުދޫ ތައްޔާރުކޮށްފައި. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

މި ސަބަބުތަކާއެކު ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ސިފަވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރިންގެ ޝޯކޭހެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ތިބި މަޝްހޫރު ކުޅުންތެރިން މިހާ ގިނަ އަދަދަކަށް ރަށެއްގައި އޮންނަ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރާތަން މިނޫނިއްޔާ ފެނިފައި އޮންނާނެ ހެނެއްވެސް ހިއެއް ނުވެ އެވެ.

ރޭވެންތެރިކަމާއި އެކު ކުރި ބުރަ މަސައްކަތެއް

މެންގްރޫވް އައިލެންޑް މުބާރާތް މި ހިސާބަށް އައީ އޯވަނައިޓަކުން ނޫނެވެ. މިއީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއެކު ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. މީގެ ފަސް އަހަރު ކުރިން މި މުބާރާތް ކެނދިކުޅުދޫ ކައުންސިލުން ފެށިއިރު މިއީ ވަރަށް މަދު ބަޔަކު ނޫނީ ދަންނަ މުބާރާތެއް ނޫނެވެ. މުބާރާތް ފުރަތަމަ ހުޅުވާލީވެސް ހަމައެކަނި ރަށަށެވެ.

މެންގްރޫވް ޗެމްޕިއަންޝިޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ހުރިހާ މަރުހަލާއެއްގައި ވެސް ފެނުނީ ފުރިހަމަ ތައްޔާރީތައް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
މެންގްރޫވް ޗެމްޕިއަންޝިޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ހުރިހާ މަރުހަލާއެއްގައި ވެސް ފެނުނީ ފުރިހަމަ ތައްޔާރީތައް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނީ އެންމެ 30 ހާސް ރުފިޔާ އެވެ. އެކަމަކު އޭރުވެސް ކައުންސިލްގެ ވަރުގަދަ ތަސައްވުރެއް އޮތެވެ. ރާއްޖޭގެ އެންމެ މަގްބޫލް އެއް ފުޓްބޯޅަ މުބާރާތަށް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް  ހެދުމެވެ.

ކެނދިކުޅުދޫ ކައުންސިލްގެ އެ ހިތްގައިމު ތަސައްވުރު ހަގީގަތަކަށް ހަދަން މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ފަހަރަކަށްވުރެ ފަހަރެއް މުބާރާތުގެ އިންތިޒާމުތައް އައީ ރަގަޅުކުރަމުންނެވެ. މުބާރާތް ފެށިގެން ތިން ވަނަ އަހަރު މުޅި ރާއްޖެއަށް މުބާރާތް ހުޅުވާލި އެވެ. ޗެމްޕިއަން ޓީމަށް ދޭ އިނާމު އަހަރުން އަހަރަށް އައީ ބޮޑު ކުރަމުންނެވެ. މުބާރާތް ޕޮރޮމޯޓްކުރުމަށްޓަކައި ކުރި މަސައްކަތް އަދި ވަކިން ގިނަ އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު. ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިޔާތުގައި ފެނުނީ ވަރަށް ފުރިހަމަކޮށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު. ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިޔާތުގައި ފެނުނީ ވަރަށް ފުރިހަމަކޮށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

މިފަހަރުގެ މެންގްރޫވް އައިލެންޑް މުބާރާތް ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުން އެކަނިވެސް، ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާނެ ފުރިހަމަ މި މުބާރާތް ހެދުމަށްޓަކައި އިންތިޒާމުކުރާ ފަރާތުން ކޮށްފައިވާ ވަރުގަދަ މަސައްކަތް ވަޒަންކޮށްލެވެ އެވެ. ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ފަށާއިރުވެސް ނުފެންނަ ވަރުގެ ކުލަގަދަ ހަރަކާތްތަކެއް ކެނދިކުޅުދޫ މުބާރާތުން މިފަހަރު ވަނީ ފެނިފަ އެވެ.

ދިވެހި ފުޓްބޯޅައަށް ރަށެއްގެ ރައްޔިތުން ވީ ބޮޑު ގުރުބާނީ

މި ހުރިހާ ކަމެއް ހަގީގަތަކަށް ހެދުމުގައި ކެނދިކުޅުދޫގެ ޒުވާނުންނާއި، ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުން ދެއްކީ ވަރުގަދަ ނަމޫނާ އެކެވެ. ފެނުނީ ދިވެހި ފުޓްބޯޅަ ކުރިއަރުވަން ރަށެއްގެ ރައްޔިތުން ވީ އިހުލާސްތެރި ގުރުބާނީ އެވެ. މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގައާއި، ޓީމުތަކަށް މެހްމާންދާރީ އަދާކުރުމުގައި ކެނދިކުޅުދޫ ރައްޔިތުން ވަނީ އާދަޔާހިލާފު އެއްބައިވަންތަކަމެއް ދައްކައިފަ އެވެ.

ކެނދިކުޅުދޫގެ ޒުވާނުން ފުޓްބޯޅައަށް ހުރި ޝައުގުވެރިކަމާއި، ރަށަށް އޮތް ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދިން ހާދިސާއެއް މުބާރާތް ފެށެން ވަރަށް ގާތްވެފައި ވަނިކޮށް ފެންމަތިވި އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައެޅި ތިން ލައްކަ ރުފިޔާ ސްޕޮންސާކުރި ފަރާތުން އެންމެ ފަހު ވަގުތު އެ ފައިސާ ދެވެން ނެތް ކަމަށް އެންގުމާއެކު އެ ފައިސާ ހަމަ ކޮށްދިނީ ރަށުގެ ޒުވާނުންނެވެ. އެންމެ ދެ ދުވަސް ތެރޭ ޒުވާނުން ނުކުމެ އެ ކުރި އާދަޔާހިލާފު މަސައްކަތަކީ މި މުބާރާތް މިފަހަރު ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް އަސްލެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ރަސްމިއްޔާތުތައް ފެނުނީ މީގެކުރިން ރާއްޖޭގައި ނުބާއްވާ ފެންވަރަކަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ރަސްމިއްޔާތުތައް ފެނުނީ މީގެކުރިން ރާއްޖޭގައި ނުބާއްވާ ފެންވަރަކަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

މި މުބާރާތަކީ ކެނދިކުޅުދޫއަށް ވެސް ބޮޑު ކުރިއެރުމެއް ލިބުނު މުބާރާތަކަށް ޔަގީނުންވެސް ވާނެ އެވެ. މުބާރާތުގެ ސަބަބުން ރަށަށް ވަންނަ އާމްދަނީ އިތުރުވުމާއި، ރަށް އިތުރަށް މުޅި ރާއްޖެއަށް އިޝްތިހާރުވުމާއި، އަދި ރަށުގައި ހުރި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީވުމަކީ މި މުބާރާތުގެ ސަބަބުން ރަށަށް ލިބޭނެ ބޮޑެތި ކުރިއެރުންތަކުގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ކަންކަން އިންތިޒާމުކުރުމުގައި މިއަހަރު ކެނދިކުޅުދޫ ސްކޫލުން އޯ ލެވެލް ނިންމި ދަރިވަރުން ހަރަކާތްތެރިވެފައިވުމަކީ ވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެ ތަޖުރިބާ ޔަގީނުންވެސް އެކުދިންނަށް ވާނީ ވަރަށް ގިނަ ކަންކަމަށް ލޯ ހުޅުވައިދިން ތަޖުރިބާއަކަށެވެ.

މުބާރާތުން ގެނެސްދިނީ ދިވެހި ފުޓްބޯޅައަށް އުންމީދު

ކެނދިކުޅުދޫ ކައުންސިލް އިދާރާއިން ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ބާއްވަން ނިންމީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ވަޅުޖެހި ފުޓްބޯޅަ މުބާރާތްތައް ބޭއްވުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް މަދުވެފައި އޮތް ދުވަސްވަރެއްގަ އެވެ. މިއާއެކު މި ފުރުސަތު ވެގެންދިޔައީ ފުޓްބޯޅައަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ގެއްލެމުން ދިޔަ ފުރުސަތު އަލުން އަނބުރާ ހޯދައިދިނުމަށް ކޮށައިދެވުނު ރަގަޅު މަގަކަށެވެ. ބައެއް ޓީމުތަކުން މި މުބާރާތަށް މިސްރާބު ޖެހި އެއް ސަބަބަކަށް އެ ޓީމު ނިސްބަތްވާ އަތޮޅުގައި ފުޓްބޯޅަ މުބާރާތްތައް ނެތުން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ޓީމަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނައިފަރު ޗެލްސީ އެވެ.

ނައިފަރު ޗެލްސީގެ ބިދޭސީ ކުޅުންތެރިއަކު ތައްޓާއެކު ރާއްޖޭގެ ހިތްގައިމު މާހައުލެއްގައި. ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިން ވެސް މުބާރާތުގައި ކުޅުނު. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
ނައިފަރު ޗެލްސީގެ ބިދޭސީ ކުޅުންތެރިއަކު ތައްޓާއެކު ރާއްޖޭގެ ހިތްގައިމު މާހައުލެއްގައި. ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިން ވެސް މުބާރާތުގައި ކުޅުނު. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

"ނައިފަރުގައިވެސް އޭރު އެއްކޮށް ކަހަލަ ގޮތަކަށް ފުޓްބޯޅަ މުބާރާތްތައް ހުއްޓިއްޖެ. އަތޮޅު ތެރޭގަ ވެސް މުބާރާތްތަކެއް ނޯވޭ ފަހަކުން. އެހެންވެ މި މުބާރާތަށް ދާން ނިންމީ." ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ނައިފަރު ޗެލްސީއިން ބައިވެރިވާން ފެށި ސަބަބާ ގުޅޭ ގޮތުން މުބާރާތް ފެށުމުގެ ކުރިން "ފަހުމިނެޓް" އާ ވާހަކަ ދައްކަމުން އެ ޓީމުގެ އޮފިޝަލަކު ބުނެފައިވެ އެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

ކޮންމެއަކަސް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕަކީ ވަޅު ޖެހެމުން އައި ދިވެހި ފުޓްބޯޅައަށް އުންމީދެއް ގެނެސްދިން މުބާރާތެކެވެ. ރޭވުންތެރިކަމާއިއެކު މަސައްކަތްކޮށްފި ނަމަ ރާއްޖޭގައި އަލުން ފުޓްބޯޅައިގެ ފޯރި ގެނެވޭނެކަން ދައްކުވައިދިން ފުރިހަމަ މިސާލެކެވެ. މިއީ ކުރިއަށް ގެންދަން ކޮންމެހެންވެސް ޖެހޭ މުބާރާތެކެވެ. އަދި ދިވެހި ފުޓްބޯޅައަށްޓަކައި ރަށްރަށުން ކުރާ މިފަދަ މަސައްކަތްތައް ބަލައިގަނެ ހިތްވަރުވެސް ދޭން ޖެހެ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings