ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026 ގެ ދެ ވަނަ ސެމީ ފައިނަލުގައި މަހިބަދޫ އަށް ނިސްބަތްވާ ޖިބިއްލީ ސްޕޯޓްސް ކްލަބް 0-3 އިން ބަލިކޮށް ނައިފަރު ޗެލްސީން މުބާރާތުގެ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.
މިއީ ނައިފަރު ޗެލްސީން މުބާރާތުގެ ފައިނަލުގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. މީގެކުރިން ދެ ފަހަރުގެ ފައިނަލުން ބަލިވުމާ އެކު އެޓީމުގެ އަމާޒަކީ އެކަމަށް ނިމުން ގެނެސް މިފަހަރު ޗެމްޕިއަންކަން ހޯދުމެވެ. ސީދާ ތައްޓަށް އަމާޒުހިފައި މިފަހަރު ނެރުނީ ވެސް އެހާ ވަރުގަދަ ޓީމެކެވެ.
ކެނދިކުޅުދޫގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި ނައިފަރު ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޖިބިއްލީ އަށް ދިމާވި މައްސަލައަކީ އެޓީމުގައި ހިމެނުނު ގައުމީ ޓީމުގެ ކުޅުންތެރިން މުބާރާތް ދޫކޮށް ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަން ޖެހުމެވެ. އެހެންވެ، ޖިބިއްލީ ޓީމުގައި ހިމެނޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި ފެނިފައެއްނުވެ އެވެ.
މެޗުގައި ނައިފަރު ޗެލްސީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އެޓީމުގެ ދެ ވަނަ ގޯލަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުހައްމަދު ނާއިމް ކާމިޔާބުކޮށްދިން ގޯލެކެވެ. ނައިފަރު ޗެލްސީގެ ތިން ވަނަ ގޯލު 64 ވަނަ މިނެޓުގައި ޖެހީ އަހުމަދު އަޝްރަފެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
ފައިނަލުގައި ނައިފަރު ޗެލްސީ ނުކުންނާނީ ފުރަތަމަ ސެމީގައި މާފަރު 2-3 އިން ބަލިކުރި މާޒިޔާ ޖޫނިއާސްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ.
ޗެމްޕިއަން ޓީމަށް ތިންލައްކަ ރުފިޔާ ހުށަހަޅާފައިވާ މުބާރާތުގައި މިއަހަރު ހަތް ޓީމަކުން ބައިވެރިވި އެވެ. މުބާރާތް ބާއްވާ ކެނދިކުޅުދޫން އެއް ޓީމު ބައިވެރިވިއިރު ބާކީ ހަ ޓީމަކީ ރަށުން ބޭރުން ބައިވެރިވި ޓީމުތަކެވެ.
