Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަލިފުށި ރެކްރިއޭޝަން ކްލަބު: މުޅި ރަށް އެދެނީ ޓީމުގެ ކާމިޔާބަށް
އަލިފުށި ރެކްރިއޭޝަން ކްލަބު: މުޅި ރަށް އެދެނީ ޓީމުގެ ކާމިޔާބަށް
2024 ވަނަ އަހަރުގެ ފަހުކޮޅު މާލޭގައި ބޭއްވި ގޯލްޑް ކަޕްގައި ވާދަކުރި އަލިފުށި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ޕީއެސްއެމް

އަލިފުށި ރެކްރިއޭޝަން ކްލަބު: މުޅި ރަށް އެދެނީ ޓީމުގެ ކާމިޔާބަށް

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 16 އެޕްރީލް 2026

މިދިޔަ ދިހަ ވަރަކަށް އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ފެންވަރު ރަނގަޅު ފުޓްސަލް ދަނޑުތައް ތަރައްގީކޮށްފައިވުމާ އެކު ކުރިން ފުޓްބޯޅައަށް ދެމުން އައި އިސްކަން ގިނަ ރަށްރަށުގައި ބަދަލުވީ ފުޓްސަލްއަށެވެ. އެކަމަކު ރ. އަތޮޅުގެ އެންމެ އުތުރަށް އޮންނަ އަލިފުށްޓަށްވީ މުޅިން ތަފާތު ގޮތެކެވެ.

ރަށުގައި ތަރައްގީކުރި ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް ދެން ލިބުނީ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެކެވެ. އެހިސާބުން ފެށިގެން އަލިފުށީގެ ޒުވާނުންގެ ހިތް ފުޓްބޯޅައަށް ލެނބުނީ މާ ބޮޑަށެވެ.

ގޯލްޑް ކަޕުން ލިބުނު ހިތްވަރާއެކު އިތުރު ކާމިޔާބީއަށް ކެތްމަދުވެފައި

ފުޓްބޯޅައަށް އަލިފުށީ ޒުވާނުން ދޭން ފެށި އިސްކަން އަލިފުށި ރެކްރިއޭޝަން ކްލަބުން ވެސް ބަލައިގަތީ ވަރަށް ސީރިއަސްކޮށެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ވަކަރަށް ޖަހާލުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް އެ ކްލަބުން ފުޓްބޯޅަ ޓީމު ބައިވެރިކުރީ ރާއްޖޭގެ އެކި ހިސާބުތަކުގެ ޓީމުތަކަށް ދައުވަތު ދީގެން 2024 ވަނަ އަހަރުގެ ފަހުކޮޅު މާލޭގައި ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕްގަ އެވެ. ނަތީޖާ ނުކުތީ ހީކޮށްގެން ތިބި ވަރަށްވުރެވެސް މާ ރަނގަޅަށެވެ. ރާއްޖޭގެ 17 ރަށަކުން ވާދަކުރި މުބާރާތުގެ ސެމީ ފައިނަލުން އަލިފުށި ޖާގަ ހޯދި އެވެ. ފައިނަލްގެ ފުރުސަތު އަލިފުށްޓަށް ގެއްލުނީ ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނުނު އައްޑޫ ސިޓީއާ ވާދަކޮށް 0-2 އިން ބަލިވުމުންނެވެ.

ގޯލްޑް ކަޕްގައި އަލިފުށިން ހޯދި ބޮޑު ކާމިޔާބާ އެކު ކްލަބުން އައީ ރަށުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި އިތުރު ފުރުސަތަކަށް އިންތިޒާރުކުރަމުންނެވެ. މާލެ ނޫން އެހެން ރަށެއްގައި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމުމާ އެކު މުބާރާތުގައި ބައިވެރިވުމަށް އެ ކްލަބަށް ގޮންޖެހުންތައް ކުރިމަތިވި އެވެ. އެ ދަނޑިވަޅެއްގައި ދެން އެންމެ ރަނގަޅު އޮޕްޝަނަކަށް ފެނުނީ ކެނދިކުޅުދޫގައި ބާއްވާމުން އަންނަ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕެވެ.

އަލުފުށީގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) ރަށު ޖާޒީގައި. ހޮކޭ އަކީ ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް.
އަލުފުށީގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) ރަށު ޖާޒީގައި. ހޮކޭ އަކީ ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް.

"ދަތުރުފަތުރަށް ބަލާއިރުވެސް ރަށާ މާ ދުރު ނޫން ހިސާބެއްގަ ކެނދިކުޅުދޫ މިއޮތީ. އަނެއް ކޮޅުން މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު އެއް ފުޓްބޯޅަ މުބާރާތަށް ވީމަ އަޅުގަނޑުމެން ބޭނުންވީ މި މުބާރާތުގަ ބައިވެރިވާން." އަލިފުށި ރެކްރިއޭޝަން ކްލަބު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެ ކްލަބުގެ ނައިބު ރައީސް އަލީ އަޒްމީން "ފަހިމިނެޓް" އާ ވާހަކަދައްކަމުން ބުންޏެވެ. 

އަލިފުށި ރެކްރިއޭޝަން ކްލަބުން މުބާރާތަށް ތައްޔާރުވަމުން އަންނަނީ މިއީ ވާދަވެރިކަން ބޮޑު މުބާރާތެއްކަން ދަނެގެންނެވެ. މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތަކުން ސީދާ ތަށްޓަށް އަމާޒު ހިފައިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެ ކްލަބަށް ރަނގަޅަށް އެނގެ އެވެ.

އެ އެއާއެކު އަލިފުށި ރެކްރިއޭޝަން ކްލަބުން ވެސް މި މުބާރާތަށް ތައްޔާރުވަމުން އަންނަނީ ފިސާރި ވަރުގަދަ އަށެވެ. ގޯލްޑް ކަޕްގައި ރަށް ތަމްސީލް ކުރި ގިނަ ކުޅުންތެރިންތަކެއް މި ފަހަރުގެ ޓީމުގައި ވެސް ހިމެނެ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގައި ވާދަކުރާ ތަޖުރިބާކާރު ދިވެހި ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިންގެ އިތުރުން ބިދޭސީ ފަސް ކުޅުންތެރިއަކު ވެސް ޓީމުގައި ވަނީ ހިމަނައިފަ އެވެ. ޓީމުގެ ކޯޗަކަށް މި މުބާރާތުގައި ހުންނާނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވާޑް އާދަމް ޢަބްދުއްލަތީފް (ލައްޗޭ) އެވެ.

ގޯލްޑް ކަޕްގައި އަލިފުށި ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. އެ މުބާރާތުގައި އަލިފުށި ސަޕޯޓަރުންނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު.
ގޯލްޑް ކަޕްގައި އަލިފުށި ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. އެ މުބާރާތުގައި އަލިފުށި ސަޕޯޓަރުންނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު.

"ޓީމުގައި ތިބި ކުޅުންތެރިންނާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ހަމައެކަނި އޮތް މައްސަލައަކީ ޓީމު އެކުގައި ކުޅެން ލިބޭ ދުވަސްކޮޅު މަދުވުން. މިހާރުވެސް ބައެއް ކުޅުންތެރިން މާލޭގައި ކުރިއަށްދާ މުބާރާތުގަ ކުޅެމުން އަންނާތީ މުޅި ޓީމު އެއްކޮށް ޕްރެކްޓިސް ނުކުރެވުން ހަމައެކަނި މައްސަލަ އަކީ." ޓީމުގެ އޮތް ހަމައެކަނި ކަންބޮޑުވުން މި ނޫހާ ހިއްސާކުރަމުން އަޒްމީން ބުނެފައިވެ އެވެ.

މުޅި ރަށް އޮތީ ޓީމާއެކު

ގޮންޖެހުންތަކެއް ހުއްޓަސް އަލިފުށި ރެކްރިއޭޝަން ކްލަބަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޅި ރަށް އެ ޓީމުގެ ފަހަތުގައި އޮތުމެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް މިކަމަށް ލިބޭ. އަޅުގަނޑުމެން ބަލަމުން އެބަ ގެންދަން ޓީމު ކުޅޭ ދުވަސްދުވަހު ސަޕޯޓަރުން ކެނދިކުޅުދޫއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖެހޭތޯ. 


އަޒްމީން އެ ބުނި ވާހަކައަށް އެއްބަސްވާނެ މީހުން ވަރަށް  ގިނަވާނެ އެވެ. ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މާލޭގައި އޮތް އިރު އަލިފުށި ކުޅުނު މެޗުތަކަށް ދަނޑަށް ވަތް އެ ޓީމުގެ ސަޕޯޓަރުން ދިނީ އާދަޔާ ހިލާފު ތަރުހީބެކެވެ. ވަރަށް ގިނަ ބަޔަކު އޭރު އެކަން ފާހަގަކޮށް ތައުރީފު ވެސް ކުރި އެވެ.

އަލިފުށި ރެކްރިއޭޝަން ކްލަބަކީ ރަށުގެ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް އެކި ކުޅިވަރުތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަލިފުށި ކައުންސިލް އިދާރާއިން އިސްނަގައިގެން އުފައްދާފައިވާ ކްލަބެކެވެ. ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ މި ކްލަބުން އަންނަނީ އެކި ކުޅިވަރުތަކުގައި ރަށް ތަމްސީލުކުރާނެ ޓީމުތައް އެކުލަވާލައި ރާއްޖޭގެ އެކި ހިސާބުތަކުގައި އޮންނަ މުބާރާތްތަކުގައި ބައިވެރިކުރަމުންނެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި އަލިފުށި ރެކްރިއޭޝަ ކްލަބު ހިމެނުނީ އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މާޒިޔާ އާއި މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބުގެ އިތުރުން ކެނދިކުޅުދޫ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި ކުޅެން އަލިފުށި ޓީމު ކެނދިކުޅުދޫއަށް ދާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

 

 

 

 

 

 

 

 

 

 

ކޮމެންޓްސް

Matches
5
Ongoing
5
Upcoming
Settings