ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޮފީސް ލީގު 2026 ގެ ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ މިފްކޯ އާއި ކަސްޓަމްސްގެ އިތުރުން އެމްޓީސީސީ އަދި ޕޮލިސް ކްލަބު ހޯދައިފި އެވެ.
މި ހަތަރު ޓީމު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ޕްލޭ އޮފް މެޗުތަކުން ކުރި ހޯދައިގެންނެވެ.
މިފަހަރުގެ އޮފީސް ލީގުގެ ގަވާއިދު ހަމަޖެހިފައި އޮތް ގޮތުން ކުއާޓާ ފައިނަލްގެ 8 ޖާގައިގެ ތެރެއިން އޮޓަމެޓިކް ހަތަރު ޖާގަ ލިބެނީ ކޮންމެ ގްރޫޕަކުންވެސް އެއް ވަނައަށް އަންނަ ޓީމަކަށެވެ. ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ހޯދާ ޓީމުތައް ކަނޑައަޅަނީ ކޮންމެ ގްރޫޕަކުން ވެސް ދެވަނަ އަދި ތިންވަނަ އަށް އަންނަ ޓީމާ ދެމެދު ޕްލޭ އޮފް މެޗެއް ކުޅުމަށް ފަހު އެވެ.
ރޭ ކުރިއަށްދިޔަ ޕްލޭ އޮފް ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކްލަބު ހައްޖުގެ މައްޗަށް މިފްކޯއިން ކުރި ހޯދީ 0-5 އިންނެވެ. ގްރޫޕް އޭގެ ދެވަނަ މަގާމު ހޯދި މިފްކޯއިން ރޭގެ މެޗުގައި ޖެހި ފަސް ގޯލްގެ ތެރެއިން އެއް ގޯލަކީ ކްލަބު ހައްޖުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިފްކޯއިން ކާމިޔާބުކުރި އަނެއް ހަތަރު ލަނޑު ޖަހާފައިވަނީ އަހްމަދު އަނޫފާއި، ހަސަން ޒާހިދުގެ އިތުރުން އިބްރާހިމް އަޔާން އަދި މުހައްމަދު ރިފްޝާނެ އެވެ.
އޮފީސް ލީގުގައި ރޭ ދެ ވަނަ މެޗަކަށް ކުޅެން ހަމަޖެހިފައި އޮތީ ކްލަބު އެމްޓީސީސީ އާއި ކްލަބު އެމްސީއެލްޕީގެ މެޗެވެ. އެކަމަކު ކެބިނެޓަށް މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާ ގުޅިގެން ކްލަބު އެމްސީއެލްޕީ ނިސްބަތްވާ ސިޓީސް މިނިސްޓްރީ މިހާރު އުވިފައިވާތީ އެ ޓީމުން ރޭގެ މެޗަށް ހާޒިރުވެފަ އެއް ނުވެ އެވެ. އެހެންވެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެމްޓީސީސީއަށް ރޭގެ މެޗު 0-3 އިން ލިބުނީ ކަމަށް ނިންމީ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ޖާގަ ހޯދީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމާ ދެކޮޅަށް ރޭ ކުޅުނު ޕްލޭ އޮފް މެޗު 2-4 އިން ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސީގެ ދެވަނަ ހޯދި ކަސްޓަމްސް އަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ ސައްމާން ސަމީރާއި، މުހައްމަދު މައުމޫންގެ އިތުރުން އިމާދު މުހައްމަދާއި، އަލީ ސަމީރެވެ. މި މެޗުގައި ރައީސް އޮފީހުގެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ އައިމަން ތައުފީގެވެ.
ކުއާޓާ ފައިނަލްގެ ފަހު ޖާގަ ޕޮލިސް ކްލަބުން ކަށަވަރުކުރީ ރޭ ކުޅުނު ޕްލޭ އޮފްގެ ފަހު މެޗުގައި މެޑްޓެކް 0-2 އިން ބަލިކޮށްގެންނެވެ. ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ޕްލޭ އޮފްގައި ވާދަކުރި ޕޮލިސް ކްލަބުން ރޭގެ މެޗުގައި މެޑްޓެކްގެ ގޯލަށް ވައްދާލި ދެ ގޯލް ކާމިޔާބުކޮށްފައިވަނީ އާދަމް ނިޒާމާއި، މުހައްމަދު މާދިހެވެ.
https://fahuminet.com/tournaments/office-league-2026
އޮފީސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅޭ ތާރީހުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ އޭޕްރީލް 24 އެވެ.
