ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޮފީސް ލީގު 2026 ގެ ކުއާޓާ ފައިނަލުން އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި، ކްލަބު އާސަންދަ ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގެ އޮޓަމެޓިކް ޖާގަ އެސްޓީއޯ އާއި އާސަންދައިން ކަށަވަރުކުރީ އެއިން ކޮންމެ ޓީމެއްވެސް ހިމެނޭ ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.
އެސްޓީއޯ އިން ގްރޫޕް ސީގެ އެއް ވަނަ މަގާމު ހޯދައިފައިވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އޮފީސް ލީގު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ރޭ ނިމުނުއިރު ގްރޫޕް ސީގައި ރޭ އެސްޓީއޯ އިން ނުކުތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައި އޮތް ސްމާޓްއޯން އާ ދެކޮޅަށެވެ. މި މެޗުގައި ސްމާޓްއޯންގެ މައްޗަށް އެސްޓީއޯއިން ކުރި ހޯދައިފައިވަނީ 1-4 އިންނެވެ.

ގްރޫޕް ސީގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމު ރޭ ވާދަކުރި މެޗު ނިމުނީ ފޯރި ގަދަކޮށެވެ. މި މެޗު 2-3 އިން ކަސްޓަމްސް ކާމިޔާބުކުރި އިރު މެޗުގައި ކަސްޓަމްސް އިން ދެ ފަހަރު ލީޑު ނަގައިފައިވަނިކޮށް ރައީސް އޮފީހުގެ ޓީމުން ނަތީޖާ ހަމަހަމަވެސް ކުރި އެވެ. މި ނަތީޖާއާއެކު ކަސްޓަމްސް އިން ވަނީ ހަ ޕޮއިންޓާއެކު ގްރޫޕް ސީގެ ދެވަނަ ހޯދައިފަ އެވެ. އެކަމަކު މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ގްރޫޕަކުންވެސް ކުއާޓާގެ ދެ ވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައަޅާނީ އެ ގްރޫޕަކުން ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޮފް މެޗަކަށް ފަހު އެވެ.

މުބާރާތުގައި ހިމެނޭ ހަތަރު ގްރޫޕްގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވީ ގްރޫޕް ޑީ ގަ އެވެ. އެ ގްރޫޕްގެ އެންމެ ފަހު މެޗުތަކަށް ރޭ ޓީމުތަކުން ނުކުތް އިރު ޕޮލިސް ކްލަބަށް، ކްލަބު އާސަންދައާ ދެކޮޅަށް ކުޅެން އޮތް މެޗު އެއްވަރުކޮށްލައިގެން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރެވެން އޮތެވެ. އަދި، އެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ގްރޫޕްގައި ހިމެނޭ މެޑްޓެކަށްވެސް ކުއާޓާ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ތަނަވަސްވެފަ އެވެ.
ގްރޫޕް ސީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައިި 1-2 އިން ޕޮލިސް ކްލަބުގެ މައްޗަށް އާސަންދައިން ކުރި ހޯދިއިރު ދެވަނަ މެޗު މެޑްޓެކުން ކާމިޔާބުކުރީ މުބާރާތުގައި މޮޅެއް ނުހޯދި އޮތް ފަހި ރެކްރިއޭޝަން ކްލަބާ ވާދަކޮށް 1-4 އިންނެވެ.
https://fahuminet.com/tournaments/office-league-2026
ގްރޫޕް ޑީގައި ރޭ ނުކުތް ނަތީޖާތަކާ އެކު ފަހި ރެކްރިއޭޝަން ކްލަބު ފިޔަވައި ދެން ހިމެނޭ ތިން ޓީމަށް ހަ ޕޮއިންޓް ލިބުނު އިރު ކްލަބު އާސަންދަ އަށް ގްރޫޕްގެ އެއް ވަނަ މަގާމު ލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އާސަންދަ އަށް ފައިދާ ތިން ގޯލް ލިބިފައި އޮތް އިރު ޕޮލިސް ކްލަބާއި، މެޑްޓެކަށް މަދުވަނީ ހަމަ އެންމެ ގޯލެކެވެ. މިއާއެކު ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި މި ދެ ޓީމަށް ޖެހޭނީ ޕްލޭ އޮފްގައި ވާދަކުރާށެވެ.
ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ހޯދާ ޓީމުތައް ކަނޑައެޅުމަށްޓަކައި ކުޅޭ ޕްލޭ އޮފް މެޗުތައް އޮންނާނީ މާދަމާ ރެ އެވެ.
