ގްރޫޕް ބީގެ އެއް ވަނަ ހޯދައި އޮފީސް ލީގުގެ ކުއާޓާ ފައިނަލުން މޯލްޑިވްސް އިސްލާމިކް ބޭންކު ޖާގަހޯދައިފި އެވެ.
އޮފީސްލީގުގެ ކުއާޓާ ފައިނަލްގެ 8 ޖާގައިގެ ތެރެއިން ދެ ވަނަ ޖާގަ އެމްއައިބީ އިން ކަށަވަރުކުރީ ރޭ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބީސީސީގެ މައްޗަށް ކުރިހޯދައިގެންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައި ފައި އޮތް ބީސީސީއަށް ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ކުއާޓާގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެޓީމަށްރޭ ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބަކާ އެވެ. ބީސީސީގެ މައްޗަށް އެމްއައިބީއިންރޭ ކުރި ހޯދީ 1-6 އިންނެވެ. މި ނަތީޖާއާއެކި ބީސީސީއަށް ނިންމާލަން ޖެހުނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގަ އެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި ކްލަބު އެމްޓީސީސީ އިން ވަނީ ސިޓީސް މިނިސްޓްރީގެ މައްޗަށް 1-6 އިން ކުރި ހޯދައިފަ އެވެ. މިއީ އެމްޓީސީސީ އަށް މި މުބާރާތުގައި ލިބުނު ފުރަތަމަ މޮޅެވެ. މި ނަތީޖާއާ އެކު އެމްޓީސީސީއަށް ވަނީ ގްރޫޕްގެ ތިން ވަނަ ކަށަވަރުވެ މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ.

މި ގްރޫޕުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދާ ދެވަނަ ޓީމު ކަށަވަރުވާނީ ގްރޫޕްގެ ދެވަނަ ހޯދި ބީސީސީއާ އެކު ކުޅޭ ޕްލޭ އޮފް މެޗަށް ފަހު އެވެ. ޕްލޭ އޮފް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އޮފީސް ލީގު ފުޓްސަލް މުބާރާތުގައި ސްޓެލްކޯއިން ގްރޫޕް އޭގައި ކުޅެންޖެހޭ އެންމެ ފަހު މެޗަށް ރޭ ނުކުތްއިރު ވެސް އެޓީމަށް އޮތީ ކުއާޓާ ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އެންމެފަހުން ކުޅުނު މެޗުގައި މާލެ ސިޓީ ކައުންސިލް ޓީމު ކޮޅަށް 23 ގޯލް ޖަހައިގެން މުބާރާތުގެ ރެކޯޑެއް ހަދައިފައި އޮތް ސްޓެލްކޯއިން ވަނީ ރޭ ކުޅުނު މެޗުގައި 2-14 އިން ކްލަބު ހައްޖު ބަލިކޮށްފަ އެވެ. ސްޓެލްކޯ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު ކްލަބު ހައްޖު އޮތީ އެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބު މާލެ ސިޓީ އަތުން ހޯދި މޮޅާއެކު ޓޭބަލްގެ ތިންވަނައިގަ އެވެ.

ގްރޫޕް އޭ ގެ ހުރިހާ މެޗެއް ރޭ ކުޅެ ނިމުނު އިރު އެ ގްރޫޕުން ދެވަނަ ހޯދާފައިވަނީ މިފްކޯ އެވެ. މިފްކޯ އިން ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ކަށަވަރުކުރީ ރޭ ކްލަބު މާލެ ސިޓީއާ ވާދަކޮށް ކުޅުނު މެޗު 3-8 އިން ކާމިޔާބުކޮށްގެންނެވެ. މާލެ ސިޓީ ކައުންސިލްގެ ޓީމަށް މިފަހަރުގެ މުބާރާތް ނިންމާލަން ޖެހުނީ ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ވެސް ނުހޯދި އެވެ.

މުބާރާތުގެ ގަވާއިދު އެކުލަވާލައިފައިވާ ގޮތުން ކޮންމެ ގްރޫޕަކުންވެސް ކުއާޓާ ފައިނަލްގެ އޮޓަމެޓިކް ޖާގަ ލިބެނީ ގްރޫޕްގެ އެއް ވަނަ އަށް އަންނަ ޓީމަށް އެކަންޏެވެ. ގްރޫޕުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރާ ދެވަނަ ޓީމު ކަނޑައަޅަނީ އެ ގްރޫޕަކުން ދެވަނަ އަށް އަންނަ ޓީމާއި އަދި ތިން ވަނައަށް އަންނަ ޓީމާ ވާދަކުރާ ޕްލޭ އޮފް މެޗަކަށް ފަހު އެވެ.
https://fahuminet.com/tournaments/office-league-2026
އޮފީސް ލީގުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު ހަތަރު މެޗެވެ. ގްރޫޕް ސީގެފުރަތަމަ މެޗުގައި މިރޭ ކަސްޓަމްސް އާއި ރައީސް އޮފީސް ވާދަކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އާއި ސްމާޓްއޯން އެވެ. މިރޭ ކުޅޭ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ކްލަބު އާސަންދަ އާއި ޕޮލިސް ކްލަބު ވާދަކުރާއިރު ފަހު މެޗުގައި ކުޅޭނީ މެޑްޓެކާއި ފަހި ރެކްރިއޭޝަން ކްލަބެވެ.
