ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިފަހަރު ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ ދުރުން ދަތުރުކޮށްފައި އަންނަ ޓީމަކީ އދ. މަހިބަދޫއަށް ނިސްބަތްވާ ޖިބިއްލީ ސްޕޯޓްސް ކްލަބެވެ. މުބާރާތް ބާއްވާ ނ. ކެނދިކުޅުދޫއާ ސަތޭކައެއްހާ މޭލު ދުރުގައި އޮންނަ މަހިބަދޫއިން ޓީމެއް އަންނާނީ މުބާރާތް މާ ބޮޑަށްވެސް ހާއްސަވީމަ އެވެ.
މަހިބަދޫ އަކީ ފުޓްބޯޅައިގެ ހުނަރު އިންތިހާއަށް އޮތް ރަށެކެވެ. ރާއްޖޭގެ ނިސްބަތުން ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ރަށަށް އެރަށް ޔަގީނުންވެސް ވާނެ އެވެ. ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި، އެޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) ފަދަ މޮޅު އެތައް ކުޅުންތެރިންނެއް އެރަށުން ވަނީ އުފައްދައިފަ އެވެ.
ފުރަތަމަ ފަހަރުވެސް ވަރުގަދަ ސްކޮޑެއް
މަހިބަދޫ ކަހަލަ ފުޓްބޯޅައިގެ ފަހުރުވެރި ތާރީހެއް އޮތް ރަށަކުން އަންނަ ޓީމެއްގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ މީހަކު މަދުވާނެ އެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން އެންމެ ގިނައިން ހިމެނޭ އެއް ޓީމަކީ ޖިބިއްލީ ސްޕޯޓްސް ކްލަބެވެ.

މި ޓީމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބާރަ ކުޅުންތެރިއަކު ހިމެނޭއިރު ޓީމަށް އިރުޝާދު ދޭން ހުންނާނީ މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުގެ އެސިސްޓެންޓް ކޯޗު އަހްމަދު ސުޒޭރު (ކޮއްކޮ) އެވެ. ޓީމު ހިންގުމުގައި އެންމެ އިސްކޮށް ހުރީ ރާއްޖެގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ސެންޓަ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ މި މުބާރާތުގައި ބައިވެރިއެއް ނުވާނެ ދަށް ޓީމެއް. ހުރިހާ ޓީމެއްވެސް މި މުބާރާތަށް ނުކުންނާނެ ކަމަށް ބެލެވެނީ ވަރަށް ވަރުގަދަކޮށް. އެހެންވީމަ އަޅުގަނޑުމެންވެސް މި ތައްޔާރު ވަނީ އެކަން ދަނެގެން ތަށްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ނަގައިގެން.
މުބާރާތަށް ޖިބިއްލީ ސްޕޯޓްސް ކްލަބުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މަހިބަދޫގައި ހުރެ "ފަހުމިނެޓް" އާ ވާހަކަދައްކަމުން އަސަދުﷲ ބުނެފައިވެ އެވެ.
އަސަދުﷲ ފާހަގަކުރި ގޮތުގައި ކެނދިކުޅުދޫގައި ބާއްވާ މުބާރާތަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި މަސައްކަތެކެވެ.

"މިއީ އަސްލު ވަރަށް ރަނގަޅު މުބާރާތެއް. ވަރަށް މުހިންމު މަސައްކަތެއް މުބާރާތް އިންތިޒާމުކުރާ ފަރާތުން މިކުރަނީ. މީގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުން އަންނާނެ. އަޅުގަނޑުމެންވެސް މި ކަމުގައި މި ބައިވެރިވަނީ އެމަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން." ރާއްޖޭގެ ގައުމީ ޓީމަށް 44 މެޗު ކުޅެފައިވާ އަސަދުﷲ ބުނެފައިވެ އެވެ.
މަހިބަދޫގެ ކިންގު މުޅިން އާ ތަޖުރިބާއަކަށް
މީގެ 23އަހަރު ކުރިން އުފެދުނު ޖިބިއްލީ ސްޕޯޓްސް ކްލަބަކީ މަހިބަދޫގައި ބާއްވާ ރަށު ފެންވަރުގެ މުބާރާތްތަކުން ގިނަ ކާމިޔާތަކެއް ހޯދާފައިވާ ޓީމެކެވެ. އެކަމަކު މިއީ އެޓީމު ރަށުން ބޭރުގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. ފަހަރުގައި އެއީ އެޓީމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުމަކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ބަލައި ޓީމުގެ މެނޭޖްމަންޓް އޮތީ އެކަމަށް ސަމާލުވެގެންނެވެ.
މިއީ ރަށުން ބޭރުގައި ބާއްވާ މުބާރާތެއްގައި އަޅުގަނޑުމެން ބައިވެރިވާ ފުރަތަމަ ފަހަރު. އެހެންވީމަ މިއީ މުޅިން އާ ތަޖުރިބާއެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީމުގަ ތިބި ޕްލޭޔަރުންނަކީ މިފަދަ ހާލަތްތަކަށް ހޭނިފައި ތިބޭނެ ކުދިން. އެހެންވީމަ. މާ ބޮޑު އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވޭ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އަސަދުﷲ ބުނެފައިވެ އެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
މުބާރާތުގައި ބައިވެރިވުމަށްޓަކައި ޖިބިއްލީ ސްޕޯޓްސް ކްލަބުގެ ޓީމު ކެނދިކުޅުދޫއަށް ދާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި މަހުގެ 20 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވާ މަހިބަދޫ ޓީމުގެ މެޗުތައް ނިމެންދެން ކެނދިކުޅުދޫގައި ޓީމު ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
