Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަލުން އިތުބާރު ހޯދަން އޭދަފުށްޓާއި މަހިބަދޫ މިއަދު މުހިންމު އިމްތިހާނަކަށް
އަލުން އިތުބާރު ހޯދަން އޭދަފުށްޓާއި މަހިބަދޫ މިއަދު މުހިންމު އިމްތިހާނަކަށް
ޒޯން ފައިނަލުގައި ހުރާ އާއި މަހިބަދޫ ވާދަކުރި މެޗުގެ ތެރެއިން. މަހިބަދޫ މިއަދު ނުކުންނާނީ މީދޫއާ ދެކޮޅަށް. ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް

އަލުން އިތުބާރު ހޯދަން އޭދަފުށްޓާއި މަހިބަދޫ މިއަދު މުހިންމު އިމްތިހާނަކަށް

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 3 މެއި 2026

ރާއްޖޭގެ ތިން ސަރަހައްދެއްގައި ހޯމް އެންޑް އަވޭ އުސޫލުން މިހާރު ކުރިއަށްދާ ރީޖަން ލީގު ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ނޯތު ރީޖަން ލީގުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި މަޝްހޫރު އޭދަފުށިން ހއ. ދިއްދޫއާ ދެކޮޅަށް ނުކުންނައިރު ސެންޓްރަލް ރީޖަން ލީގުގެ ދެވަނަ މެޗުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ނަގާކިޔާ އެއް ރަށް ކަމަށްވާ އދ. މަހިބަދޫއިން ދ. މީދޫ އާ ވާދަކުރާނެ އެވެ.

އޭދަފުށި ނޯތު ރީޖަން ލީގަށް ކޮލިފައިވީ އެ ރީޖަންގެ ޒޯން ދޭއްގައި ކުރިއަށްގެންދަން އޮތް ތިން ޓީމު ހިމެނޭ ކޮލިފިކޭޝަން ބުރުގައި ބައިވެރިވާން އޮތް އެއް ޓީމު މުބާރާތުން ވަކިވުމުން ކޮލިފައިވުމަށް އިތުރު މެޗުތަކެއް ނުކުޅެ އެވެ. އެކަމަކު އެ ޒޯންގެ ޗެމްޕިއަން ޓީމު ކަނޑައެޅުމަށްޓަކައި ކޮލިފައިންގައި ދެން ބައިވެރިވި މަނަދޫ އާއެކު ކުޅުނު ފައިނަލް މެޗުން 5-6 އިން އޭދަފުށި ވަނީ ބަލިވެފަ އެވެ.

އޭދަފުށްޓާއި ދިއްދޫ މިއަދު ބައްދަލުކުރާ މެޗު ދިއްދޫގައި ކުޅެން ހަމަޖެހިފައިވާ އިރު ދިއްދޫ ނޯތު ރީޖަން ލީގަށް ކޮލިފައިވީ މި ރީޖަންގެ ޒޯން އެކެއްގައި ކުޅުނު ކޮލިފިކޭޝަން ބުރުގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ. ފައިނަލްގައި ހަނިމާދޫއާ ވާދަކޮށް ދިއްދޫ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ސެންޓްރަލް ރީޖަން ލީގުގައި މިއަދު ހަވީރު މަހިބަދޫއިން އަމިއްލަ ދަނޑުގައި މީދޫއާ ވާދަކުރާއިރު މަހިބަދޫ ސެންޓްރަލް ރީޖަން ލީގަށް ކޮލިފައިވީ މި ރީޖަންގެ ޒޯން އެކެއްގައި ކުޅުނު ކޮލިފައިން ބުރުގައި ވާދަކޮށް ފައިނަލުން ޖާގަ ހޯދައިގެންނެވެ. އެކަމަކު އޭދަފުށްޓެކޭ އެއްގޮތަށް މަހިބަދޫ އަށް ވެސް ފައިނަލްގައި ކުރިމަތިވީ ނާކާމިޔާބެވެ. ފައިނަލްގައި ހުރާއާ ވާދަކޮށް މަހިބަދޫ ބަލިވީ 0-3 އިންނެވެ.

މަހިބަދޫއާ މިއަދު ވާދަކުރާ މީދޫ ސެންޓްރަލް ރީޖަން ލީގުން ޖާގަ ހޯދީ އެ ރީޖަންގައި ކުޅުނު ޒޯން ދޭއްގެ ކޮލިފިކޭޝަން ބުރުގެ ފައިނަލްގައި ވާދަކޮށްގެންނެވެ. އެންމެ ވާދަވެރި ކުޅުމެއް ފެނުނު މި ޒޯންގެ ފައިނަލުން މީދޫ ޖާގަ ހޯދީ އެ ޓީމު ހިމެނުނު ގުރޫޕްގެ އެއްވަނަ ހޯދައިގެން ސެމީ ފައިނަލަށް އައިސް ސެމީ ފައިނަލްގައި، ކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ނިލަންދޫ ބަލިކުރުމަށްފަހު އެވެ. އެކަމަކު މީދޫއަށް ފައިނަލްގައި ކުޑަހުވަދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ކުރިމަތިވީ ނާކާމިޔާބެވެ.

ސައުތު ރީޖަން ލީގުގައި މިއަދު ދެ މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ  މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ނުކުޅެ ފަސްކުރަން ޖެހުނު ލ. ގަމާއި، ގައްދޫގެ މެޗާއި، ލ. ކުނަހަންދޫއާއި އައްޑޫ ސިޓީ ފޭދޫ ވާދަކުރާ މެޗެވެ. ގަމާއި، ގައްދޫ ވާދަކުރާ މެޗު ގަމުގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ކުނަހަންދޫ އާއި ފޭދޫ ބައްދަލުކުރާ މެޗު އޮންނާނީ ކުނަހަންދޫގަ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings