ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޮފީސް ލީގު 2026 ގައި ރޭ ކުޅުނު ވާދަވެރި މެޗުތަކަށްފަހު އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި، ޕޮލިސް ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
އޮފީސް ލީގުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް އެސްޓީއޯ މެޗު ކާމިޔާބުކުރީ 0-1 އިންނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ ފަހު ހާފުގެ 9 ވަނަ މިނެޓުގައި އެސްޓީއޯ އަށް ކާމިޔާބުކޮށްދިނީ ހަސަން މުހައްމަދެވެ.
ރޭ ކުޅުނު ގްރޫޕް ސީގެ ދެ ވަނަ މެޗުގައި ވާދަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސްމާޓް އޯން އެވެ. މި މެޗު 1-4 އިން ކާމިޔާބުކުރީ ރައީސް އޮފީހުގެ ޓީމެވެ. މި ނަތީޖާތަކާ އެކު ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެގެން ހޯދި ހަ ޕޮއިންޓާއެކު އެސްޓީއޯ އެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެން ކަސްޓަމްސް އާއި، ރައީސް އޮފީހުގެ ޓީމުން ތިން ޕޮއިންޓް ހޯދާފައިވާއިރު ފައިދާ ގޯލުގެ ތަފާތުން މިވަގުތު ތިން ވަނައިގައި އޮތީ ކަސްޓަމްސް އެވެ. ހަތަރު ވަނައިގައި އޮތް ސްމާޓް އޯން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމަކަށް ޕްލޭ އޮފް އަކާ ނުލައި ކުއާޓާ ފައިނަލްގެ ޖާގަކަށަވަރުވެ އެވެ. ސްމާޓް އޯން ފިޔަވައި މި ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް ގްރޫޕްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު އަދި އޮތް ނަމަވެސް އެންމެ ފަހު މެޗުގައި އެސްޓީއޯއިން ވާދަކުރަން ޖެހެނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައި އޮތްސްމާޓް އޮއުން އާ ކަމަށް ވުމާއެކު ކުއާޓާގެ އޮޓަމެޓިކް ޖާގަ ލިބުން އެންމެ ގާތީ އެސްޓީއޯއަށް ކަމަށް ބެލެވިދާނެ އެވެ.

އޮފީސް ލީގުގައި ރޭ އެންމެ ބޮޑު ވާދަވެރިކަމެއް ފެނުނީ ގްރޫޕް ޑީގައި ކުޅުނު މެޗުތަކުގަ އެވެ. ރޭ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބާއި ފަހި ރެކްރިއޭޝަން ކްލަބޮ (އެފްއާރުސީ) ވާދަކޮށްފައިވާއިރު ޕޮލިސް ކްލަބުން މެޗު ކާމިޔާބުކޮށްފައި ވަނީ 2-3 އިންނެވެ. މި ގްރޫޕްގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި މެޑްޓެކުން ކްލަބު އާސަންދައިގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.
ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާ އެކު މިވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ ޕޮލިސް ކްލަބެވެ. ކުޅުނު ދެ މެޗުން އެއް މެޗު ކާމިޔާބުކޮށްގެން ކްލަބު އާސަންދައާއި މެޑްޓެކަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލުގެ ތަފާތުން ދެ ވަނައިގައި މިވަގުތު އޮތީ ކްލަބު އާސަންދަ އެވެ. ހަތަރު ވަނައިގައި އޮތް އެފްއާރުސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ޑީ އިން ކުއާޓާގެ އޮޓަމެޓިކް ޖާގަ ހޯދުމުގެ ފުރުސަތު އެންމެ ބޮޑަށް މިވަގުތު އޮތީ ޕޮލިސް ކްލަބަށެވެ. ޕޮލިސް ކްލަބުން ގްރޫޕްގައި ކުޅެންޖެހޭ އެންމެ ފަހު މެޗުން ބަލި ނުވެ ސަލާމަތްވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ އެ ޓީމަށް ކަށަވަރު ވާނެ އެވެ.
މުބާރާތުގައި މިރޭވެސް ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭނީ ގްރޫޕް އޭ އާއި އަދި ގްރޫޕް ބީގެ ފަހު މެޗުތަކެވެ.
https://fahuminet.com/tournaments/office-league-2026
ގްރޫޕް އޭގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސްޓެލްކޯ އާއި ކްލަބް ހައްޖު ވާދަކުރާއިރު ދެ ވަނަ މެޗުގައި ބައްދަލުކުރާނީ މިފްކޯ އާއި މާލެ ސިޓީ ކައުންސިލެވެ. ގްރޫޕް ބީގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އެމްއައިބީ އާއި ބީސީސީ ވާދަކުރާއިރު މިއީ ގްރޫޕްގެ އެއް ވަނަ އަށް ހޮވާ ޓީމެއް ކަނޑައެޅޭނެ މެޗެވެ. ބީސީސީ އަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރެވެން އެބަ އޮތެވެ. ގްރޫޕް ބީގެ ފަހު މެޗުގައި ބައްދަލުކުރާނީ ކްލަބް އެމްޓީސީސީ އާއި ސިޓީސް މިނިސްޓްރީގެ ޓީމެވެ.
