ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބަކީ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ނ. އަތޮޅުން ބޭރުން މިފަހަރު ބައިވެރިވާ ޓީމުތަކުގެ ތެރެއިން މުބާރާތަށް އެންމެ ފަރިތަ ޓީމެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވި ދެ ފަހަރުވެސް މުބާރާތުގައި މި ޓީމު ވަނީ ބައިވެރިވެފަ އެވެ. އަދި، އެ ދެ މުބާރާތުގެ ފައިނަލުގައި އެޓީމު ވާދަކޮށްފައިވާއިރު ތަށި ހޯދުމާ ވަރަށް ގާތަށްވެސް މިދިޔަ އަހަރު އެ ޓީމު ދިޔަ އެވެ.
އެންމެ ފަހުން އޮތް މުބާރާތުގެ ފައިނަލުން ނައިފަރު ޗެލްސީ ބަލިވީ ނުވަދިހަ މިނެޓާއި އަދި އޭގެ އިތުރުން ކުޅުނު 15 މިނެޓްގެ ދެ ހާފު ނިމުނުއިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމާއެކު ކުރިއަށްގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓުގައި ކުރި ނުލިބުމުންނެވެ.
މިފަހަރު ނުކުންނަނީ ހުރިހާ ފިލާވަޅެއް ދަސްކޮށްގެން
ފައިނަލްގައި ޖެހިޖެހިގެން ދެފަހަރު ބަލިވުމަކީ ތަހައްމަލުކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ހަނދާން އިއްޔެ ވީ ކަމެއް ހެން ނައިފަރު ޗެލްސީގެ މެނޭޖުމަންޓްގައި ހިމެނޭ ގިނަ މެންބަރުންގެ ސިކުނޑީގައި ތާޒާކަމާ އެކު މިއަދުވެސް އެބަހުއްޓެވެ. މިފަހަރުގެ މުބާރާތަށް އެޓީމު ތައްޔާރުވަމުން އަންނަނީ މިދިޔަ ދެ އަހަރުގެ ތަޖުރިބާއިން ދަސްކުރި ހުރިހާ ކަމެއް ފިސާރި ފުރިހަމައަށް ތަންފީޒުކުރަމުންނެވެ.
ދެ މުބާރާތުންވެސް ވަރަށް ރަނގަޅު ތަޖުރިބާއެއް އަޅުގަނޑުމެންނަށް ލިބުނު. ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އޮޅުންފިލި. މިފަހަރުގެ މުބާރާަށް އަޅުގަނޑުމެން މި ނުކުންނަނީ އެ ހުރިހާ ކަމެއް ދެ ގުނަ ރަގަޅުކޮށްގެން. ބެކަޕް ބޭނުންވާ ކަންކަމަށް ބެކަޕްވެސް ލައިގެން.
މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ނައިފަރު ޗެލްސީގެ މެނޭޖްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ ޔޫސުފް ޝާމް (ސަޑަކް) "ފަހުމިނެޓް" ބުނެފައިވެ އެވެ.
މިފަހަރުގެ މުބާރާތުގެ ތަށި ހޯދުމަށްޓަކައި ނައިފަރު ޗެލްސީން ވަނީ މިދިޔަ ދެ އަހަރު ނެރުނު ޓީމަށްވުރެ ވަރުގަދަ ޓީމެއް އެކުލަވާލައިފަ އެވެ. ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ބޮޑެތި ބައެއް ކްލަބުތަކަށް ކުޅެމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ އިތުރުން ބިދޭސީ ހަތް ކުޅުންތެރިއަކު އެޓީމުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ނައިޖީރިއާ، ސިއެރަލިއޯން އަދި އުޒްބަކިސްތާނު ފަދަ ގައުމުތަކުގެ ކުޅުންތެރިން ހިމެނޭނެ ކަމަށް ސަޑަކް މައުލޫމާތު ދީފައިވެ އެވެ.
"މިދިޔަ އަހަރު ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ މުހިންމު ބައެއް މަގާމުތަކަށް ކުޅޭނެ ބެކަޕް ކުޅުންތެރިން ނެތުން. މިފަހަރު މުހިންމު ހުރިހާ މަގާމަކަށް ކުޅޭނެ މަދުވެގެން ހަމަ ރަނގަޅު ފެންވަރުގެ ދެ ކުޅުންތެރިން ތިބޭނެ." ސަޑަކު ބުނެފައިވެ އެވެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގައި ޓީމުގެ ކުޅުންތެރިން މެނޭޖުކުރުމާއި މެޗުގެ ގޭމް ޕްލޭން ރަނގަޅަށް ރޭވުކީ މުހިންމު ކަމެއްކަމަށް މިދިޔަ ދެ އަހަރުގެ ތަޖުރިބާއިން ނައިފަރު ޗެލްސީ އޮތީ ދެނެގެންފަ އެވެ. މިފަހަރު އެކަން ކަށަވަރުކުރުމަށްޓަކައި އެޓީމުން ހޯދި މޭސްތިރި އަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރަމުން އަންނަ އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ. ނައިފަރު ޗެލްސީ އަކީ ފުޓްބޯޅައިގައި ނައިފަރުގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. ނައިފަރުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ބާއްވާ ބައެއް ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ވެސް ވަނީ ހޯދައިފަ އެވެ.
މިއީ ފުޓްބޯޅައަށް އޮތް ލޯބީގެ ދިރިހުރި މިސާލެއް
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ބޮޑު އެއް ކްލަބަށް ކާމިޔާބީގެ ރަން ޒަމާނެއް ގެނެސްދިން ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީއާ ހަވާލުވުމުގެ މާ ކުރިންވެސް ނައިފަރު ޗެލްސީ އޮތީ ވުޖޫދުވެފަ އެވެ. އޭރުވެސް މި ޓީމުން އައީ ރަށު ފެންވަރުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. ޕްލޭ ސްޓޭޝަން އެކެއް ވުޖޫދުވެގެން އައި ދުވަސްވަރު އޭގެ ތެރެއިން އެންމެ ރީތި ނަމަކަށް މި ޓީމުގެ ފައުންޑަރުންނަށް ފެނުނީ ޗެލްސީ އެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕާ ދިމާލަށް ނައިފަރު ޗެލްސީގެ މިސްރާބު ސީދާވުމުގެ ފަހަތުގައިވެސް އޮތީ ފުޓްބޯޅަ އަށް އެޓިމުގެ މެނޭޖްމަންޓްގައި ހިމެނޭ މެންބަރުންގެ ހިތުގައި އޮތް ލޯތްބެވެ. ރާއްޖޭގެ ފުޓްބޯޅަ މިއިން ޒަމާނަކު ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ވަގުތެއްގައި އެޓީމަށް އުންމީދެއް ގެނެސްދިނީ ކެނދިކުޅުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެ އަށް ހުޅުވާލި މި މުބާރާތެވެ. ބޮޑު ހޭދައެއް ކުރަންޖެހުމުގެ އިތުރުން ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނަސް ނައިފަރު ޗެލްސީ މި މުބާރާތުގައި ވާދަކުރަނީ ދިވެހި ފުޓްބޯޅަ މަރުވާން ނޭދޭތީ އެވެ.
"ނައިފަރުގައިވެސް އޭރު އެއްކޮށް ކަހަލަ ގޮތަކަށް ފުޓްބޯޅަ މުބާރާތްތައް ހުއްޓިއްޖެ. އަތޮޅު ތެރޭގައިވެސް މުބާރާތްތަކެއް ނޯވޭ ފަހަކުން. އެހެންވެ މި މުބާރާތަށް ދާން ނިންމީ." ސަޑަކު ބުނެފައިވެ އެވެ.
