ދިވެހި ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް ކުޑަވެ ފުޓްސަލް އަށް ގިނަ ދިވެހިންގެ ސަމާލުކަން މި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ހުއްޓުނުކަން އެއީ އެތައް ބަޔަކު ގަބޫލުކުރާނެ ހަގީގަތެކެވެ. ނަތީޖާއަކަށްވީ ރަށްރަށުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތައް މަދުވެ ފުޓްސަލް މުބާރާތްތައް އިންތިހާއަށް އިތުރުވުމެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ އަނދިރި އެއް ވަގުތުގައި ނ. ކެނދިކުޅުދޫ އިން ރޯކޮށްދިނީ އުންމީދީ ހުޅުކޮޅެކެވެ. ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕަކީ ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް ރާއްޖޭގެ ރަށަކުން މިފަހަކަށް އައިސް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެއީ ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ ދިވެއްސަކު ސެލިއުޓްކުރުން ހައްގު ގުރުބާނީ އެކެވެ.
ކުރު މުއްދަތަކުން ތައުރީފު ހައްގު ކުރިއެރުމެއް
ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި 2022 ވަނަ އަހަރު ކެނދިކުޅުދޫ ކައުންސިލް އިދާރާއިން ފުޓްބޯޅަ މުބާރާތެއް ކުރިއަށްގެންދަން ނިންމުމުގެ ފަހަތުގައި އޮތް މައިގަނޑު އެއް ސަބަބަކީ ވެސް ދިވެހި ފުޓްބޯޅައަށް ކުރިއެރުން ގެނައުމެވެ. ރަށު ފެންވަރުގެ ފުޓްބޯޅަ ތަރައްގީ ކޮށްގެން ގައުމީ ފެންވަރުގައި ވާދަކުރާނެ ކުޅުންތެރިން އުފެއްދުމަކީ އޭރުވެސް ކެނދިކުޅުދޫ ކައުންސިލްގެ އެންމެ އިސް އެއް އަމާޒެވެ.
ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ހަމައެކަނި ކެނދިކުޅުދޫގެ ޓީމުތަކަށް ހުޅުވާލައިގެންނެވެ. އެކަމަކު އޭރުވެސް މުބާރާތް އިތުރަށް ފުޅާކުރުމުގެ ވިސްނުން ކައުމްސިލްގެ އޮތެވެ. ފުރަތަމަ ދެ މުބާރާތަކީ އެހެން ހަރުފަތަކަށް ދިޔުމަށްޓަކައި ކުރި ރަނގަޅު ތަޖުރިބާ އެކެވެ.
ގުދުރަތީ ރީތިކަމުން މުއްސަނދިވެފައި އޮތް ބިން ބޮޑު ކެނދިކުޅުދޫގެ އެއް ފަހުރު ކަމަށްވާ ކަނޑޫފަލަށް ނިސްބަތްކޮށް ބާއްވަމުން އަންނަ މުބާރާތް އެހެން ލެވަލްއަކަށް ގެންނަން ދިގު މުއްދަތެއް އެރަށު ކައުންސިލަކުން ނުނަގަ އެވެ. މުބާރާތުގެ އާ ޓްރޮފީއެއް ތައާރަފްކޮށް 2024 ވަނަ އަހަރު މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލި އެވެ.

އެއާއެކު ގިނަ ޓީމުތަކެއް ބައިވެރިވާނެ ކަމުގެ އިންތިޒާރުގައި އަތްއުރާލައިގެން ތިބީ އެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ޓީމުތައް މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގު އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މުބާރާތް އިންތިޒާމްކުރާ ފަރާތުން އައީ ކުރަމުންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ދޭ ފައިސާގެ އިނާމު ފާހަގަކޮށްލެވޭ މިންވަރަށް އެއް އަހަރުން އަނެއް އަހަރަށް ބޮޑު ކުރަމުން އައި އައުމަކީ އޭގެ އެންމެ އަލިގަދަ އެއް ހެއްކެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިން ލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ދިން އަދަދުގެ ދެ ގުނަ އެވެ. މިފަހަރުގެ މުބާރާތުގެ ރަނާސް އަޕަށް ވެސް އެއް ލައްކަ ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގެ ތަށި ހޯދާ ޓީމަށް ދޭ ފައިސާގެ އިނާމުގެ އިތުރުން މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހުމަކީ ވެސް އާންމުކޮށް ރަށްރަށުގައި ބާއްވާ މިފަދަ މުބާރާތްތަކުން ނުފެންނަ ކަމެކެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ އެހެން ރަށްރަށުގެ ޓީމުތަކަށް ކެނދިކުޅުދޫއިން ދޭ މެހްމާންދާރީ އާއި މުބާރާތް ހިނގަމުންދާއިރު ކެނދިކުޅުދޫގައި ކޭމްޕުކުރާ ޓީމުތަކަށް އެރަށުގައި ތިބުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން ފޯރުކޮށްދޭ ފުރިހަމަ އެހީތެރިކަމަކީ ވެސް ރަށްރަށުން މި މުބާރާތުގައި ބައިވެރިވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
މިފަހަރު މާ ބޮޑަށްވެސް ހާއްސަ
ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިފަހަރު 8 ޓީމު ވާދަކުރާއިރު އެހެން ހުރިހާ އަހަރުތަކަށްވުރެ މިއަހަރުގެ މުބާރާތް ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ. މިއަހަރުގެ މުބާރާތުގައި އެހެން އަތޮޅުތަކުގެ ރަށްރަށަށް ނިސްބަތްވާ ހަތަރު ޓީމު އެބަ ހިމެނެ އެވެ. އެއީ މި މުބާރާތުގައި މީގެ ކުރިން ދެފަހަރު ވާދަކޮށް އެ ދެ ފަހަރުވެސް ފައިނަލްގައި ކުޅެފައިވާ ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބާއި، ށ. މިލަންދޫ އިން ބައިވެރިވާ ޑީއެސްކިއު އާއި، ރ. އަލިފުށްޓަށް ނިސްބަތްވާ އަލިފުށި ރެކްރިއޭޝަން ކްލަބާއި އަދި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި ފޯވާޑުންގެ ތެރޭގައި ހިމެނޭ އަހްމަދު ތޯރިގް (ޓޮމް) އާއި އަސަދުﷲ ޢަބްދުﷲ ގެ އުފަން ރަށް ކަމަށްވާ އދ. މަހިބަދޫއިން ބައިވެރިވި ޖިބިލީ ސްޕޯޓްސް ކްލަބެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ރަސްކަން ކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުގެ 23 އަހަރުން ދަށުގެ ޓީމު މި މުބާރާތުގައި މިފަހަރު ވާދަކުރުމަކީ މުބާރާތް އިތުރަށް ހާއްސަވާ އެއް ސަބަބެވެ.

އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގެ ރަށެއްގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ ކްލަބެއްގެ ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މުބާރާތުގައި ބައިވެރިވި 8 ޓީމުގެ ތެރެއިން ނ. އަތޮޅަށް ނިސްބަތްވަނީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބްގެ އިތުރުން މަނަދޫ ސްޕޯޓްސް ކްލަބް އަދި މާފަރު ފުޓްބޯލް ކްލަބެވެ.
މުބާރާތް ކުރިއަށް ދާނީ ކިހިނެއް؟
މިފަހަރުގެ މުބާރާތް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގުރު ނެގުމުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކޮރޮސްކޮށް ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.
މި މުބާރާތް މި މަހުގެ 20 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި އެރަށަކަށް ނިސްބަތް ނުވާ ކުޅުންތެރިން ހިމެނުމުގައި އެއްވެސް ހުރަހެއް މުބާރާތުގެ ގަވާއިދުގައި ކުރިމަތިކޮށްފައި ނުވާތީ އާއި އަދި މި މުބާރާތް އޮންނަ ދުވަސް ވަރަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނެތް ދުވަސްވަރަކަށްވުމާއެކު ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް މި މުބާރާތުން ފެނުމަކީ ގާތް ކަމެކެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމުތަކުން މުބާރާތަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތުގެ އިތުރުން މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
