ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނި އަދި އޮފީސްތަކަށް ހުޅުވާލައިގެންކުރިއަށްގެންދާ އޮފީސް ލީގު 2026 ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގައި ގިނަ ގޯލްތަކެއް ފެނިއްޖެ އެވެ.
މުބާރާތުގައި ރޭ ވެސް ހަތަރު މެޗު ކުޅެފައިވާއިރު ޖުމްލަ 28 ގޯލް ވަނީ ފެނިފަ އެވެ. ބިގް ގޭމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދެ ވަނަ އޮފީސް ލީގު މުބާރާތުގައި ރޭ ކުޅެފައިވަނީ ގްރޫޕް ސީގެ ދެމެޗާއި އަދި ގްރޫޕް ޑީގެ ދެ މެޗެވެ.
ގްރޫޕް ސީގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި، އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްމާޓް އޯންއެވެ. މި މެޗު 1-5 އިން ކަސްޓަމްސް ކާމިޔާބުކޮށްފައިވަނީ، ސްމާޓް އޮއުންއިން މެޗުގެފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ލަނޑެއް ޖަހައި ލީޑު ނަގާފައި އޮއްވައެވެ.

މި މެޗުގައި ކަސްޓަމްސްގެ އިބްރާހިމް ހޫދު ހެޓްރިކް ހަދައިފައިވާއިރު އެޓީމުން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކުރީ ހުސައިން އިޔާސް ސައީދެވެ. މެޗުގައި ސްމާޓް އޯންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އަލީ އެވެ.
ގްރޫޕް ސީގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެސްޓީއޯ ރެކްރިއޭޝަންކްލަބެވެ. މި މެޗު 1-4 އިން އެސްޓީއޯ ކާމިޔާބުކުރި އިރު އެޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ނާހިޒް އަލީ އެވެ. އަނެއް ދެގޯލް ޖެހީ މުހައްމަދު އަހްމަދާއި، ރިލްވާން ޝަރީފެވެ. މި މެޗުގައި ރައީސް އޮފީހުގެ ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަޝްރަފެވެ.

ރޭ ކުޅުނު ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ޕޮލިސް ކްލަބުން 1-4 އިން މެޑްޓެކް ބަލިކުރިއިރު މެޗުގައި ޕޮލިސް ކްލަބުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އަލީ ރިސްވާން އަހްމަދެވެ. އަނެއް ގޯލް ކާމިޔާބުކުރީ ހުސައިން ސިލްމީޒެވެ. މި މެޗުގައި މެޑްޓެކަން ސުން ކަނޑުވައިދިނީ މުހައްމަދު މިންވާލެވެ.
ރޭ އެންމެ ގިނަ ގޯލް ފެނިފައިވަނީ ގްރޫޕް ޑީގެ ދެވަނަ މެޗުގަ އެވެ. ކްލަބް އާސަންދަ އާއި ފަހި ރެކްރިއޭޝަން ކްލަބު (އެފްއާރުސީ) ބައްދަލުކުރި މެޗު 8-5 އިން އާސަންދަ ކާމިޔާބުކުރި އިރު މި މެޗުގައި އަހްމަދު ޢަބްދުﷲ (ލިލީ) ގެ އިތުރުން ހުސައިން ސާނީ އަދި މުހައްމަދު ފައިޒާން ފަޒީން، މިއިން ކޮންމެ ކުޅުންތެރިޔަކު ދެގޯލް ކާމިޔާބުކުރިއިރު، ބާކީ އޮތް ދެ ގޯލްގެ ތެރެއިން އެއް ގޯލް ކާމިޔާބުކޮށްދީފައި ވަނީ މުހައްމަދު ރިލްވާނެވެ. އަނެއް ގޯލަކީ އެފްއާރުސީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގައި އެފްއާރުސީގެ ގޯލްތައް ޖެހީ ޝަމްހު ޝައިން، ރަޔާން އަލީ، މުހައްމަދު ލަޔާން އަދި އަހްމަދު މަޢީޝް އެވެ.
މުބާރާތުގައި މިރޭވެސް ހަތަރު މެޗު ކުޅޭނެ އެވެ. އެއީ ގްރޫޕް އޭގެ ދެ މެޗާއި އަދި ގްރޫޕް ބީގެ ދެ މެޗެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއް ވަނައިގައި އޮތް ސްޓެލްކޯ އާއި ތިން ވަނައިގައި އޮތް ކްލަބް މާލެ ސިޓީ އެވެ. އެ ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދެ ވަނައިގައި އޮތް ކްލަބް ހައްޖާއި، ހަތަރު ވަނައިގައި އޮތް މިފްކޯ އެވެ.
https://fahuminet.com/tournaments/office-league-2026
މިރޭ ކުޅެން ހަމަޖެހިފައި އޮތް ފަހު ދެ މެޗުގެ ތެރެއިން ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އެއް ޕޮއިންޓާއެކު އޮތް މޯލްޑިވްސް އިސްލާމިކް ބޭންކާއި، ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތް ސިޓީސް މިނިސްޓްރީ ވާދަކުރާއިރު ފަހު މެޗުގައި ބައްދަލުކުރާނީ މި ގްރޫޕްގެ އެއްވަނައިގައި އޮތް ބީސީސީ އާއި، ކުޅުނު ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަންޖެހުނު އެމްޓީސީސީ އެވެ.
