Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އޮފީސް ލީގު 16 ޓީމާއެކު މިރޭ ފަށަނީ
އޮފީސް ލީގު 16 ޓީމާއެކު މިރޭ ފަށަނީ
އޮފީސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯ އިން ތަށި އުފުލާލަނީ. މިއަހަރުގެ މުބާރާތް މިރޭ ފަށާނެ

އޮފީސް ލީގު 16 ޓީމާއެކު މިރޭ ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 8 އެޕްރީލް 2026

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އޮފީސް ލީގު ފުޓްސަލް މުބާރާތް 16 ޓީމާއެކު މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ އޮފީސްތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވާ މިއީ ދެވަނަ އަހަރެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައި ވަނީ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ މުބާރާތުގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތު ބާއްވައިފައިވާއިރު ގްރޫޕް އޭގައި ހިމެނުނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބުގެ އިތުރުން ކްލަބު ހައްޖު، މާލޭ ސިޓީ ކައުންސިލް އަދި މިފްކޯ އެވެ.

ގްރޫޕް ބީގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގެ އިތުރުން ސިޓީސް މިނިސްޓްރީ އަދި އެމްޓީސީސީ ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނުނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި، އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްމާޓް އޯން އެވެ.

އޮފީސް ލީގު ފުރަތަމަ މުބާރާތުގެ ފައިނަލްގައި ވާދަކުރި ޕޮލިސް ކްލަބްގެ އިތުރުން ކްލަބު އާސަންދަ އާއި ފަހި ރެކްރިއޭޝަން ކްލަބް އަދި މެޑްޓެކް ލައްވާލީ ގްރޫޕް ޑީ ގަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިރެއިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ރެއާ ހަމައަށް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާއިރު ގްރޫޕް ސްޓޭޖްގެ މެޗުތައް އޮންނަ ކޮންމެ ރެއަކުވެސް ހަތަރު މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ ފޯމެޓް އެކުލަވައިލާފައިވާގޮތުން ކޮންމެ ގްރޫޕަކުންވެސް އެއް ވަނަ ހޯދާ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ އޮޓަމެޓިކް ޖާގައެއް ލިބޭނެ އެވެ.

https://fahuminet.com/tournaments/office-league-2026

ކޮންމެ ގްރޫޕަކުން ވެސް ދެވަނަ އަދި ތިންވަނަ އަށް އަންނަ ޓީމުތައް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި ޖެހެނީ ޕްލޭ އޮފް މެޗެއްގައި ވާދަކުރާށެވެ. ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ކަށަވަރުކުރާ ޓީމުތައް ބެލުމަށްޓަކައި ބާއްވާ ޕްލޭ އޮފް މެޗުތައް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.

ކުއާޓާ ފައިނަލްގެ ހަތަރު މެޗު މި މަހުގެ 17 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު ސެމީ ފައިނަލް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޭގެ ތިން ދުވަސްފަހުން މި މަހުގެ 22 ވަނަ ދުވަހު އެވެ.

މުބާރާތުގެ ކަވަރޭޖް މި ނޫހުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings