މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް އެއް ސީޒަނެއްގައި ނުލިބޭ ވަރުގެ މާލީ ގެއްލުމެއް ޗެލްސީ އަށް ލިބިއްޖެކަން އެ ކްލަބުން އިއުލާންކުރި މާލީ ހިސާބުތަކުން ހާމަވެއްޖެ އެވެ.
ޗެލްސީ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސީޒަނުގައި އެ ކްލަބަށް ވަނީ ޓެކްސްއަށް ނުކަނޑައި 350 މިލިއަން ޑޮލަރުގެ ގެއްލުވެފަ އެވެ.
ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް މީގެ ކުރިން ކުރިމަތިވެފައި އޮތީ މެންޗެސްޓާ ސިޓީއަށެވެ. ސިޓީ އަށް 2011 ވަނަ އަހަރު ވަނީ 262 މިލިއަން ޑޮލަރުގެ ގެއްލުންވެފަ އެވެ.
ޗެލްސީ އަށް ރެކޯޑް އަދަދަކަށް ގެއްލުންވި ނަމަވެސް މިދިޔަ ސީޒަނަކީ ކްލަބުގެ ތާރީހުގައި ވެސް ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ސީޒަނެވެ. ފީފާ ކްލަބު ވޯލްޑް ކަޕާއި، ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި މިދިޔަ ސީޒަން ނިންމާލި ޗެލްސީއަށް އެ ސީޒަންގައި ވަނީ 650 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
ބޮޑު ގެއްލުމަކާ ކުރިމަތިލި ނަމަވެސް ޗެލްސީ އިން ބުނަމުން އަންނަނީ ކްލަބުގެ މާލީ ހާލަތު އޮތީ ކަމާ ގުޅުންހުރި މާލީ ގަވައިދުތައް ބުނާ މިންގަނޑުގެ ތެރޭގައި ކަމަށެވެ. ޗެލްސީ އިން އެގޮތަށް ބުނި ނަމަވެސް އެފަދަ އެއް ގަވާއިދު ކަމަށްވާ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ ރޫލްސް ބުނާ ގޮތުގައި އެއްވެސް ކްލަބެއްގެ ތިން އަހަރުގެ ޖުމްލަ ގެއްލުން ހުންނަން ޖެހޭނީ ޖުމްލަ 160 މިލިއަން ޑޮލަރުގަ އެވެ.
މިހާރު ޗެލްސީ ހިންގަމުން އަންނަ ބްލޫ ކޯ އިން 2022 ވަނަ އަހަރު އެ ކްލަބާ ހަވާލުވި ފަހުން 1.2 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ކުޅުންތެރިން ގަތުމަށްޓަކައި ވަނީ ހޭދަކޮށްފަ އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިންވެސް ވަނީ އެ އިދާރާއިން އެކުލަވާލައިފައިވާ ސްކޮޑް ކޮސްޓް ރޭޝިއޯއާ ހިލާފުވުމުގެ ސަބަބުން މި ސީޒަންގެ ކުރީކޮޅު ބޮޑު އަދަދަކުން އެ ކްލަބް ޖޫރިމަނާ ވެސް ކޮށްފަ އެވެ.
