ފުރަތަމަ ސަފްޙާ / ޚަބަރު / މިއީ މުޅި ދުނިޔެ މިލްކުވުން ކަހަލަ ކަމެއް: ރޮސެނިއާ

މިއީ މުޅި ދުނިޔެ މިލްކުވުން ކަހަލަ ކަމެއް: ރޮސެނިއާ

އެޑްމިން
އެޑްމިން
1 މަސް ކުރިން 6 ޖެނުއަރީ 2026

ޗެލްސީގެ ކޯޗުކަން ލިބުމަކީ މުޅި ދުނިޔެ މިލްކުވުން ކަހަލަ ކަމެއްކަމަށް އާ ކޯޗު ލިއަމް ރޮސެނިއާ ބުނެފި އެވެ.

އިނގިރޭސިވިލާތަށް އުފަން އުމުރުން 41 އަހަރުގެ ކޯޗަށް މިހާރު ވަނީ ރަސްމީކޮށް ޗެލްސީގެ ކޯޗުކަން ދީފަ އެވެ. އޭނާ އަށް ދިނީ ފަސް އަހަރާ ބައިގެ މުއްދަތެކެވެ. އެއްބަސްވުން ހަމަވިޔަސް ޗެލްސީއިން ބޭނުންނަމަ އޭނާ އިތުރު ސީޒަނަކަށް ކޯޗުކަމުގައި ބެހެއްޓޭނެއެވެ.

ޗެލްސީގެ ކޯޗުކަމުގައި އޭނާގެ ފުރަތަމަ މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕްގައި ޗާލްޓަން އެތުލެޓިކްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެކުރިން ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ފުލަމްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ރޮސެނިއާ ދަނޑުގައި އިންނާނެ އެވެ.

“މި މަގާމް ލިބުމަކީ މުޅި ދުނިޔެ މިލްކުވުން ކަހަލަ ކަމެއް. މި ފުރުސަތު އަހަރެންނަށް ދިނުމުގައި އުޅުނު އެންމެންނަށް ޝުކުރުއަދާކުރަން. މި ކްލަބަށް ހުރިހާ އެއްޗެއް ދީގެން ކްލަބަށް ހައްގު ކާމިޔާބީއާ ހަމައަށް ގެންގޮސްދޭން މަސައްކަތްކުރާނަން”

ޗެލްސީއާ ހަވާލުވުމުގެ ކުރިން ރޮސެނިއާ ހުރީ ފްރާންސްގެ ސްޓްރާސްބޯގެ ކޯޗުކަމުގަ އެވެ. އެ ކްލަބަކީ ޗެލްސީގެ އޯނަރު ޓޮޑް ބޮއެލީގެ ހިއްސާ އޮންނަ ކްލަބެކެވެ.

ސްޓްރާސްބޯގުގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރޮސެނިއާ ވަނީ އޭނާ ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ނިންމިކަމަށް ބުނެފަ އެވެ.

“މިވަރުގެ ކްލަބަކުން ލިބުނު ފުރުސަތެއް އަހަރެންނަށް ދުލެއް ނުކުރެވުނު. މިއީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމު” ޗެލްސީ އަށް އޮތް ލޯބި ހާމަކުރަމުން ރޮސެނިއާ ބުންޏެވެ.

ކުރިން ފުލަމް އާއި ހަލް ސިޓީ އަށް ކުޅުނު ޑިފެންޑަރު ޕްރިމިއާ ލީގުގައި ކޯޗުކަން ކުރާ މިއީ ފުރަތަމަ ފަހަރެވެ.

ޗެލްސީގެ ކޯޗުކަމުގައި ހުރި އެންޒޯ މަރެސްކާ މަގާމް ދޫކޮށްލީ އަހަރު ފެށުނުތަނާ އެވެ. ޗެލްސީގެ ނަތީޖާތައް ދަށްވުމުގެ އިތުރުން މަރެސްކާ އެ މަގާމް ދޫކޮށްލީ ޗެލްސީގެ މެނޭޖްމަންޓާ މައްސަލަ ޖެހުމުންނެވެ.

އާ ކޯޗު ރޮސެނިއާ ޗެލްސީއާ ހަވާލުވިއިރު، ލީގުގައި މިހާތަނަށް ލިބުނު 31 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!