Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފާއްޓެ: މޮޅު ކުޅުމުގެ ފަހަތުގައި ލޯތްބާއި، ލައްކަ މަސައްކަތް
ފާއްޓެ: މޮޅު ކުޅުމުގެ ފަހަތުގައި ލޯތްބާއި، ލައްކަ މަސައްކަތް

ފާއްޓެ: މޮޅު ކުޅުމުގެ ފަހަތުގައި ލޯތްބާއި، ލައްކަ މަސައްކަތް

ފަހުމިނެޓް
ފަހުމިނެޓް
18 ގަޑިއިރު ކުރިން 31 މާރޗް 2026

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިމުނު އޭދަފުށި ފުޓްސަލް ކަޕްގައި ހޮވި މަގާމުތަކުގެ ތެރެއިން ގިނަ ބަޔަކަށް ލަފާކުރަން އެންމެ ފަސޭހަވި އެއް މަގާމަކީ މުބާރާތުގެ ކިންގުގެ މަގާމެވެ. އޭދަފުށީގެ މިފަހުގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓެ) އެ މަގާމު ހޯދީ މުބާރާތުގައި ކުޅުނު އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ މާ ބޮޑަށް ވެސް ތަފާތު ކުޅުމެއް ދައްކައިގެންނެވެ.  

މުބާރާތުގައި ފާއްޓެ ވަނީ ކުޅުނު ހަ މެޗުގައި އަފްރޯ ސްޕޯޓްސް ކްލަބަށް 15 ގޯލު ކާމިޔާބުކޮށްދީގެން މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދައިފަ އެވެ. މިއީ އެއް ކުޅުންތެރިޔަކަށް ބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ. އޭދަފުށި ފުޓްސަލް ކަޕްގައި މިފަހަރު ވާދަކުރި 12 ޓީމުގެ ތެރެއިން ފާއްޓެ ލަނޑު ޖެހި އަދަދަށްވުރެ ގިނައިން ގޯލް ސްކޯކޮށްފައިވަނީ އެންމެ ތިން ޓީމަކުންނެވެ. އެއީ ޗެމްޕިއަން އަފްރޯގެ އިތުރުން ފައިނަލްގައި ވާދަކުރި އެއިޓީފޯ އެފްސީ އަދި މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި ކޭބަލް ބްރަދާސް އެވެ.

މުބާރާތުގައި އަފްރޯއިން ޖެހި ގޯލްތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާކުރި ފާއްޓެ ވަނީ އެ ޓީމަށް އިތުރު ހަ ގޯލް ޖަހަން އެހީތެރިވެދީފަ އެވެ. މީގެ އުތުރުން މުބާރާތުގައި ފާއްޓެ ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދައިފަ އެވެ.

"މިއީ އަސްލު ވަރަށް ގިނަ ކަންކަން އެކުވެގެން ލިބުނު ކާމިޔާބެއް. ކޮންމެ މެޗަކަށް ތައްޔާރުވާން ކުރާ މަސައްކަތާއި ވިސްނާ ވިސްނުންތަކާއި، ފިޓްނަސް ލެވަލް އެއްވަރެއްގަ ބަހައްޓަން ކުރާ މަސައްކަތާއި، މިކަމަށް ހުންނަ ލޯތްބާއި، ޝައުގުވެރިކަން މިހިރީ ހައްތާވެސް ކާމިޔާބަށް ކޮންޓްރިބިއުޓްކުރި ކަންކަން." ފުޓްބޯޅަ އާއި ފުޓްސަލަށް މަޝްހޫރު، އޭދަފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރުމަށްފަހު ފަހުމިނެޓާ ވާހަކަދައްކަމުން ފާއްޓެ ބުނެފައިވެ އެވެ.

ފާއްޓެ ގޯލެއް ޖެހުމަށް ފަހު އިޝާން އިބްރާހީމް (ސައްޓު) އާ އެކު އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް
ފާއްޓެ ގޯލެއް ޖެހުމަށް ފަހު އިޝާން އިބްރާހީމް (ސައްޓު) އާ އެކު އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

މިއަހަރު އުމުރުން 40 އަހަރު ފުރޭ ފާއްޓެއަކީ ޒުވާން ހުނަރުވެރި ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބި އޭދަފުށީގެ ފުޓްބޯޅަ އަދި ފުޓްސަލް ޓީމު އަދިވެސް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔާ އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށްޓާއެކު ރާއްޖޭގެ ފުޓްސަލްގައި އޭދަފުށިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ 2024 ވަނަ އަހަރު ހޯދިއިރު ފާއްޓެއަކީ ޓީމުގެ އެއް ތަނބެވެ.  

މީގެ އިތުރުން ފާއްޓެ ވަނީ ފުޓްބޯޅައިގައި އޭދަފުށްޓަށް ރީތި ނަން ހޯދައިދިނުމުގައިވެސް މުހިންމު  ދައުރެއް އަދާކޮށްފައެވެ. މިފަހަކަށް އައިސް ފުޓްބޯޅައިގައި އޭދަފުށިން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ބެލެވޭ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި 2016 ވަނަ އަހަރު އޭދަފުށިން އުފުލާލި ޓީމުގައި ފާއްޓެ ހިމެނުނެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ކުރީކޮޅު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ލ. ގަމާ ވާދަކޮށް އޭދަފުށިން ހޯދިއިރު ފައިނަލް މެޗުގައި ފާއްޓެ ވަނީ މޮޅު ކުޅުމެއް ދައްކައި އެއް ގޯލް ކާމިޔާބުކޮށްދީފަ އެވެ.20

2024 ވަނަ އަހަރު ބޭއްވި ގޯލްޑް ކަޕްގައި އޭދަފުއްޓަށް ގޯލެއް ޖަހައިދިނުމަށް ފަހު ފާއްޓެ އުފާފާޅުކުރަނީ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި. ފޮޓޯ: ސިޑިބަރި
2024 ވަނަ އަހަރު ބޭއްވި ގޯލްޑް ކަޕްގައި އޭދަފުއްޓަށް ގޯލެއް ޖަހައިދިނުމަށް ފަހު ފާއްޓެ އުފާފާޅުކުރަނީ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި. ފޮޓޯ: ސިޑިބަރި

މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2024 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދިއިރު، ފާއްޓެ އަކީ އެ މުބާރާތުގެ ޓޮޕް ސްކޯރާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެ މުބާރާތުގައި ފާއްޓެ ހުއްޓުވަން އިދިކޮޅު ޓީމުތަކަށްވީ ބޮޑު ގޮންޖެހުމަކަށެވެ. 

ފާއްޓެ ބުނިގޮތިގައި އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓުމަށްޓަކައި އޭނާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"ކުރިއަށް ހުންނަ މެޗުތަކުގައި ކަންކަން އިތުރަށް ރަގަޅުކުރަން ކުރިން ކުޅެފަ ހުންނަ މެޗުތައް ވަރަށް ގިނައިން ބަލަން. އަދި އެ މެޗުތަކުގައި އަހަރެންގެ ފަރާތުން ހެދިފަ ހުރި މިސްޓޭކްތައް ހެދެން އެ ދިމާވީ ކޮން ސަބަބުތައް ދިރާސާކުރަން." 

މުހައްމަދު ފާސިރު (ފާއްޓެ) 

"ކީއެއްވެގެންތޯ އެ ޕާސް އެހެން ދެވިފަ އެއިނީ. ކީއްވެތޯ މިގޮތަށް އެ ޕާސް ނުދެވުނީ. ކީއްވެގެންތޯ އަހަރެންގެ ކައިރިން ނައްޓާލައިފަ އެ ކުޅުންތެރިއަކަށް އެ ދެވުނީ. ކީއްވެގެންތޯ އެ ބޯޅަ ގޯލަށް އަހަރެން ނުޖެހީ. ކީއްވެތޯ އަހަރެން އެތަނަށް ދުވީ." މެޗަށް ތައްޔާރުވާން ކުރާ މަސައްކަތް ތަފްސީލްކޮށްދެމުން ފާއްޓެ ބުންޏެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފައިވާ އަދި ރާއްޖެއަށް ދެވަނަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް ހޯދައިދިނުމުގައި މުހިންމު ހިއްސާއެއް އަދާކޮށްފައިވާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ ފާއްޓެ ވަނީ 2006 އިން 2009 އަށް  ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެފަ އެވެ. އެންމެ ފުރަތަމަ ކްލަބް އީގަލްސްއަށް ކުޅުމަށްފަހު ފާއްޓެ ދެން ފެނުނީ ފުރަތަމަ ޑިވިޝަނަށް އޭރު އަލަށް ޕްރޮމޯޓްވި އޯލް ޔޫތު ލިންކޭޖު (އޭވައިއެލް) އިންނެވެ. ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ލޮލުގައި ފާއްޓެ އަޅައިގަތީ އޭވައިއެލްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އޭދަފުށި ފުޓްސަލް ކަޕްގައި ފާއްޓެ ބޯޅަ ފޮނުވާލަނީ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ ހޯދީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެން. ފޮޓޯ: އޭދަފުށި ކައުންސިލް
އޭދަފުށި ފުޓްސަލް ކަޕްގައި ފާއްޓެ ބޯޅަ ފޮނުވާލަނީ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ ހޯދީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެން. ފޮޓޯ: އޭދަފުށި ކައުންސިލް

އެކަމަކު އެ ޓީމަށް ކުޅެމުން އަންނަނިކޮށް އުމުރުން އެންމެ 23 އަހަރުގައި ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އެއް ވަނަ ޑިވިޝަންގެ ފުޓްބޯޅައާ އަލްވަދާއުކިޔަން ފާއްޓެއަށް ޖެހުނެވެ. މިއާއެކުވެސް އަނިޔާއިން ރަގަޅުވެ ފުޓްބޯޅަ ދަނޑަށް ފާއްޓެ އަލުން ނުކުތީ ކުރީގެ ކުޅުން ތަކުރާރުކުރަމުންނެވެ. ފާއްޓެގެ ހަލުވި ސްޕީޑާއި، މޮޅު ކޮށްޓުމާއި، ބާރު ޝޮޓްތަކުން އޭދަފުށީގެ ފުޓްބޯޅައަށް އަނެއްކާވެސް އާ ދިރުމެއް ލިބުނެވެ.

އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައާ ފާއްޓެ ދުރުގައި ހުއްޓަސް ރަށު ފެންވަރުގައި ފާއްޓެ ދައްކަމުން އައި މޮޅު ކުޅުމާއެކު ރާއްޖޭގެ ބޮޑެތި ކްލަބްތަކުން އަބަދުވެސް އައީ އޭނާއަށް ފާރަލަމުންނެވެ. އޭގެ ތެރެއިން ލިބުނު ފުރުސަތެއްގައި މިދިޔަ އަހަރު އޮތް އެފްއޭއެމް ލީގު ކަޕްގައި ފާއްޓެގެ ނަން ކްލަބް އީގަލްސްގެ ޓީމުގައި ހިމެނި އެވެ. އަދި، މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުގައި ފާއްޓެ އަންނަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުންނެވެ. 

https://fahuminet.com/tournaments/eydhafushi-futsal-cup-2026

މި ހުރިހާ ސަބަބަކާއެކު ފާއްޓެ އަކީ ޒުވާން ކުޅުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށް ބަލަންޖެހެ އެވެ. ފާއްޓެ ވަނީ ކާމިޔާބު ހޯދަން އެދޭ ޒުވާން ކުޅުންތެރިންނަށް މުހިންމު މެސެޖެއް ވެސް ދީފަ އެވެ.

"އަބަދުވެސް މިކަންކަން ހަނދާން ބަހައްޓަންވީ. ޑިސިޕްލިން ހިފެހެއްޓުން. ބޮޑާ ނުވުން ހާސިލްކުރަން ބޭނުންވާ ކަމަކަށް ފޯކަސްކުރުން. ރަގަޅަށް ނިދުމާއި، ރަނގަޅަށް ކެއުން. ދެން ރަގަޅު ރިކަވަރީއަކަށް މަސައްކަތްކުރުން."

 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings