މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖާ ހަމައިން ރާއްޖޭގެ ޖޫނިއާ ޓީމަށް މުބާރާތާ ވަކިވާން ޖެހުނު ނަމަވެސް ރާއްޖޭގެ ޓީމުގެ ޒުވާން ކެޕްޓަން މުހައްމަދު އިލާން އިމްރާން ސަޕޯޓަރުންނަށް ހިތްވަރުގެ މެސެޖެއް ދޫކޮށްލައިފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ނުދެވި މުބާރާތާ ވަކިވާން ޖެހުނީ ގްރޫޕް އޭގައި ރާއްޖެ އިން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އަނެއް ދެ މެޗު އެއްވަރުވުމާ އެކު ގްރޫޕްގެ ހަތަރު ވަނައިގައި ނިންމާލަން ޖެހުމުންނެވެ.
މުބާރާތުގައި ރާއްޖެއިން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ އިލާނެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލިވެ އަދި ފަހު މެޗުގައި ނޭޕާލާ އެއްވަރުވީ އިލާން ރާއްޖެއަށް ލީޑް ހޯދައިދީފައި އޮއްވަ އެވެ.

ފުރަތަމަ މެޗުގައި އިލާން ރާއްޖެ އަށް ދެ ގޯލްގެ ލީޑެއް ނަގައިދިން ނަމަވެސް ލަންކާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި އިއްޔެ ރާއްޖެ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގެ ވަރަށް ކުރީކޮޅު އިލާން ރާއްޖެ އަށް ލީޑް ނަގައިދީފައި ވަނިކޮށް ނޭޕާލުން އެއްވަރުކުރީ މެޗު ނިމެން އެންމެ ތިން މިނެޓަށް ވެފައި އޮއްވަ އެވެ.
އަމިއްލަ ފަސްގަނޑުގައި ހިތްދަތިގޮތަކަށް މުބާރާތުން ވަކިވާން ޖެހުނު ވަގުތު މީޑިއާ ވާހަކަދައްކަމުން އިލާން ވަރަށް ހިތްވަރުގަދަކަމާ އެކު ބުނެފައިވަނީ މިއީ ނިމުމެއް ނޫން ކަމަށެވެ.
މި އަދި ނިމުމެއް ނޫން. މި އަދި ފެށުން. އިންޝާﷲ އަންނަ އަހަރު ވެސް، މި އަހަރު ވެސް އޮންނަ މުބާރާތްތަކުގައި އަހަރުމެން އިތުރަށް މަސައްކަތްކޮށް، އަހަރެމެންގެ ކުރިއެރުން ފެންނާނެ ކަމަށް، އިލާން ބުނެފައިވެ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ އުންމީދީ އެއް ކުޅުންތެރިޔަކީ އިލާނެވެ. މުބާރާތުގައި ރާއްޖެ އިން ކުޅުނު ތިން މެޗުގައި އިލާން ދެއްކި މޮޅުކުޅުމުން އެކަނިވެސް އެކަން ސާބިތުވެ އެވެ. މީގެ އިތުރުން އިއްޔެ މީޑިއާއާ ވާހަކަދައްކަމުން އުމުރުން 17 އަހަރުގެ އިލާން ދެއްކި ވާހަކައިންވެސް އެއީ ފުޓްބޯޅައިގެ ހުނަރުގެ އިތުރުން ކާމިޔާބު ކުޅުންތެރިޔަކަށް ވުމަށްޓަކައި ހުންނަންޖެހޭ ވަރުގެ މެންޓަލިޓީއެއް ހުރި ކުޅުންތެރިއެއްކަން ވެސް ފާހަގަވި އެވެ.
އިލާން ގަބޫލުކުރާ ގޮތުގައި ކާމިޔާބަކީ ކުއްލިއަކަށް ހޯދޭނެ އެއްޗެއް ނޫނެވެ.
ފުރަތަމަ މެޗާ ބަލާފައި މި މެޗު (ނޭޕާލް މެޗު) ވަރަށް ރަނގަޅު، އެއީ ހަމަ މަޑުމަޑުން (ކުރިއަށްދާނީ) މިއީ ހަމަ ސްޓެޕް ބައި ސްޓެޕް ޕްރޮސަސް އެކޭ ބުނެވޭނީ. މިއީ، ކުއްލިއަކަށް އެއްރެއިން މޮޅެއްނުވެވޭނެ ސާފް ޗެމްޕިއަންޝިޕް އިން، މި މަޑުމަޑުން ކުރެވޭނެ ކަމެއް،
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުން އަންނަ އިލާން ވަނީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއަށް ހަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ހޯސްޓުކުރި ސާފްގެ ޖޫނިއާ މުބާރާތުގައި ރާއްޖެއިން ކުޅުނު އެންމެ ފަހު މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން އިލާން ވަނީ ދިވެހި ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.
https://fahuminet.com/tournaments/saff-u20-championship-2026
"މިހާރު މި ހުރިހާ ކަމަކަށް އަލްހަމްދުލިއްލާހް ޝުކުރު. ވަރަށް ބޮޑު މަސައްކަތަކަށް ފަހު، ވަރަށް ކުޑަ ދުވަހުގެ ތައްޔާރަށް ފަހު، އެކަމަކުވެސް ވަރަށް ރަނގަޅު ތައްޔާރީ އަކަށް ފަހު އަޅުގަނޑުމެން މި އައި މެޗުތަކަށް މިކުރިމަތިލީ، ދެން ހަމަ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ހަމަ ތިން މެޗުގައި ވެސް ފެނިގެން މިދިޔައީ ހަމަ ފުލް ސަޕޯޓަކާ އެކު، ދަނޑުފުރާލާފައިއޮތްތަން،" އިލާން ބުންޏެވެ.
ރާއްޖެ ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ހޮވުނީ 7 ޕޮއިންޓް ހޯދި ނޭޕާލެވެ. ދެ ވަނަ ލިބުނީ 4 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ބޫޓާނަށެވެ.
