ފ. މަގޫދޫގައި ކުރިއަށްދިޔަ މަގޫދޫ ޒުވާނުންގެ ކްލަބުގެ އެލް4 ކަޕް ފުޓްސަލްގެ ޗެމްޕިއަންކަން ފައުޒް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ފައުޒުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފެލޭލާ ސްޕޯޓްސްއާ ވާދަކޮށް 3-8 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭ މަގޫދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ފައުޒުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަތް ވަނަ މިނެޓްގައި މުހައްމަދު ޝަފްރާޒް (ސައްޕޭ) އެވެ. ފުރަތަމަ ލަނޑާއެކު ފައުޒަށް ލިބުނު އުފާވެރިކަން ދެމިއޮތީ އެންމެ މިނެޓަކަށެވެ. މެޗުގެ އަށް ވަނަ މިނެޓްގައި ފެލޭލާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
މުބާރާތުގެ ފައިނަލަށް ފެލޭލާ ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޖެންނޭ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ހިނދުކޮޅެއްވެސް ނުވަނީސް ފައުޒުން ގޯލެއް ޖަހައި އަލުން ލީޑު ނެގި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކުރި ސައްޕޭ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި މި ދެ ޓީމު ރޭ ކުޅުނު ފައިނަލް މެޗުގައި ފައުޒުން ޖެހި އަށް ލަނޑުގެ ތެރެއިން އަނެއް ހަ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު ހާފުގަ އެވެ. މި ހާފުފައި ފައުޒްގެ ސައްޕޭ ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. ފައުޒުން މި މެޗުގައި ޖެހި އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ކުޅެމުން އަންނަ ކިރްގިސްތާނުގެ އުލާން ކާމިޔާބުކުރި އިރު މި މުބާރާތުގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި އަހްމަދު އަފްލާޒްގެ އިތުރުން އަހްމަދު އުލޫފްވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ.
ރޭގެ ފައިނަލްގައި ފެލޭލާއަށް ފައުޒް ހިފެހެއްޓުމުގައި ފުރަތަމަ ހާފުގައި ރަނގަޅު މަސައްކަތެއް ކުރެވުނު ނަމަވެސް ފަހު ހާފުގައި ފައުޒް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. މެޗުގައި ފެލޭލާއިން ޖެހި ތިން ގޯލްގެ ތެރެއިން ފަހު ހާފުގައި އެޓީމުގެ ގޯލުތައް ކާމިޔާބުކުރީ މޫސާ އަސަދާއި، ސާމިން މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ފައުޒްގެ އުލާން، އެޓީމުގެ އަހުމަދު ހަމީދު (އައްމަޑޭ)، ފެލޭލާގެ އަބްދުﷲ ޖުނައިދު (ޖެންނޭ)، ފެލޭލާގެ ސާމިން މުހައްމަދު ރަޝީދު އަދި ސީއެސް ސްޕޯޓްސްގެ ވިޝާހް ޝަރީފް އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ފައުޒަށް އިރުޝާދުދިން ލިޔާހު އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ފައުޒްގެ މޫސާ ޒައިން އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ސީއެސް ސްޕޯޓްސްގެ މުހައްމަދު ރީހާން އަހުމަދެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އަހުމަދު އަފްލާޒެވެ. އަފްލާޒް ވަނީ 11 ގޯލު މުބާރާތުގައި ޖަހައިފަ އެވެ.
އެލް4 ކަޕްގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިރްގިސްތާނުގެ އުލާން އެވެ.
https://fahuminet.com/tournaments/mzc-l4-cup-26
މިއަހަރުގެ އެލް4 ކަޕްގައި 6 ޓީމެއް ވާދަކުރި އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން އެލް4 ކަޕުން ވަނީ ފެނިފަ އެވެ.
