ފ. މަގޫދޫގައި އެރަށު ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެލް4 ކަޕްގައި ފައުޒް ސްޕޯޓްސް ކްލަބާއި ސީއެސް ސްޕޯޓްސް އިން މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު އެކްސް ސްޕޯޓްސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމު ކަމަށްވާ ފައުޒް ސްޕޯޓްސް ކްލަބާއި، ފެލޭލާ ސްޕޯޓްސް އެވެ. މި މެޗު 2-5 އިން ކާމިޔާބުކުރީ ފައުޒެވެ. މެޗުގައި ފައުޒަށް ގޯލްތައް ޖަހައިދިނީ މި މުބާރާތުގައި ފައުޒަށް ކުޅެމުން އަންނަ ކިރުގިސްތާނުގެ އުލާން އާއި އަހްމަދު އަފްލާޒް އަދި މުހައްމަދު އަތީޝްގެ އިތުރުން ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އަހްމަދު ހަމީދު (އައްމަޑޭ) އަދި މުހައްމަދު ޝަފްރާޒެވެ. ފެލޭލާއަށް ގޯލްތައް ކާމިޔާބުކޮށްދިނީ ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ސާމިން މުހައްމަދެވެ.
އެލް4 ކަޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފައުޒް ނިއު ޖެނެރޭޝަންގެ މައްޗަށް ކުރި ހޯދައި ސީއެސްއިން ވަނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ. މި މެޗުގައި ސީއެސް އިން ފައުޒް ނިއު ޖެނެރޭޝަންގެ މައްޗަށް ކުރި ހޯދީ 2-3 އިންނެވެ.
މި މެޗުގައި ސީއެސްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އައިހަމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އައިހަމް ވަނީ މި މުބާރާތުގައި މިހާތަނަށް ހަތް ގޯލް ޖަހައި އިތުރު ތިން ގޯލް ޖަހަން މަގުފަހިކޮށްދީފަ އެވެ. ސީއެސްއިން މިރޭގެ މެޗުގައި ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވިޝާހް ޝަރީފެވެ.
މި މެޗުގައި ފައުޒް ނިއު ޖެނެރޭޝަނުން ޖެހި ދެ ގޯލްގެ ތެރެއިން އެއް ގޯލަކީ ސީއެސްގެ އައިހަމް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ރިފާއު އެވެ.

މިރޭ ކުޅުނު ފަހު މެޗުގައި ވާދަކުރީ މިހާތަނަށް މުބާރާތުގައި ޕޮއިންޓެއް ނުލިބި އޮތް ދެޓީމު ކަމަށްވާ އެލްބީއޯ ސްޕޯޓްސް އާއި އެކްސް ސްޕޯޓްސް އެވެ. މި މެޗު 1-2 އިން ކާމިޔާބުކުރީ ދަރަބޫނދޫއިން މި މުބާރާތުގައި ބައިވެރިވި އެކްސް ސްޕޯޓްސް އެވެ. މިރޭގެ މެޗުގައި އެކްސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި މުހައްމަދު އަހްމަދާއި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސާއިން އަލީގެ އިތުރުން ރަޔާން ރިޔާހެވެ. އެލްބީއޯއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އިޒްޔާނެވެ.
ލީގު އުސޫލުން ކުޅެމުން އަންނަ އެލް4 ކަޕްގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު ޓޭބަލްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއި ފައިދާ 13 ގޯލާއެކު ފައުޒް އޮތް އިރު ދެވަނައިގައި ނުވަ ޕޮއިންޓާއި ފައިދާ 10 ގޯލާއެކު އޮތީ ސީއެސް ސްޕޯޓްސް އެވެ. ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު ފެލޭލާ އޮތްއިރު ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ އެކްސް ސްޕޯޓްސް އެވެ.
