ފ. މަގޫދޫގައި ކުރިއަށްދާ އެލް4 ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުންވެސް ސީއެސް ސްޕޯޓްސް އާއި ފައުޒް ސްޕޯޓްސް ކްލަބް ފަސޭހަ ކަމާއެކު މޮޅުވެއްޖެ އެވެ.
މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ އެލް4 ކަޕްގައި ރޭ ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ފައުޒް ސްޕޯޓްސް ކްލަބުން ވަނީ ފައުޒް ނިއު ޖެނެރޭޝަން ކޮޅަށް ހަތް ގޯލް ޖަހައިފަ އެވެ. ފައުޒް ނިއު ޖެނެރޭޝަންގެ މައްޗަށް 0-7 އިން ފައުޒް ސްޕޯޓްސް ކްލަބް ކުރި ހޯދި މެޗުގައި ފައުޒް ސްޕޯޓްސް ކްލަބަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހްމަދު ހަމީދު (އައްމަޑޭ) އާއި ކްލްބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު އެންމެ ފަހުން ހޯދާފައިވާ އަހްމަދު އަފްލާޒްގެ އިތުރުން މުހައްމަދު އަރީޝް އާއި އަހްމަދު އުންވާން އަދި މުހައްމަދު ޝަފްރާޒެވެ. މީގެ ތެރެއިން އައްމަޑޭ އަދި އަފްލާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކުރި އެވެ.
މި ނަތީޖާއާއެކު ފައުޒް ސްޕޯޓްސް ކްލަބަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ނިއު ޖެނެރޭޝަނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އެލް4 ކަޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފެލޭލާ ސްޕޯޓްސް އިން ވަނީ އެލްބީއޯ ސްޕޯޓްސްގެ މައްޗަށް 4-5 އިން ކުރި ހޯދައިފަ އެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ އެލްބީއޯއިންނެވެ. އެކަމަކު އޭގެ ފަހުން ފެލޭލާއިން ވަނީ ފަސް ގޯލް ޖަހައި މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފަ އެވެ. އެލްބީއޯއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފަހު ތިން ލަނޑަކީ މެޗުގެ ފަހު ހަ މިނެޓްގެ ތެރޭގައި ޖެހި ތިން ލަނޑެވެ. އެލްބީއޯއަށް މި މެޗުގައި ގޯލްތައް ޖަހައިދިނީ މުހައްމަދު އުލްވާން، މިލްޔާފް އަބްދުއްސައްތާރު އަދި ހޮސާމް ނަބީލްގެ އިތުރުން މުހައްމަދު އިޔާތެވެ.

ފެލޭލާގެ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ރައިޝަމް ފަޔާޒް، ހުސައިން ޝަރީފް، އިބްރާހިމް އާތިފް، ސާމިން މުހައްމަދު ނަސީރު އަދި މުހައްމަދު އަފްރާހެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގައި ހިމެނުނު އަބްދުﷲ ޖުނައިދު (ޖެންނެ) އެވެ. މި މެޗުގެ ނަތީޖާއާއެކު ފެލޭލާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު އެލްބީ އޯއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިރޭ ކުޅުނު ފަހު މެޗުގައި އެކްސް ސްޕޯޓްސްގެ މައްޗަށް އެއްވަނައިގައި އޮތް ސީއެސް ސްޕޯޓްސް އިން ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. ދަރަނބޫދޫއަށް ނިސްބަތްވާ އެކްސް ސްޕޯޓްސްގެ މައްޗަށް 2-5 އިން ސީއެސް ކުރި ހޯދި މެޗުގައި އެޓީމުން ޖެހި ފަސް ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ އާދިލް އަލީ އެވެ. ސީއެސްގެ އަނެއް ތިން ގޯލް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އައިހަމް އާއި އަހްމަދު މުއާޒެވެ.
https://fahuminet.com/tournaments/mzc-l4-cup-26
އެކްސް އިން މި މެޗުގައި ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ ޝައުދާން އަބްދުލްގަނީ އެވެ.
ލީގު އުސޫލުން ކުރިއަށްދާ އެލް4 ކަޕްގައި މިރޭ ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
