ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެލް4 ކަޕް ފުޓްސަލް މުބާރާތުގެ ރޭގެ މެޗުތައް ނިމުނުއިރު ސެމީ ފައިނަލްގެ ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެ އެވެ. އެޓީމުތަކަކީ ފައުޒް ސްޕޯޓްސް ކްލަބާއި، ސީއެސް ސްޕޯޓްސްގެ އިތުރުން ފެލޭލާ ސްޕޯޓްސް އާއި އެކްސް ސްޕޯޓްސް އެވެ.
އެލް4 ކަޕްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ދަރަނބޫދޫއިން މުބާރާތުގައި ބައިވެރިވި އެކްސް ސްޕޯޓްސް ވަނީ 0-3 އިން ފައުޒް ނިއު ޖެނެރޭޝަން ބަލިކޮށްފަ އެވެ. މި މެޗުގައި އެކްސް ސްޕޯޓްސްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު މުހައްމަދެވެ. އެކްސް އިން ޖެހި ތިން ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާން ރިޔާހެވެ. މި ނަތީޖާއާއެކު އެކްސް ސްޕޯޓްސް ވަނީ ޓޭބަލްގެ ހަތަރު ވަނައިގައި އެޓީމުގެ މަގާމު ވަރުގަދަކޮށްފަ އެވެ.
މިރޭގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފެލޭލާ ސްޕޯޓްސް އާއި މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ސީއެސް ސްޕޯޓްސް ވާދަކުރި މެޗު 1-6 އިން ކާމިޔާބުކުރީ ފެލޭލާ އެވެ. މި މެޗުގައި ފެލޭލާއިން ޖެހި ހަ ގޯލްގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. އަނެއް ދެ ލަނޑު ފެލޭލާ އަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި މޫސާ މާހިލް އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ޓޭބަލްގެ އެންމެ ފުލުގައި އޮތް އެލްބީއޯ ސްޕޯޓްސްއާ ވާދަކޮށް ޓޭބަލްގެ އެއް ވަނައިގައި އޮތް ފައުޒް ސްޕޯޓްސް ކްލަބުން ވަނީ ހަތް ގޯލް ޖަހައިފަ އެވެ. އެލްބީއޯއަށް އެންމެ ގޯލެއްވެސް ނުޖެހުނު މި މެޗުގައި ފައުޒުން ޖެހި ހަތް ގޯލްގެ ތެރެއިން ހަތަރު ގޯލް އަހްމަދު އަފްލާޒް ކާމިޔާބުކުރި އިރު މުހައްމަދު އަރީޝް ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. ދެން އޮތް ގޯލް ފައުޒަށް ކާމިޔާބުކޮށްދިނީ އަހްމަދު ހަމީދު (އައްމަޑޭ) އެވެ.
https://fahuminet.com/tournaments/mzc-l4-cup-26
މުބާރާތުގެ ލީގު އުސޫލުން ކުޅޭ އެންމެ ފަހު މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފާ އިރު ސެމީ ފައިނަލްގައި ޓީމުތައް ބައްދަލުކުރަންޖެހޭ ގޮތް ކަށަވަރުވާނީ ސެމީ ފައިނަލަށް ހޮވިފައިވާ ހަތަރު ޓީމު މާދަމާ ރޭ ކުޅޭ މެޗުތައް ނިމުމުންނެވެ.
މުބާރާތުގެ ފޯމެޓް އެކުލަވާލައިފައި އޮތް ގޮތުން ސެމީގެ އެއް މެޗުގައި އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ވާދަކުރަން ޖެހޭ އިރު އަނެއް މެޗުގައި ވާދަކުރާނީ ޓޭބަލްގެ ދެ ވަނަ އަދި ތިން ވަނައަށް އަންނަ ޓީމެވެ.
