ފ. މަގޫދޫ އެލް4 ކަޕްގެ ލީގު ބުރުގެ ކުޅުން ނިމި، ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުތައް މިރޭ އޮންނާނެ އެވެ.
މަގޫދޫ ޒުވާނުންގެ ކްލަބުން ބާއްވާ މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް ދެ މެޗު މިރޭ ކުޅޭއިރު، ރޭ ވަނީ ލީގު ބުރުގެ ކުޅުން ނިމިފަ އެވެ.
ލީގު ބުރުގެ ފަހު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ފައުސް ސްޕޯޓްސް ކްލަބާއި ސީއެސް ސްޕޯޓްސް އެވެ. މި މެޗު 1-8 އިން ކާމިޔާބުކުރީ ފައުޒް ސްޕޯޓްސް އެވެ. މެޗުގައި ފައުޒްގެ މުހައްމަދު އަފްލާޒާއި އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު އުލޫފް އާއި ކިރްގިސްތާނުގެ ހުނަރުވެރި ކުޅުންތެރިޔާ އުލާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައްމަޑޭ އެވެ. ސީއެސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލީ އައިހަމް އެވެ.
ދެ ވަނަ މެޗުގައި އެކްސް ސްޕޯޓްސް ކްލަބް އަތުން ފެލޭލާ ސްޕޯޓްސް މޮޅުވީ 4-1 އިންނެވެ. މެޗުގައި ފެލޭލާގެ އަބްދުﷲ ޖުނައިދު (ޖޭންނެ) ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަނެއް ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ އަސްއަދު އަންވަރާއި މޫސާ މާހިލް މިގްދާދު އެވެ. އެކްސް ސްޕޯޓްސްގެ ހަމައެކަނި ލަނޑު ޖެހީ މަހުމޫދު ސިޔާމް އެވެ.
ލީގު ބުރުގެ ފަހު މެޗުގައި ރޭ އެލްބީއޯ ސްޕޯޓްސް ވަނީ ފައުޒް ނިއު ޖެނެރޭޝަންއާ ވާދަކޮށް 3-4 އިން މޮޅުވެފަ އެވެ. އެލްބީއޯގެ ހަތަރު ގޯލު ޖެހީ، ހޮސަމް ނާބިލް އާއި އަނޫފް މުހައްމަދު އަހުމަދުގެ އިތުރުން މުހައްމަދު ރާކިން ރަމީޒް އަދި މޫސާ ސޯލިހެވެ.

ފައުޒް ނިއު ޖެނެރޭޝަންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަޔާން ހަސަން ޝަރީފް އެވެ. އަނެއް ގޯލު ޖެހީ ތޮލާލް ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެލްބީއޯ ސްޕޯޓްސްގެ ނާބިލް އެވެ.
ހަ ޓީމު ވާދަކުރި މުބާރާތުގެ ލީގު ބުރުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ފައުޒް ސްޕޯޓްސް އާއި ފެލޭލާ ސްޕޯޓްސްގެ އިތުރުން ސީއެސް ސްޕޯޓްސް އަދި އެކްސް ސްޕޯޓްސް އެވެ.
ލީގު ބުރުން ކެޓީ ފަސް ވަނަ އަށް ދިޔަ އެލްބީއޯ ސްޕޯޓްސް އާއި ފައުޒް ނިއު ޖެނެރޭޝަން އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، ފުރަތަމަ ސެމީގައި މިރޭ 20:20 ގައި ވާދަކުރާނީ ފައުޒް ސްޕޯޓްސް ކްލަބާއި އެކްސް ސްޕޯޓްސް އެވެ. އެކްސް ސްޕޯޓްސް އަކީ ފ. ދަރަނބޫދޫ އަށް ނިސްބަތްވާ ޓީމެކެވެ. ދެ ވަނަ ސެމީގައި ފެލޭލާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ސީއެސް ސްޕޯޓްސް އެވެ..
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަދަމާ ރެ އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.
