ފ. މަގޫދޫގައި ކުރިއަށްދާ އެރަށު ޒުވާނުންގެ ކްލަބްގެ އެލް4 ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލްގައި ކުޅުނު ފައުޒް ސްޕޯޓްސް ކްލަބާއި، ފެލޭލާ ސްޕޯޓްސް ދަތުރުކޮށްފި އެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ފައުޒުން މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ ހަތަރު ވަނަ ހޯދި އެކްސް ސްޕޯޓްސްއާ ވާދަކޮށް 2-6 އިން މޮޅުވެގެންނެވެ. މި މެޗުގައި ފައުޒަށް ކުޅެމުން އަންނަ ގައުމީ ފުޓްސަލް ޓީމުގެ އަހްމަދު ހަމީދު (އައްމަޑޭ) ދެ ލަނޑު އަދި މުހައްމަދު ޝަފްރާޒް ދެ ލަނޑު ވަނީ ޖަހައިފަ އެވެ. ރޭގެ މެޗުގައި ފައުޒުން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކުރީ އަހްމަދު އުލޫފާއި، މުހައްމަދު ހަފްޒަލެވެ.
މެޗުގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އައްމަޑޭ ކާމިޔާބުކުރި ދެ ލަނޑާއެކު މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ގޯލްގެ އަދަދު ވަނީ ނުވައަކަށް އަރައިފަ އެވެ. އައްމަޑޭއަށް ވުރެ ގިނައިން މި މުބާރާތުގައި ލަނޑު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ އައްމަޑޭއާއެކު ފައުޒަށް ކުޅެމުން އަންނަ އަހްމަދު އަފްލާޒެވެ. މުބާރާތުގައި މިހާތަނަށް ދިހަ ގޯލް ކާމިޔާބުކޮށްފައިވާ އަފްލާޒް މިރޭގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދަރަނބޫދޫއަށް ނިސްބަތްވާ އެކްސް ސްޕޯޓްސް އިން ފައުޒްގެ ގޯލަށް ވައްދާލި ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އަހްމަދާއި ސާއިން އަލީ އެވެ.
ލީގު އުސޫލުން ކުޅުނު ބުރުން ދިހަ ޕޮއިންޓް ހޯދައިގެން ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި ފެލޭލާ ސްޕޯޓްސް އިން ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ސީއެސް ސްޕޯޓްސް ބަލިކޮށްގެންނެވެ. މި މެޗުގައި ސީއެސްގެ މައްޗަށް ފެލޭލާއިން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ނަތީޖާ ހަމަހަމަވެފައި އޮތުމާއެކު ކުރިއަށްގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި 3-4 އިން ކުރި ހޯދައިގެންނެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އެއް މެޗުގައި ރޭ ފެލޭލާއިން ވަނީ ސީއެސް އިން ދެފަހަރު ލީޑު ނަގައިފައިވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ފެލޭލާއަށް މި މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) ގެ އިތުރުން މޫސާ މާހިލެވެ.
https://fahuminet.com/tournaments/mzc-l4-cup-26
މެޗުގައި ސީއެސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އާދިލް އަލީ އާއި ވިޝާހް ޝަރީފްގެ އިތުރުން އަބްދުﷲ ޒިޔާނެވެ. އެކަމަކު ޕެނަލްޓީ ޝޫޓްއައުޓްގައި ސީއެސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އާދިލް އާއި ވިޝާހް ފޮނުވާލި ދެ ޕެނަލްޓީ އެވެ.
ފެލާލާއިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަމައެކަނި ނާކާމިޔާބުވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖެންނޭ ފޮނުވާލި ޕެނަލްޓީ އެވެ.
ފައުޒާއި ފެލޭލާ ވާދަކުރާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭ 08:30 ގަ އެވެ.
