Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލަށް ނުދެވުނަސް މުރިނގުން އެ ދޫކޮށްލަނީ ސެލިއުޓް ހައްގު މެސެޖެއް
ފައިނަލަށް ނުދެވުނަސް މުރިނގުން އެ ދޫކޮށްލަނީ ސެލިއުޓް ހައްގު މެސެޖެއް
މުރިނގުގެ ލުއްޑަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ޓީމުން ޖޯޒީގެ ކުރިމަތީގައި ޖަހާފައި ހުރީ "އެންމެ ފުރަތަމަ ނަމާދު". ފޮޓޯ: އޭދަފުށި ކައުންސިލް

ފައިނަލަށް ނުދެވުނަސް މުރިނގުން އެ ދޫކޮށްލަނީ ސެލިއުޓް ހައްގު މެސެޖެއް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 25 މާރޗް 2026

އޭދަފުށި ފުޓްސަލް ކަޕަކީ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން އޭދަފުށީގައި ތިބި ތަޖުރިބާކާރު އަދި ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން އަބަދުވެސް ފެންނަ މުބާރާތެކެވެ. ގިނަ ޓީމުތަކަކީ ވަރަށް ސީރިއަސްކަމާ އެކު މުބާރާތުގެ ތަށްޓަށް އަމާޒު ހިފައިގެން ނުކުންނަ ޓީމުތަކެވެ. އޭގެ ތެރެއިން އެއް ޓީމަކީ އެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން ބަލިވި މުރިނގު ސްޕޯޓްސް ކްލަބެވެ.

މިހާތަނަށް ބޭއްވި އޭދަފުށި ފުޓްސަލް ކަޕްގެ ހުރިހާ މުބާރާތެއްގައި އެޓީމު ބައިވެރިވި ނަމަވެސް އަދި އެޓީމަށް ފައިނަލުން ފުރުސަތު ލިބިފައެއް ނެތެވެ.

ދައްކަން މިއުޅެނީ އެ ވާހަކަ އެއް ނޫނެވެ. އެންމެ ފަހުން އޮތް ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވި އޭދަފުށި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޝަރީފް (މުޑާ) ގެ އިތުރުން 2024 ވަނަ އަހަރު މާލޭގައި އޮތް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ފުޓްބޯޅަ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އާދަޔާހިލާފު ތޫނުފިލިކަމެއް ދެއްކި ސާހީ މޫސާ (ހިތޭ) ވެސް ހިމެނުނު މުރިނގަށް މުބާރާތުގެ ފައިނަލުން ޖާގަ ނުލިބުނަސް އެ ޓީމުން ކޮންމެ އަހަރަކު އެ ދޫކޮށްލާ މެސެޖަކީ ފާހަގަނުކޮށް ދޫކޮށްލެވޭވަރަށް ވުރެ އަގުހުރި މެސެޖެކެވެ.

ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުން އާންމު ގޮތެއްގައި ޖޯޒީގެ ކުރިމަތީގައި ޖަހަނީ އެޓީމަކަށް އެންމެ ރަގަޅު ސްޕޮންސާއެއް ދޭ ފަރާތުގެ އިޝްތިހާރެވެ. އެކަމަކު މުރިނގު ޓީމު ފެނުނީ އެއާ މުޅިން ތަފާތުކޮށެވެ. އެ ޓީމުން ޖޯޒީގެ ކުރިމަތީގައި ޖަހާފައި ހުރީ "އެންމެ ފުރަތަމަ ނަމާދު" މިހެންނެވެ.

މުރިނގު ޓީމުގެ މުޑާ ބޯޅަ ހިފައިގެން. މުޑާ އަކީ އޭދަފުށީގައި ފާހަގަކޮށްލެވޭ ފުޓްސަލް ކުޅުންތެރިއެއް. ފޮޓޯ: އޭދަފުށި ކައުންސިލް
މުރިނގު ޓީމުގެ މުޑާ ބޯޅަ ހިފައިގެން. މުޑާ އަކީ އޭދަފުށީގައި ފާހަގަކޮށްލެވޭ ފުޓްސަލް ކުޅުންތެރިއެއް. ފޮޓޯ: އޭދަފުށި ކައުންސިލް

މިއީ އޭދަފުށި ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި މިހާތަނަށް ދެފަހަރު ވާދަކޮށްފައިވާ މުރިނގުން މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މުބާރާތުގައި އެޓީމު ބައިވެރިވި ފުރަތަމަ އަހަރު ފިޔަވައި ދެން އައި ކޮންމެ އަހަރަކުވެސް އެ ޓީމުން އިޝްތިހާރު ކުރަމުން އަންނަނީ އެންމެ ފުރަތަމަ ނަމާދެވެ.

މިއީ ހަމަ ޓީމު ތެރޭގަ މަޝްވަރާކުރުމަށްފަހު ހުރިހާ އެންމެންނަށްވެސް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށް ފެނިގެން ފެށި ކަމެއް. ފުރަތަމަ އަހަރު ޖަހާފަ ދެން ބޭނުންވީ ކޮންމެ އަހަރަކުވެސް އެ މެސެޖު ހަމަ އެގޮތަށް ބައިންދަން.

މުރިނގު ޓީމަށް ކުޅެމުން އަންނަ އަދި ޓީމު ލީޑު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އިބްރާހިމް ޝަރީފް (ލުއްޑަ) ފަހުމިނެޓާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭދަފުށި ފުޓްސަލް ކަޕް ފަދަ ވާދަވެރިކަން ބޮޑު މުބާރާތެއްގެ ތަށްޓަށް ވާދަކުރާ ޓީމެއްގެ ތައްޔާރީތަކަށް ބޮޑު ހަރަދެއް ޔަގީނުންވެސް ހިނގާނެ އެވެ. ވަރަށް ގިނަ ފަހަރު ޓީމުތަކުން ބަރޯސާ ވަނީ ސްޕޮންސަރުންގެ ފަރާތުން ލިބޭ އެހީއަށެވެ. އެކަމަކު އެ ހާލަތުގައިވެސް މުރިނގުން ޖޯޒީގެ އެންމެ ޕްރައިމް ލޮކޭޝަން ސްޕޮންސަރުންނަށް ދޫކޮށެއް ނުލަ އެވެ.

"ސްޕޮންސަރ ދޭ މީހުން ގާތުވެސް ބުނަން ކުރިމަތީގަ ނުޖެހޭނެ އޭ. އެއީ ވަކި ބޭނުމަކަށް ހާއްސަކޮށްފަ އިންނަ ތަނެކޭ. އެހެން ކޮންމެ ދިމާލެއްގަވެސް ސްޕޮންސާ ޖެހޭނެއޭ. ދެން އެމީހުންވެސް ވަރަށް ގަބޫލުކުރޭ އެކަން." ލުއްޑާ ބުންޏެވެ.

މުރިނގުގެ ޒުވާން ކުޅުންތެރިން އިސްނަގައިގެން ފެށި އެ މުހިންމު މަސައްކަތް ރަށުގެ އާންމުން ވެސް ބަލައިގަނެ އެވެ. ލުއްޑާ ފާހަގަކުރި ގޮތުގައި އެއީ އެކަން ހުއްޓާނުލާ ކުރިއަށްގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

މުރިނގު ޓީމު ސެމީ ފައިނަލް މެޗުގައި ވާދަކުރަނީ. މުބާރާތުން ކެޓީ ޕެނަލްޓީގައި ބަލިވުމުން. ފޮޓޯ: އޭދަފުށި ކައުންސިލް
މުރިނގު ޓީމު ސެމީ ފައިނަލް މެޗުގައި ވާދަކުރަނީ. މުބާރާތުން ކެޓީ ޕެނަލްޓީގައި ބަލިވުމުން. ފޮޓޯ: އޭދަފުށި ކައުންސިލް

އިސްލާމް ދީނުގެ އެންމެ މުހިންމު އަޅުކަން އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން މުރިނގުން އެކުރަމުން އަންނަ މަސައްކަތުގައި އެޓީމުގެ ކުޅުންތެރިން އަންނަނީ ނަމޫނާ ވެސް ދައްކަމުންނެވެ. ރަށުގެ ބައެއް އާންމުންނާ ވާހަކަދައްކާލުމުން އެމީހުންވެސް އެކަން ފާހަގަކުރި އެވެ.

"އެމީހުން ހަމައެކަނި ނަމަކަށް ޖަހައިގެން އުޅޭ އެއްޗެއް ނޫން އެއީ. ވަރަށް ފަރުވާތެރިކަމާ އެކު އެކަން ކުރާވެސް ބައެއް އެއީ." ވަކިވަކި ބައެއް ކުޅުންތެރިންގެ ނަން ފާހަގަކުރަމުން ފަހުމިނެޓާ ވާހަކަ ދެއްކި އޭދަފުށީގެ ޒުވާނަކު ބުންޏެވެ.

https://fahuminet.com/tournaments/eydhafushi-futsal-cup-2026

އޭދަފުށީ މުރިނގުގެއަށް ނިސްބަތްވާ މި ޓީމަކީ އާއިލީ ގުޅުމުގެ ތެރެިން އުފަންވި ޓީމެކެވެ. މުޑާ އާއި ލުއްޑާގެ އިތުރުން އެމީހުންގެ ބޭބެ އިސްމާއިލް ޝަރީފަކީ އެޓީމުގެ އެންމެ މުހިންމު ތިން ކުޅުންތެރިންނެވެ. އެކުޅުންތެރިންގެ ފަހަރުގައި މުޅި އާއިލާ އޮންނަނީ އެކަތިގަނޑެއް ހެނެވެ. އެ އެންމެންގެ މަސައްކަތުން އަސްލު މަންޒިލާ ހަމައަށް އަދި ނުދެވުނަސް އެޓީމު ކުރަމުން އަންނަ އަގުހުރި މަސައްކަތަށް ސެލިއުޓް ހައްގެވެ.

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings