އޭދަފުށި ފުޓްސަލް ކަޕްގެ ފައިނަލުގެ ޖާގަތައް އެއިޓީފޯ އެފްސީ އާއި އަފްރޯ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
އަފްރޯ ސްޕޯޓްސް އަކީ މުބާރާތުގެ ތާރީހުގައި ކޮންމެ އަހަރަކު ވެސް ފައިނަލުގައި ވާދަކުރަމުން އަންނަ ޓީމެކެވެ. މިދިޔަ ތިން މުބާރާތުގެ ތެރެއިން ފުރަތަމަ ދެ މުބާރާތުގެ ފައިނަލުގައި ވާދަކޮށް އެޓިމުން ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު މިދިޔަ އަހަރުގެ ފައިނަލުގައި ސީސީ ސްޕޯޓްސް އަތުން ބަލިވީ އެވެ.
އަފްރޯ މިފަހަރު ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފަސޭހަކަމާ އެކު ކޭބަލް ބްރަދާސް 4-8 އިން ބަލިކޮށްގެންނެވެ.
މެޗުގައި އަފްރޯގެ މުހައްމަދު ފާސިރު (ފާއްޓެ) ވަނީ ފަސް ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ފާސިރުގެ އިތުރުން އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރާއި ދެ ގޯލު ޖެހި ހަމްދާން އަބްދުއްސައްތާރެވެ.
ކޭބަލް ބްރަދާސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އަނަސް މުހައްމަދު އެވެ. އަނެއް ދެ ގޯލު ޖެހީ މިމްރާހް އަބްދުލްއަޒީޒާއި އަލީ ރީހާން އެވެ.

އަފްރޯއާ ދެކޮޅަށް ނުކުންނަ އެއިޓީފޯ ފައިނަލުގެ ޖާގަ ހޯދީ މުރިނގު އެފްސީއާ ދެކޮޅަށް ކުޅުނު ވާދަވެރި ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގައި މުރިނގުގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ހައްފާފް ސިދުގީ އާއި ިއިބްރާހީމް ޝަރީފް އަދި އިސްމާއީލް ޝަރީފްގެ އިތުރުން އިބްރާހީމް ސިމާހް އެވެ.
އެއިޓީފޯގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝިހުބާން އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު އަޖުފާން އާއި މުހައްމަދު ހައްސާން އަހުމަދު އެވެ.
ޕެނަލްޓީގައި އެއިޓީފޯ ކުރި ހޯދިއިރު، އެ ޓީމުގެ ގޯލު ބެލެހެއްޓީ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އަޖުފާން އެވެ. އަޖުފާން އަކީ ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސްގެ ޑިފެންޑަރެކެވެ. ފުޓްސަލްގައި މީގެކުރިން އަޖުފާން ވަނީ އޭދަފުށީ ފުޓްސަލް ޓީމު ކުޅުނު ފައިނަލެއްގައި ވެސް ގޯލު ބަލަހައްޓައި ޓީމު މޮޅުކޮށްދީފަ އެވެ. އަޖުފާން ގޯލު ބަލަހައްޓައިގެން އޭދަފުށީ ފުޓްސަލް ޓީމުން ކާމިޔާބުކުރީ 2025 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަމެވެ.
https://fahuminet.com/tournaments/eydhafushi-futsal-cup-2026
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ އެވެ.
އޭދަފުށީ ފުޓްސަލް ކަަޕްގެ ގްރޫޕް ސްޓޭޖުގައި 12 ޓީމަކުން ވާދަކުރި އެވެ. މިފަހަރުގެ މުބާރާތުގައި ވެސް އެރަށުން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިފަ އެވެ.
