އއ. ތޮއްޑޫގައި ކުރިއަށްދިޔަ ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2026 ގެ ޗެމްޕިއަންކަން އެފްސީ އަމިގޯސް ހޯދައިފި އެވެ. މިއީ އެޓީމުން ތޮއްޑޫ ސޯސަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ ސޯސަން ފުޓްސަލް ކަޕްގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ.
ސޯސަން ފުޓްސަލް ކަޕްގެ ފުރަތަމަ ދެ މުބާރާތުގެ ތަށި ހޯދި އެފްސީ އަމިގޯސް އިން ތިންވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ މުބާރާތުގެ ފައިނަލްގައި ރޭ ހެލޯ ބޭބީއާ ވާދަކޮށް 2-5 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލާ ހަމައަށް އައި އެފްސީ އަމިގޯސް އިން މިރޭ އޮތް ފައިނަލް މެޗުގައި ޖެހި ފަސް ގޯލުގެ ތެރެއިން ދެ ލަނޑު، ކ. ގާފަރަށް އުފަން ޝަނާން ރަޝާދު ކާމިޔާބުކޮށްދިން އިރު މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު ވެސް ވަނީ މިރޭގެ މެޗުގައި ދެ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އެފްސީ އަމިގޯސްއިން ޖެހި އަނެއް ލަނޑު ހެލޯ ބޭބީގެ ގޯލަށް ވައްދާލީ އަމިގޯސްއަށް ކުޅެމުން އަންނަ އީރާނުގެ މޮހޮސެން އެވެ.
މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް އައި ހެލޯ ބޭބީއަށް ރޭގެ މެޗުގައި އެފްސީ އަމިގޯސްގެ ގޯލް ހުޅުވާލެވޭ ގޮތްވީ އެފްސީ އަމިގޯސްއިން ފަސް ލަނޑު ޖަހައި ޗެމްޕިއަންކަން ގާތްގަނޑަކަށް ޔަގީންކޮށްފައި އޮއްވަ އެވެ. ހެލޯ ބޭބީގެ ފުރަތަމަ ލަނޑު އެފްސީ އަމިގޯސްގެ ގޯލަށް ވައްދާލީ އަމިގޯސްގެ ފަސް ފައުލް ހަމަވުމާ ގުޅިގެން ހެލޯ ބޭބީއަށް ލިބުނު ދުރު ޕެނަލްޓީ އަކުން އަހުމަދު ރުވާއު އެވެ. އޭރު މެޗު ނިމެން އޮތީ ގާތްގަނޑަކަށް މިނެޓެކެވެ.

ހެލޯ ބޭބީއިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު އެފްސީ އަމިގޯސްގެ ގޯލަށް ވައްދާލީ މުހައްމަދު އިޔާދެވެ. މުބާރާތުގެ ތަށި މީގެ ކުރިން އެއް ފަހަރު ކާމިޔާބުކޮށްފައިވާ ހެލޯ ބޭބީއިން މި މެޗުގައި ޖެހި ދެ ލަނޑަކީ މި މުބާރާތުގައި އެފްސީ އަމިގޯސްގެ ގޯލަށް ވަތް ހަމައެކަނި ދެ ލަނޑެވެ. މި މެޗުގައި ހެލޯ ބޭބީގެ އިބްރާހިމް ޝައުފްއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ސޯސަން ފުޓްސަލް ކަޕްގެ ކިންގްގެ މަގާމު މިފަހަރު ހޯދާފައިވަނީ މީގެ ކުރިންވެސް މި މަގާމު ހޯދި ޝަނާނެވެ. މީގެ އިތުރުން ޝަނާން ވަނީ މި މުބާރާތުގައި ޖުމްލަ ފަސް ގޯލް ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޝަނާންގެ އިތުރުން ދެން ހިމެނުނީ ކާންޓް ޕްލޭގެ ޖުމައިލް ޖަމީލާއި، އެފްސީ އަމިގޯސްގެ ހުސައިން ޝަރީފް (އޮންލީ) ގެ އިތުރުން ހެލޯ ބޭބީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އިޔާދު އާއި ޔޫސުފް ސިދާމް (ސިއްކޮ) އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ އެފްސީ އަމިގޯސްއަށް ކުޅުނު ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު ނާޖިހެވެ.
https://fahuminet.com/tournaments/relax-kamana-sosun-futsal-cup-2026
ތޮއްޑޫގައި ކުރިއަށްދިޔަ ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕަކީ ފުޓްސަލްގެ ގިނަ ތަރިން ފެނިގެންދިޔަ މުބާރާތެކެވެ. ކޮންމެ އަހަރަކު ސޯސަން ކްލަބުން އިންތިޒާމުކުރާ މި މުބާރާތްވެފައިވަނީ ރާއްޖޭގެ ފުޓްސަލް ތަރިންގެ މެދުގައި މަޝްހޫރު މުބާރާތަކަށެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.
