އއ. ތޮއްޑޫގައި އުފައްދާފައިވާ ރިދަން ސްޕޯޓްސް އެކަޑަމީގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް މިއަހަރުވެސް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ޖުމްލަ ހަތަރު އުމުރު ފުރައެއްގައި ޓީމުތައް ބައިވެރިކުރެވޭ ގޮތަށް ހުޅުވާލި މި މުބާރާތް މިއަހަރު ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ ދެ ދުވަސްވަރަކަށް ބަހާލައިގެންނެވެ. މިގޮތުން މިއަހަރު ފުރަތަމަ ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ 14 އަހަރުން ދަށާއި އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތެވެ.
މި ދެ އުމުރުފުރާގެ މުބާރާތް އަންނަ ޖުލައި މަހުގެ 18 އިން 23 އަށް ކުރިއަށްގެންދަން ރިދަން ސްޕޯޓްސް އެކަޑަމީން ރާވާފައިވާ އިރު 10 އަހަރުން ދަށާއި، 12 އަހަރުން ދަށުގެ އުމުރުފުރައިގެ މުބާރާތް ކުރިއަށްގެންދަން ރާވާފައި އޮތީ ސެޕްޓެމްބަރު 12 އިން 17 އަށެވެ.
މި މުބާރާތްތަކުގައި ބައިވެރިވާ އެކަޑެމީތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ރިދަން އެކަޑެމީގެ އިސް އޮފިޝަލަކު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވަނީ މިފަހަރުގެ ޗެމްޕިއަންޝިޕްގައި ހިމެނޭ ކޮންމެ އުމުރުފުރާއެއްގައިވެސް ގިނަވެގެން ފުރުސަތު ދޭނީ ޖުމްލަ 12 ޓީމަށް ކަމަށެވެ.

ރިދަން ސްޕޯޓްސް އެކަޑަމީއިން މިދިޔަ އަހަރު ބޭއްވި މުބާރާތްތަކުގައި ޖުމްލަ 12 އެކަޑެމީއަކުން 34 ޓީމު ބައިވެރިވެފައިވެ އެވެ. މީގެ ތިން އަހަރު ކުރިން ތޮއްޑޫގައި އުފެއްދި ރިދަން ސްޕޯޓްސް އެކަޑަމީ ގައި 180 އަށްވުރެ ގިނަ ކުދިން ކުޅިވަރުގެ ހުނަރު ދަސްކޮށް ތަރައްގީކުރަމުން އަންނައިރު މި އެކަޑަމީގައި ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް އާއި ބެޑްމިންޓަނުން ވެސް ކުދިންގެ ހުނަރު ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރިދަން ސްޕޯޓްސް އެކަޑެމީއިން މައުލޫމާތުދިން ގޮތުގައި މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެ އެކަޑަމީ މެދުވެރިކޮށް ތޮއްޑޫގައި ހުރުމާއި، ކެއުމުގެ އިންތިޒާމުތައް ހަމަޖައްސަން އެދޭ ޓީމުތަކަށް ހާއްސަ އަގުތަކެއްގައި އެ އިންތިޒާމުތައް އެ އެކަޑަމީއިން ހަމަޖައްސައިދޭނެ އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފަހުން ސްރީލަންކާގެ ދެ އެކަޑެމީއަކުން ވެސް މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ އެކަޑެމީން ވަނީ މައުލޫމާތުދީފަ އެވެ.
ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް ގެ ހުރިހާ އުމުރުފުރާތަކެއްގެ މުބާރާތްވެސް މިފަހަރު ކުރިއަށްގެންދާ ގޮތަށް ހަމަހައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތަށް މުބާރާތް އިންތިޒާމުކުރަން ނިންމީ ބައިވެރިވާ ޓީމުތަކަށް ވީހާވެސް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އެކަޑެމީއިން ބުނެ އެވެ.
ރިދަން އެކަޑެމީ ޗެމްޕިއަންޝިޕްގެ އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދާ ޓީމަށް ޓްރޮފީ އާއި ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖައްސާފައިވާއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު 11 ކުޅުންތެރިންވެސް ހޮވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިދަން އެކަޑަމީއިން ބުނެ އެވެ.
ރިދަން އެކަޑެމީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން 9932325 އަށް ގުޅުއްވުމަށް އެކަޑަމީއިން އެދެ އެވެ.
