ފުރަތަމަ ސަފްޙާ / ޚަބަރު / ރާއްޖެއިން ބޭރުގެ ދެ ޓީމާއެކު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 18 ޓީމު
ރާއްޖެއިން ބޭރުގެ ދެ ޓީމާއެކު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 18 ޓީމު
ރިދަން ސްޕޯޓްސް އެކެޑަމީގެ މުބާރާތެއްގެ ތެރެއިން. ފޮޓޯ: ރިދަން ސްޕޯޓްސް އެކެޑަމީ

ރާއްޖެއިން ބޭރުގެ ދެ ޓީމާއެކު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 18 ޓީމު

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 11 ޖޫން 2026

އއ. ތޮއްޑޫ ރިދަން ސްޕޯޓްސް އެކަޑަމީގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕް 2026 ގެ 14 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ އުމުރު ފުރާގައި ސްރީ ލަންކާގެ އިތުރުން މާލެއާއި ރާއްޖޭގެ ފަސް ރަށަކަށް ނިސްބަތްވާ 13 އެކަޑަމީއަކުން 18 ޓީމު ބައިވެރިވެއްޖެ އެވެ.

މިއީ ރިދަން ސްޕޯޓްސް އެކަޑަމީން 2024 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

ޖުމްލަ ހަތަރު އުމުރު ފުރާއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ 14 އަހަރުން ދަށާއި އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ އަންނަ ޖުލައި މަހުގެ 18 އިން 23 އަށެވެ. މި މުބާރާތުގައި ހިމެނޭ 10 އަހަރުން ދަށާއި، 12 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުރިއަށްގެންދަން ރާވާފައި އޮތީ ސެޕްޓެމްބަރު 12 އިން 17 އަށެވެ.

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިގައި މިފަހަރު ބައިވެރިވެފައި ވަނީ ނުވަ ޓީމަކުންނެވެ. އެއީ ރިދަން އެކަޑަމީގެ އިތުރުން ނައިފަރު އެޕެކްސް ސްޕްޓްސް ކްލަބް، ރަސްދޫ ފުޓްބޯލް އެކަޑަމީ، ޔުނައިޓެޑް ވިކްޓަރީ، ނިއު ސްޓާ އެކަޑަމީ، އައްޑޫ ސިޓީގެ ފޭދޫ އަށް ނިސްބަތްވާ ސަޑޭ ސްޕޯޓްސް އެކަޑަމީ، އުޅުޅަސް އެކަޑަމީ، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ، އެސްޕަޔާ އެކަޑަމީ އަދި ސްރީ ލަންކާގެ ޖެޓްލައިނާސް އެކަޑަމީ އެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރު ފުރާގައިވެސް ބައިވެރިވެފައިވަނީ ނުވަ ޓީމަކުންނެވެ. އެއީ ރިދަން އެކަޑަމީގެ އިތުރުން ނިއު ސްޓާސް، އެސްޕަޔާ، ޔުނައިޓެޑް ވިކްޓަރީ، ފްރެންޑްސް ފުޓްބޯލް އެކަޑަމީ، ވިކްޓްރީ ސްޕޯޓްސް ކްލަބު، ކްލަބް ޑިސެންޑެންޓް، އުކުޅަސް އެކަޑަމީ އަދި ޖެޓްލައިނާސް އެކަޑަމީ އެވެ.

މީގެތިން އަހަރު ކުރިން ތޮއްޑޫގައި އުފެއްދި ރިދަން ސްޕޯޓްސް އެކަޑަމީ ގައި 180 އަށްވުރެ ގިނަ ކުދިން ކުޅިވަރުގެ ހުނަރު ދަސްކޮށް ތަރައްގީކުރަމުން އަންނައިރު މި އެކަޑަމީގައި ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް އާއި ބެޑްމިންޓަނުން ވެސް ކުދިންގެ ހުނަރު ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ، ކުރަމުންނެވެ.

ރިދަން ސްޕޯޓްސް އެކަޑަމީއިން މައުލޫމާތުދިން ގޮތުގައި މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެ އެކަޑަމީ މެދުވެރިކޮށް ތޮއްޑޫގައި ހުރުމާއި، ކެއުމުގެ އިންތިޒާމުތައް ހަމަޖައްސަން އެދޭ ޓީމުތަކަށް ހާއްސަ އަގުތަކެއްގައި އެއިންތިޒާމުތައް އެ އެކަޑަމީއިން ހަމަޖައްސައިދޭނެ އެވެ.

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ ހުރިހާ އުމުރުފުރާތަކެއްގެ މުބާރާތްވެސް މިފަހަރު ކުރިއަށްގެންދާ ގޮތަށް ހަމަހައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތަށް މުބާރާތް އިންތިޒާމުކުރަން ނިންމީ ބައިވެރިވާ ޓީމުތަކަށް ވީހާވެސް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އެކަޑަމީއިން ބުނެ އެވެ.

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ އެކި އުމުރުފުރާ ތަކުން ޗެމްޕިއަންކަން ހޯދާ ޓީމަށް ޓްރޮފީ އާއި ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖައްސާފައިވާއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު 11 ކުޅުންތެރިންވެސް ހޮވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިދަން އެކަޑަމީއިން ބުނެ އެވެ.

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings