މިއަހަރުގެ ފިތުރު އީދު ބަންދާ ދިމާކޮށް ތޮއްޑޫ ސޯސަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2026 ގެ ފައިނަލް މެޗު މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ސޯސަން ކްލަބުން އަންނަނީ މިރޭގެ ފައިނަލްގެ ފޯރި ގަދަކޮށް މުބާރާތުގެ ނިންމުން ވީހާވެސް ކުލަގަދަކުރުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.
މިފަހަރުގެ އީދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ރާއްޖޭގެ ފުޓްސަލްގެ އެންމެ ގިނަ ތަރިން ކުޅޭ މި މުބާރާތުގެ ނިންމުން ކުލަގަދަކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނަށާ ގްރޫޕް ކަމަށްވާ ހިޔަލަ ގްރޫޕްގެ ހުށަހެޅުންތަކެއް ވެސް އިންތިޒާމުކޮށްފައިވާ ކަމަށް ތޮއްޑޫ ސޯސަން ކްލަބުން ވަނީ މައުލޫމާތުދީފަ އެވެ.
ފުޓްބޯޅަ އާއި ފުޓްސަލްގެ ގިނަ މުބާރާތްތަކެއް އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ތޮއްޑޫ ސޯސަން ކްލަބުން 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ސޯސަން ފުޓްސަލް ކަޕްގެ ފައިނަލްގައި މިފަހަރު ވާދަކުރަނީ މި މުބާރާތް ބޭއްވި ފުރަތަމަ ދެ އަހަރު ތަށި އުފުލާލި އެފްސީ އަމިގޯސް އާއި އޭގެ ފަހުން ޖެހިގެން އައި އަހަރު އޮތް މުބާރާތް ކާމިޔާބުކުރި ހެލޯ ބޭބީ އެވެ.
ދެކުނަށް ނިސްބަތްވާ ގިނަ ތަރިންނާއެކު ފަހު ހަނގުރާމައަށް ހެލޯ ބޭބީ ތައްޔާރު
މުބާރާތުގެ ފައިނަލަށް ހެލޯ ބޭބީ އައިސްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ފައިނަލްގެ ޖާގަ އެޓީމުން ކަށަވަރުކުރީ ސެމީ ފައިނަލްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖްގައި އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. މިފަހަރުގެ މުބާރާތުގައި ހެލޯ ބޭބީއިން ޖުމްލަ 12 ގޯލް ކާމިޔާބުކުރިއިރު ބައިކޮޅަށް 8 ގޯލް ވަނީ ވަދެފަ އެވެ.

ސޯސަން ކަޕް ބާއްވަން ފެށީއްސުރެ ކޮންމެ އަހަރަކު ވެސް މުބާރާތުގައި ބައިވެރިވަމުން އަންނަ ހެލޯ ބޭބީއިން ކޮންމެ އަހަރަކު ވެސް އެންމެ ދަށްވެގެން މުބާރާތުގެ ސެމީ ފައިނަލް ޔަގީންކުރެ އެވެ.
ޓީމު އުފެދުނު ފަހުން ގިނަ އަހަރުތަކެއް ވެފައިވާއިރު ހެލޯ ބޭބީ އަކީ ތޮއްޑޫގައި އޮންނަ ފުޓްސަލް ހުރިހާ މުބާރާތްތަކެއްގައި ކަހަލަ ގޮތަކަށް ބައިވެރިވަމުން އަންނަ ޓީމެކެވެ. ސޯސަން ފުޓްސަލް ކަޕްގެ ނަމުގައި މި މުބާރާތް ބާއްވަން ފެށުމުގެ ކުރިން ސޯސަން ކްލަބުން ބޭއްވި ސިކްސް އަ ސައިޑް މުބާރާތުގައި ވެސް ހެލޯ ބޭބީ އަކީ ކާމިޔާބު ޓީމެކެވެ. އެ މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމާ ގާތަށް ވެސް އެޓީމު އޮތީ ގޮސްފަ އެވެ.
މިފަހަރުގެ ސޯސަން ފުޓްސަލް ކަޕަށް ވެސް ހެލޯ ބޭބީ ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގައި އައްޑޫ ސިޓީ ހިތަދޫ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ހެލޯ ބޭބީން އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ހިތަދޫ ޓީމުން ގޯލްޑަން މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އަހްމަދު އަމްނު އާއި ދާނިޝް އިބްރާހީމް އަދި މުހައްމަދު ސަބާހް ހިމެނޭއިރު ގދ. ވާދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިޔާދު ވެސް ހެލޯ ބޭބީއަށް އަންނަނީ ކުޅެމުންނެވެ. މީގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. ގަމު ޓީމުގެ ގޯލް ބެލެހެއްޓި ހުސައިން ސާއިލް އާއި އައްޑޫ ސިޓީ ފޭދޫއަށް އެ މުބާރާތުގައި ކުޅުނު ޔޫސުފު ސިދާމު (ސިއްކޮ) އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ސާފު ރެކޯޑަކާ އެކު އަލުން ރަސްކަން އަތުލަން އެފްސީ އަމިގޯސް ފައްކާވެފައި
އެފްސީ އަމިގޯސް އިން މުބާރާތުގެ ފައިނަލަށް އައީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސަތޭކަ އިންސައްތަ ރެކޯޑަކާ އެކު އެވެ. އެޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ޔަންގް ސްޓާއާ ވާދަކޮށް 0-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި އަމިގޯސްއިން ކުޅުނު ތިން މެޗު ހިމަނައިގެން ޖުމްލަ ހަތް ގޯލް އެޓީމުން ކާމިޔާބުކޮށްފައިވާއިރު ބައި ކޮޅަށް އަދި މި މުބާރާތުގައި އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެފްސީ އަމިގޯސް އިން މިދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލައި މިފަހަރު އެޓީމުން ތައްޔާރުވީ އެހެން ހުރިހާ ފަހަރަކަށް ވުރެ ވެސް ވަރުގަދަކޮށެވެ. އެ ޓީމުގައި މިފަހަރު ތިބީ ހުސް ތަރިންނެވެ.
މިފަހަރުގެ ޓީމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަޔާޒް އަހްމަދު (އަޔާ) އާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގެ ބަދަލު ކީޕަރުގެ މަގާމު ފުރި އިބްރާހިމް ނާޖިހް އާއި ހުސައިން ޝަރީފް (އޮންލީ) އަންނަނީ ކުޅެމުންނެވެ. މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ތިމަރަފުށި ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިބްރާހިމް އަސްވަދު (ގަބޭ) އާއި އިސްމާއިލް މުނީޒްގެ އިތުރުން އެންމެ ފަހުން އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ހޯދި އާރްއާރްސީއަށް ކުޅުނު އީރާނުގެ ކުޅުންތެރިޔާ މޮހޮސިން މޮންޓަޒޭމީ ވެސް އަންނަނީ އެފްސީ އަމިގޯސް އަށް މި މުބާރާތުގައި ކުޅެމުންނެވެ. މި މުބާރާތުގައި އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ނުފެނުނު ނަމަވެސް ކްލަބް މޯލްޑިވްސްގެ ކިންގުގެ މަގާމު ހޯދާފައިވާ އަލީ ހާފިޒް (ހާއްޕެ) އާއި އަހްމަދު އަފްލާޒް ވެސް އަމިގޯސް ޓީމުގައި ވަނީ ހިމަނައިފަ އެވެ.
https://fahuminet.com/tournaments/relax-kamana-sosun-futsal-cup-2026
ސޯސަން ފުޓްސަލް ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 9:00 ގަ އެވެ. މި މެޗުގެ ލައިވް ސްކޯ އާއި ލައިވް ޓްރީމިން މި ނޫހުގެ ވެބްސައިޓުން ގެނެސްދޭނެ އެވެ.
